ޚަބަރު

ކާރު ކޮންޓްރޯލްނުވެ ފުނޑުފުނޑު، އެތައް ބައެއްގެ ފުރާނައަށް ނުރައްކާ!


މިފަހުން މާލޭގައި ހިނގައިދިޔަ އެންމެ ނުރައްކަތެރި އެކްސިޑެންޓަކީ އިއްޔެ އިރުއޮއްސުމާއި ގާތްވެފައި ވަނިކޮށް، ބޮޑު ތަކުރުފާނުމަގުން މާފަންނު ޓްރެކް ސަރަހައްދުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެެވެ.

ޖާގަބޮޑު، ތާރު އަޅާފައިވާ މިމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި 6 މީހަކަށް ބޮޑެތި ޒަޚަމްތަކެއް ލިބުނުއިރު، އޭގެ ތެރޭގައި ހިމެނޭ ޒުވާން އަންހެން ކުއްޖެއް ވަނީ އެކްސިޑެންޓް ހިނގިތާ މާގިނައިރުތަކެއް ނުވަނީސް ފަރުވާދެމުންދަނިކޮށް ނިޔާވެފައެވެ. އަދި މިހާރު ފަރުވާ ހޯދަމުންދާ 4 މީހުންގެ ހާލުވެސް ސީރިއަސްއެވެ. އެކަކަށް އައިސީޔޫގައި ފަރުވާދެމުންދާއިރު އަނެއް ތިން މީހުންނަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައެވެ.

ހާދިސާ ހިނގި ގޮތް:

މިހާދިސާ ހިނގާފައިވާ ގޮތުގެ ތަހުގީގް ފުލުހުން ކުރަމުންދާއިރު، އެކްސިޑެންޓް ހިނގި ވަގުތުގެ ވީޑިއޯއެއް ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ކޮންޓްރޯލް ނުވެގެން ބާރު ސްޕީޑުގައި އެނބުރެމުން، އެނބުރެމުން އައި ރަތް ކުލައިގެ ކާރު މުޑި އެރީ ބޮޑުތަކުރުފާނު މަގުން އެވަގުތު ދުއްވާފައި ދިޔަ ބަހަކަށެވެ. އަދި ބަހުގައި ކާރު ޖެހުނު ގޮތަށް ކާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.

ކާރާއި، ބަސް ޖެހި ކާރު ވެފައި އޮތް ގޮތުން ކާރުގައި ތިބި މީހުން ކާރުން ނަގަން ޖެހުނީވެސް ސިފައިންގެ އެހީތެރި ކަމާއިއެކުގައެވެ. ވީޑިއޯއިން ފެންނަ ގޮތުން މިހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ދުވަން އުޅުނު ދެ މީހަކު ސަލާމަތްވީވެސް ހަމަ ކިރިޔާއެވެ. އަދި އެއީ ކޮންމެވެސް ވަރަކަށް ވާރޭ ވެހެމުން ދިޔަ ވަގުތެއްކަމުން އެ މަގުގައި މާ ގިނަ ސައިކަލްތަކެއް ނެތްކަން ފާހަގަކުރެވެއެވެ.

މިއެކްސިޑެންޓް ހިނގުމާއިއެކު ކާރުގައި ތިބި މީހުންނަށް އެހީތެރިވުމަށް މަސައްކަތް ކުރީ ޕޭމަންޓު ކައިރިން ދުވަން ނިކުމެ އުޅުނު ދެމީހުންނެވެ. އެއަށްފަހު ސިފައިންނާއި ފުލުހުންނާއި، އާންމުން ވަނީ ކާރުގައި ތިބި މީހުން ނަގައި ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ފުުލުހުން ވިދާޅުވީ މި އެކްސިޑެންޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.

މާލެއަކީ އެ ސިޓީގައި ދިރިއުޅޭ މީހުންގެ އަދަދުގެ ގިނަކަމާއި، ދުއްވާ އުޅަދުފަހަރުގެ އަދަދުވެސް އިންތިހާއަށް ގިނަވެ، ހުރިހާ ގޮތަކުންވެސް ތޮށްޖެހިފައިވާ ސިޓީއެކެވެ. މާލެއަށް ވެހިކަލްތައް އެތެރެ ކުރުމުގައި އަދިވެސް މާބޮޑު ކޮންޓްރޯލެއް ނެތުމާއެކު، ސައިޒުގެ ގޮތުން ކުޑަ ނަމަވެސް، ދަތުރު ފަތުރު ކުރުމުގައި މާލޭ ސިޓީގައި ސައިކަލާއި ކާރުގެ ބޭނުން ކުރުމަކީ އެންމެ އާންމު ވަސީލަތްކަމަށްވެ، މާލޭގެ ދަތުރުފަތުރުގެ ވަސީލަތް ވެގެން ގޮސްފައިވަނީ އެންމެންގެވެސް ދިރުއުޅުމާއި، ރައްކާތެރިކަމާ ގުޅި ލާމެހިގެން ގޮސްފައިވާ ކަމަކަށެވެ.

ނުރައްކާތެރި އެކްސިޑެންޓުތަކުން ރައްކާތެރިވުމަށް ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކޮށް، އަމިއްލަ ފުރާނައާއި އެހެން މީހުންގެ ރައްކާތެރިކަމަށްޓަކައި މަގުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ މުހިންމު ކަމެކެވެ. މިފަދަ ކޮންމެ ހާދިސާއަކީ މީގެ ސަބަބުން އެތައް ބަޔަކަށާއި، ޢާއިލަތަކަށް އެކަމުން ފޫ ނުބެއްދޭވަރުގެ ގެއްލުމާއި ކުރިމަތިވާނެ ކަންތައްތަކެކެވެ.