ކުޅިވަރު

ނިއުރޭޑިއަންޓްގެ އާ ޗެއާމަނަކަށް ގ.ފީރޯޒްގެ ޔާމީން އާދަމް


ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކުރިޔަށް އޮތް ދައުރުގެ ޗެއާމަނަކަށް ޔާމިން އާދަމް ހޮވައިފިއެވެ.ނިއުރޭޑިއަންޓްގެ ޗެއާމަނަކަށް ގަލޮޅު ފީރޯޒްގެ ޔާމިން އާދަމް ހޮވީ އެފްއޭއެމް ހައުސްގައި މިރޭ ބޭއްވި އެ ކްލަބްގެ އަހަރީ އާންމު ޖަލްސާގައެވެ. މިޖަލްސާގައި ބޯޑަށް އަލަށް ހޮވި ނުވަ މެމްބަރުން ކަނޑައެޅުމާއި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް އިއްވުން އޮތެވެ. ކުރިޔަށް އޮތް ދައުރަށް ނިއުރޭޑިއަންޓްގެ ޗެއާމަނަކަށް ޔާމިން އާދަމް ހޮވުނީ އަލަށް އެކުލަވާލި ބޯޑުގެ މެމްބަރުންގެ ފުރިހަމަ އަޣްލަބިއްޔަތުންނެވެ. ވައިސް ޗެއާމަނަކީ ހެންވޭރު ކުއީން އިސްމާއީލް ޒިޔާމެވެ. ވޭތުވެދިޔަ 4 އަހަރު ނިއުރޭޑިއަންޓްގެ ޗެއާމަނަކަށް ހުރީ ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ ކުރީގެ މެމްބަރު ޢަލީ ވަޙީދެވެ. ޢަލީ ވަޙީދުގެ ޗެއާމަން ކަމިގުގެ ދަށުން ނިއުރެޑިއަންޓްވަނީ ވޭތުވެދިޔަ 4 އަހަރު ދިވެހި ލީގު ކާމިޔާބުކޮށްފައެވެ. ނިއުރޭޑިއަންޓްގެ އާބޯޑަށް 11 ބޭފުޅަކު ކުރިމަތިލެއްވިއެވެ. ނަމަވެސް 2 ބޭފުޅަކު ނަން އަނބުރާ ގެންދިއުމުން ބާކީ ތިއްބެވި 9 މެމްބަރުން ބޯޑަށް ހޮވުނީ އެއްވެސް ވޯޓަކާނުލައެވެ. ނިއުރޭޑިއަންޓްގެ އަސާސީ ޤަވާއިދު ބުނާގޮތުން ބޯޑަށް އައްޔަންކުރަންޖެހޭ 9 މެމްބަރުން ނުވަތަ އެއަށްވުރެ މަދުން މީހުން ކުރިމަތި ލައިފިނަމަ ވޯޓަކަށް ނުގޮސް އެމެމްބަރުން ބޯޑަށް އައްޔަން ކުރެވޭނެއެވެ. އެހެންކަމުން ނިއުރޭޑިއަންޓްގެ އާބޯޑް އައްޔަންކުރީ އެއްވެސް ވޯޓަކަށް ނުގޮސް އަސާސީ ޤަވާއިދާ އެއްގޮތަށެވެ. ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ އާބޯޑުގައި ދެން ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ މާފަންނު ގެލެކްސީ މުޙައްމަދު ނިއުޝާދު، ޢަބްދުﷲ އަޒްމީން ހަޒްލީން ބ.ތުޅާދޫ، ހެންވޭރު ކޮޔަރ އައިޝަތު ނާޒިމާ، އިސްމާޢީލް ރަޝީދު، ގަލޮޅު ފީރޯޒްގެ މަދީޙް ޖަމާލް އަދި ގދ.ވާދޫ ބިއްލޫރި ޖެހިގެ އަޙްމަދު ޙުސައިންއެވެ. ނިއުރޭޑިއަންޓްގެ ކޮންގްރެސްގައި އެޓީމް މިހާރު އޮތް ޙާލަތާއި ކުރިޔަށް ރާވާފައިވާ ކަންކަމުގެ މަޢުލޫމާތު މެމްބަރުންނާ ޙިއްސާކުރިއެވެ. އަދި ހަމަ އެހެންމެ އެފްއޭއެމަށް އެކްލަބުންވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. ޚާއްސަކޮށް ދިވެހި ޕްރިމިއަރ ލީގުގެ ޗެމްޕިއަން ޓީމަށް އެއްމިލިއަން ރުފިޔާ ދޭނެ ކަމަށް އެފްއޭއެމުން ބުނުމަށްފަހު މިހާރު އެފައިސާގެ ޢަދަދު ތިންލައްކަ ފަންސާސް ހާހަށް ކުޑަވި ވާހަކަ އެފްއޭއެމުން އެކްލަބަށް އަންގާފައިވާ ކަމަށްބުނެ އެކަމަށް ވަރަށް ބޮޑަށްވަނީ ފާޑު ކިޔާފައެވެ. ހަމަ އެހެންމެ އެފްއޭއެމް ރަނގަޅު މިސްރާބަކަށް ގެންގޮސް ދިވެހި ފުޓްބޯޅަ މި އޮތް އަޑިގަނޑުން ސަލާމަތް ކުރުމަށް ނިއުރޭޑިއަންޓުން އެފްއޭއެމަށްވަނީ ގޮވާލާފައެވެ.ނިއުރޭޑިއަންޓްގެ އާބޯޑުންބުނީ އަމާޒަކީ މިއަހަރުގެ ސީޒަނަކީވެސް ކާމިޔާބު އަހަރަކަށް ހެދުން ކަމަށެވެ. ހަމަ އެހެންމެ ކްލަބުގައި ދަރަންޏެއް ވާނަމަ އެކަން ޙައްލުކޮށް ސަޕޯޓަރުން ބޭނުންވާ މިސްރާބަށް ކްލަބްގެ ގެންދިއުން ކަމަށެވެ.