ޚަބަރު

ޓީޗަރުން ލިބުން ދަތިވާ ސަބަބުތައް ދެނެގަތުމަށްޓަކައި އެކުލަވާލި ރިޕޯޓް ޝާއިއުކޮށްފި


ތަޢުލީމީ ދާއިރާއަށް ފެންވަރު ރަނގަޅު ޓީޗަރުން ލިބުން ދަތިވާ ސަބަބުތައް ދެނެގަތުމަށްޓަކައި ދިރާސާ ކުރެއްވުމަށް އުފެއްދެވި ރިސަރޗް ގްރޫޕުން އެކުލަވާލެއްވި ރިޕޯޓު، ޝާއިޢުކޮށްފިއެވެ.

6 މެންބަރުންގެ މައްޗަށް އެކުލެވޭ ފަންނީ ގުރޫޕާއި ދިރާސާގެ މަސައްކަތް ހަވާލުކުރެއްވީ 31 އޮކްޓޫބަރު 2021 ގައެވެ.

މި ދިރާސާގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއަށް މީހުން ޝައުޤުވެރިނުވާ ސަބަބުތަކަކީ ކޮބައިކަން ހޯދުމާއި، މުދައްރިސުންނާއި ތަޢުލީމީ ދާއިރާގެ ކަންތައްތައް މިހާރު ހުރި ގޮތުގެ ހާލަތު ދެނެގަނެ ސަރުކާރު ސްކޫލުތަކުގައި މަސައްކަތް ކުރާ މުދައްރިސުން މި ފަންނުގައި ދެމިތިބެ އަދި ކުރިއަށްދިއުމަށް ދަތިވެފައިވާ ސަބަބުތައް ދެނެގަތުމެވެ. އަދި ދިރާސާގެ އަލީގައި މި ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެ ހުށަހެޅުންތަކެއް ހުށަހެޅުމެވެ.

"އެދުރުންގެ ފަންނު:ގޮންޖެހުންތަކާއި ހުށަހެޅުންތައް" މި ނަމުގައި ޝާއިޢުކޮށްފައިވާ މި ދިރާސާއިން، މުދައްރިސުން ތަޢުލީމީ ދާއިރާ ދޫކޮށްލާ މައިގަނޑު ސަބަބުތަކެއްގެ ގޮތުގައި މުސާރަކުޑަވުމާއި، މަސައްކަތް ބުރަވުމާއި، މުދައްރިސުންގެ ޙައްޤުތަކަށް ރައްކާތެރިނުވުމާއި އަދި މަސައްކަތު މާޙައުލުގެ ވަޞީލަތްތައް ނެތުންފަދަ ކަންތައްތައް ފާހަގަވިއެވެ. މި ރިޕޯރޓް ވަނީ 9 މާރިޗު 2022، ދުވަހު ރިސާރޗް ގްރޫޕްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހުށައަޅުއްވާފައެވެ.

މި ރިޕޯޓް އެކުލަވާލަފައިވަނީ ހުރިހާ އަތޮޅަކުން އެކި ފަންތީގެ 52 ސްކޫލެއްގެ މަޢުލޫމާތުތައް ހިމަނައިގެނެވެ. އެގޮތުން މުދައްރިސުންގެ މެދުގައި ކުރި ސަރވޭގައި 1107 މުދައްރިސުން ވަނީ ބައިވެރިވެފައެވެ. އަދި ދަރިވަރުންނާއި ލީޑިން ޓީޗަރުންނާއި ޑެޕިއުޓީ ޕްރިންސްޕަލުންނާއި ޕްރިންސްޕަލުން ވަނީ ސާވޭގައި ބައިވެރިވެފައެވެ.

މި ރިޕޯޓްގައި ހުރި ބައެއް ކަންކަމަށް ބަލާއިރު 2021 ވަނަ އަހަރު ނިމުނު އިރު ސަރުކާރު 214 ސްކޫލްގައި ތިބި މުދައްރިސުންގެ ތެރެއިން 79.2 އިންސައްތަ މުދައްރިސުންނަކީ ދިވެހި މުދައްރިސުންކަން ފާހަގަކޮށްފައިވެއެވެ. އެއީ 6،490 މުދައްރިސުންނެވެ. މީގެ ތެރެއިން 81.1 އިންސައްތަ މުދައްރިސުންނަކީ އަންހެނުންނެވެ. އަދި ބިދޭސީ މުދައްރިސުންގެ ގޮތުގައި 1،708 މުދައްރިސުން ތިއްބެވެ. އެއީ 20.8 އިންސައްތަ މުދައްރިސުންނެވެ. މި ރިޕޯޓުގައިވާގޮތުން ދިވެހި މުދައްރިސުންގެ ތެރެއިންވެސް ތަމްރީން ލިބިފައިނުވާ މުދައްރިސުން ގިނައެވެ.

ދިވެހިރާއްޖޭގެ ސްކޫލްތަކަށް ފެންވަރު ރަނގަޅު ޓީޗަރުން ލިބުން ދަތިވާ ސަބަބުތައް ދެނެގަތުމަށްޓަކައި ދިރާސާއެއް ކުރައްވަން ނިންމަވައި ރައީސުލްޖުމްހުރިއްޔާ، އިބްރާހިމް މުހައްމަދު ސާލިޙް، އެކަން އިޢުލާންކުރެއްވީ 2019 ވަނަ އަހަރުގެ މަތީ ޘާނަވީ އިމްތިޙާނުތަކުގެ މަތީ ވަނަތަކަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ތާޖުއްދީން ސްކޫލްގައި ބޭއްވެވި ޖަލްސާގައެވެ.

ޓީޗަރުން ނުލިބޭ މައްސަލަ ހައްލުކުރުމަށާއި ޓީޗަރުންނަށް ލިބޭ މުސާރަ ބޮޑުކުރުމުގެ ގޮތުން ޓީޗަރުންނާއި ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށް، މި އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އެކަން އިޢުލާންކުރައްވާފައެވެ.