ޚަބަރު

ވަޒީފާ ނެތް މީހުންނަށް އެހީވުމަށް ވޯލްޑް ބޭންކާއި ގުޅިގެން ޚާއްސަ ސްކީމެއް

ރާއްޖޭގައި ވަޒީފާނެތް ފަރާތްތަކަށް އެހީވުމަށް ވޯލްޑް ބޭންކާއި ގުޅިގެން އަންއެމްޕްލޯއިމަންޓް އިންޝުއަރެންސް ބެނެފިޓް ސްކީމެއް ތަޢާރަފުކުރުމަށް ދިވެހި ސަރުކާރުން ވޯލްޑް ބޭންކާއެކު ސޮއިކޮށްފިއެވެ.

ވަޒީފާނެތް ފަރާތްތަކަށް ޚާއްސަ އިނާޔަތެއް ދިނުމަކީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނޭ މަސައްކަތެކެވެ. އެގޮތުން އެފަދަ ފަރާތްތަކަށް އެހީވުމުގެ ގޮތުން އަންއެމްޕްލޯއިމަންޓް ބެނެފިޓް ސްކީމެއް ތަޢާރަފުކުރުމަށާއި، "އެކްޓިވް ލޭބަރ މާރކެޓް ސާރވިސަސްގެ ޚިދުމަތް ތަޢާރަފުކޮށް ފުޅާކުރުމަށް "ސަސްޓެއިނަބަލް އެންޑް އިންޓެގްރޭޓަޑް ލޭބަރ ސާރވިސަސް" ނުވަތަ "ސެއިލްސް ޕްރޮޖެކްޓް" ހިންގުމަށް ވޯލްޑް ބޭންކާއެކު މިއަދު ވަނީ ސޮއިކޮށްފައެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރެވެ. އަދި ވޯލްޑް ބޭންކުގެ ފަރާތުން ސޮއިކުރެއްވީ، އެ ބޭންކުން ރާއްޖެއަށް ޚާއްސަކޮށްފައިވާ ކަންޓްރީ ޑިރެކްޓަރ ފާރިސް ހަދާދް-ރާރވޮސްއެވެ. ފިނޭންސް މިނިސްޓަރ ވަނީ ވޯލްޑް ބޭންކުގެ ކަންޓްރީ ޑިރެކްޓަރާއެކު ރާއްޖެއަށް އެކި ދާއިރާތަކުން މާލީ އެހީތެރިކަން ހޯދުމާގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ސެއިލްސް ޕްރޮޖެކްޓުގެ ދަށުން އަންއެމްޕްލޯއިމެންޓް ބެނެފިޓް ސްކީމެއް ޤާއިމުކުރުމަށާއި، އެއް ވިއުގައަކުން ވަޒީފާގެ ބާޒާރާއި ގުޅުންހުރި ޚިދުމަތްތައް ނުވަތަ "އެމްޕްލޯއިމަންޓް ސާރވިސަސް"ގެ ޚިދުމަތް ފޯރުކޮށްދިނުމަށް ރާއްޖެއަށް ބޭނުންވާ ފަންނީ އަދި މާލީ އެހީ ވޯލްޑް ބޭންކުގެ ފަރާތުން ފޯރުކޮށްދޭނެއެވެ.

އެގޮތުން އިކޮނޮމިކް މިނިސްޓްރީން ޤާއިމުކޮށްފައިވާ ޖޮބް ސެންޓަރުގެ ޚިދުމަތް އިތުރަށް ފުޅާކޮށް، ހުރިހާ ދިވެހި ރައްޔިތުންނަށްވެސް މި ޙިދުމަތްތައް ލިބޭނެގޮތް ހަމަޖެއްސުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖޮބް ސެންޓަރުތައް ޤާއިމުކުރާނެއެވެ. އަދި ޖޮބް ސެންޓަރުތައް މެދުވެރިކޮށް ވާޒީފާއަށް ބޭނުންވާ ހުނަރާއި ތަމްރީނުގެ އެކިއެކި ފުރުޞަތުތައް ހުޅުވާލައި، އަންއެމްޕްލޯއިމަންޓް އިންޝުއަރަންސް ބެނެފިޓް ސްކީމަށް ހުށަހަޅާ ފަރާތްތަކުން އަނބުރާ ވަޒީފާގެ މައިދާނަށް ނެރުމަށް ބޭނުންވާ އެހީތެރިކަންވެސް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.

މި ޕްރޮޖެކްޓު ހިންގުމަށް ހަމަޖެހިފައިވަނީ އިކޮނޮމިކް މިނިސްޓްރީއާއި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ގުޅިގެން 2027ގެ ނިޔަލަށެވެ. އަދި މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް މިހާރު ފެށިފައިވާއިރު، މި އަހަރުގެ ތެރޭގައިވެސް މި ޕްރޮޖެކްޓުގެ އިތުރު މަސައްކަތްތަކެއްކުރުމަށް ހަމަޖެހިފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.