ޚަބަރު

ޔޫއޭއީގެ ރައްޔިތުންނަށް ދޭ އެލަވަންސް ދެ ގުނައަށް ބޮޑުކޮށްފި


ޔޫ.އޭ.އީގެ ރައްޔިތުންނަށް ދޭ މާލީ އެހީތެރިކަން ދެ ގުނައަށް އިތުރު ކުރަން އެ ޤައުމުގެ ސަރުކާރުން ނިންމައިފިއެވެ. މިއީ، ތަކެތީގެ އަގުތައް އުފުލެމުން ދިޔުމުގެ ސަބަބުން އެ ޤައުމުގެ ރައްޔިތުންނަށް ކުރިމަތިވަމުންދާ މާލީ ދަތިތަކުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން ނިންމާފައިވާ ނިންމުމެކެވެ.

މި ކަމުގެ ފައިދާ ކުރާނީ ކާބޯތަކެއްޗާއި ތެލާއި ހަކަތައިގެ އަގުތައް އުފުލުމުގެ އަސަރު އެންމެ ބޮޑަށް ފޯރަމުންދާ އެންމެ ދަށް އާމްދަނީއެއް ލިބޭ ޢާއިލާތަކަށެވެ. އެ ޢާއިލާތަކަށް ދޭ އެލަވަންސް އިތުރު ކުރުމަށް ޔޫ.އޭ.އީ.ގެ ސަރުކާރުން 7.6 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދު ކުރާނެއެވެ. ނަމަވެސް، އެ ފައިސާ ހޯދާނެ ގޮތެއް ޔޫ.އޭ.އީ.ގެ ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. ޔޫ.އޭ.އީ.އަކީ ތެލުގެ ގޮތުން ވަރަށް މުއްސަނދި ޤައުމެކެވެ.

އެންމެ ދަށް އާމްދަނީއެއް ލިބޭ ޢާއިލާތަކުގެ އިތުރުން، ޔުނިވަރސިޓީތަކުގައި ކިޔަވާ ދަރިވަރުންނާއި އުމުރުން 45 އަހަރުން މަތީގެ ވަޒީފާ އަދާ ނުކުރާ މީހުންނަށް ވެސް އެލަވަންސް ބޮޑު ކުރާނެއެވެ. ޔޫ.އޭ.އީ.ގައި 10 މިލިޔަނަށް ވުރެ ގިނަ މީހުން ދިރިއުޅުނު ނަމަވެސް، އެ ޤައުމުގެ ރައްޔިތުންގެ އަދަދު އޭގެ 10 އިންސައްތައަށް ވެސް ނާރައެވެ. އަދި، އެ ޤައުމަށް ހިޖުރަކޮށްފައިވާ މީހުންނާއި، އެހެން ޤައުމުތަކުގެ ރައްޔިތުންނަށް މި ނިންމުމުގެ އެއްވެސް ނަފާއެއް ނުލިބޭނެއެވެ.

ތަކެތީގެ އަގުތައް އުފުލެމުންދާތީ، އެ ޤައުމުގައި ދިރިއުޅޭ ބިދޭސީ އާބާދީގެ ގިނަ ބަޔަކު ދާދި ފަހުން ވަނީ ޝަކުވާ އުފުލާފައެވެ. އެ މީހުން ބުނަނީ، ތެލާއި ދިރިއުޅުމުގެ ޚަރަދުތަކުގެ އަގު ފާއިތުވި މަސްތަކުގެ ތެރޭގައި 80 އިންސައްތައަށް އުފުލިފައިވާ ކަމުގައެވެ. އަދި، ޑެލިވަރީ ޑްރައިވަރުންގެ ގޮތުގައި އެ ޤައުމުގައި މަސައްކަތް ކުރާ ބިދޭސީންތަކެއް މި އަހަރުގެ ކުރީކޮޅު ވަނީ ތެލުގެ އަގު އުފުލެމުންދާތީ ކަންބޮޑުވުން ފާޅުކޮށް މުޒާހަރާ ވެސް ކޮށްފައެވެ.