ކުޅިވަރު

ސިޓީ ގައުމީ މުބާރާތުގެ ފައިނަލަށް، ޕޮލިހަށް ތިންވަނަ ސެމީގެ ޖާގައެއް


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލް މެޗުގެ ސީދާ ޖާގައެއް ސްޕޯޓްސް ކުލަބު ސިޓީން ހޯދިއިރު، ފުރަތަމަ ސެމީ ފައިނަލުގައި ކުލަބު ވެމްކޯ ބަލިކޮށް ތިންވަނަ ސެމީން ޕޮލިސް ކުލަބު ފުރުސަތު ހޯދައިފިއެވެ.

ފައިނަލުގެ ސީދާ ޖާގައެއް ސިޓީން ހޯދީ ހޯމަ ދުވަހުގެރޭ ކުޅުނު ދެވަނަ ސެމީގައި ދިވެހި ސިފައިންގެ ކުލަބު ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މި މެޗުގެ ފުރަތަމަ ސެޓުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، މި ސެޓުގެ ފަހުކޮޅު ސިޓީން ވަނީ މޮޅު ކުޅުމެއް ދައްކައި 25-21 އިން މި ސެޓު ކާމިޔާބުކޮށްފައެވެ.

އެކަމަކު އޭގެ ފަހުން އަނެއް ދެ ސެޓުގައިވެސް ސިފައިންގެ ޓީމުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މި ދެ ސެޓުގައި އެ ޓީމުގެ ކުޅުންތެރިންނަށް ވަނީ ގިނަ ގޯސްތަކެއް ހެދިފައެވެ. އެއާއެކު މި ދެ ސެޓު ސިޓީން ގެންދިޔައީ 25-18 އަދި 25-11 އިންނެވެ.

މި މެޗުން މޮޅުވެ ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލަށް ސިޓީ ދަތުރުކުރިއިރު، މި ސީޒަނުގެ ވޮލީބޯލް އެސޯސިއޭޝަން ކަޕާއި ،މައިލޯ ގައުމީ ވޮލީބޯޅަ ލީގު ކާމިޔާބުކުރި ސިިޓީން މިހާތަނަށް ކުޅުނު 11 މެޗުގެ ތެރެއިން ބަލިވީ އެސޯސިއޭޝަން ކަޕުގެ ލީގު ބުރުގައި ވެމްކޯ އަތުން އެކަންޏެވެ. އަދި އެ ޓީމުން ލީގު ކާމިޔާބުކޮށްފައިވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތައިން ސައްތަ ރިކޯޑަކާއެކުގައެވެ.

މީގެ އިތުރުން ތިންވަނަ ސެމީގެ ޖާގައެއް ޕޮލިސް ހޯދާފައިވަނީ ހޯމަ ދުވަހުގެ ހަވީރު ކުޅުނު ފުރަތަމަ ސެމީގައި ވެމްކޯ ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ.

މި މެޗުގައި ވެމްކޯގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މެޗު ފަށައިގެން ޕޮލިހުން ވަނީ ރަނގަޅު ރޫހެއްގައި ކުޅެފައެވެ. އެއާއެކު ފުރަތަމަ ސެޓު ޕޮލިހުން ކާމިޔާބުކުރީ 25-19 އިންނެވެ.

މި މެޗުގެ ފުރަތަމަ ސެޓު ގެއްލުމުން ވެމްކޯއިން ދެވަނަ ސެޓު ފަށައިގެން ކޮންމެވެސް ވަރަކަށް ކުޅުން ރަނގަޅުކުރި ނަމަވެސް، މި ސެޓުގެ މެދެއްހާ ހިސާބުން ވެމްކޯއަށް އަމިއްލަ އަށް ހެދޭ ގޯސްތައް އިތުރުވެ، އެ ޓީމަށް ވަނީ 25-21 އިން ސެޓު ގެއްލިފައެވެ. އަދި ތިންވަނަ ސެޓު ޕޮލިހުން ކާމިޔާބުކުރީ 25-20 އިންނެވެ.

މި މޮޅާއެކު ތިންވަނަ ސެމީއަށް ޕޮލިސް ދަތުރުކުރިއިރު، އަންގާރަ ދުވަހުގެރޭ ކުޅޭ ތިންވަނަ ސެމީގައި އެ ޓީމާ ދެކޮޅަށް ނުކުންނާނީ ފުރަތަމަ ސެމީން ބަލިވި ސިފައިންގެ ކުލަބެވެ. އެ މެޗުން މޮޅުވާ ޓީމެއް ބުރާސްފަތި ދުވަހުގެރޭ ގައުމީ މުބާރާތުގެ ފައިނަލުގައި ސިޓީއާ ދެކޮޅަށް ނުކުންނާނެއެވެ.