ދުނިޔެ

ޒިކާ ވައިރަހާއި ދެކޮޅަށް ކުރާ މަސައްކަތް ހަރުދަނާކުރަންޖެހޭ


ލެޓިން އެމެރިކާގެ ބައެއް ޤައުމުތަކުގައި ހަލުވި ކަމާއެކު ފެތުރެމުންދާ ޒިކާ ވައިރަހާއި ދެކޮޅަށް ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް އެމެރިކާގެ ސައިންސްވެރިން ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ ޑަބްލިއު.އެޗް.އޯއަށް ގޮވާލައިފިއެވެ.އެމެރިކާގެ މެޑިކަލް ޖާނަލެއްގައި ޝާޢީޢުކުރި އާޓިކަލެއްގައި އެމެރިކާގެ ސައިންސްވެރިން ބުނެފައިވަނީ 2014 ވަނަ އަހަރު ހުޅަނގު އެފްރިކާގައި ފެތުރިގެން ދިޔަ އެބޯލާ ބަލިމަޑިކަމުން ލިބުނު ފިލާވަޅުތަކުގެ ފުރިހަމަ ބޭނުން ހިފުމަށް ޑަބްލިއު.އެޗް.އޯއަށް ގޮވާލާކަމަށެވެ. އަދި ޒިކާ ވައިރަހުގެ ތަޖުރިބާކާރުން ހިމެނޭ ގޮތަށް ޑަބްލިއު.އެޗް.އޯގެ އިމަޖެންސީ ކޮމިޓީއެއް އެކުލަވާލުމަށް ވެސް އެމެރިކާގެ ސައިންސްވެރިން ވަނީ އިލްތިމާސްކޮށްފައެވެ.އީޑިސް މަދިރިން ފެތުރޭ ޒިކާ ވައިރަހަކީ ފުރާނައަށް ގެއްލުންވާފަދަ ވައިރަހެއް ނޫން ނަމަވެސް މާބަނޑު މީހުންނަށް މި ވައިރަސް ޖެހުމުން ބަނޑުގައި އޮންނަ ދަރިފުޅުގެ ސިކުނޑިއަށް އޭނގެ ސަބަބުން އަސަރު ކުރެއެވެ.މި ވައިރަހަށް މިހާތަނަށް ވެކްސިނެއް ހެދިފައި ނުވާ އިރު މިފަދަ ވެކްސިނެއް އުފައްދާ ޢާއްމުންނާ ހަމައަށް އަންނާނީ 10 އަހަރު ދުވަސް ފަހުން ކަމަށް އެމެރިކާގެ ސައިންސްވެރިން ބުނެއެވެ.