ޚަބަރު

ފްލައިޓްތަކަށް ދަތިނުވެ ތެޔޮ ލިބޭނެ: އެމް.އޭ.ސީ.އެލް


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފްލައިޓްތަކަށް ދަތިނުވެ ތެޔޮ ލިބޭނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލުން ވިދާޅުވެއްޖެއެވެ.

އެމް.އޭ.ސީ.އެލުން ވަނީ ރާއްޖެއަށް ދަތުރުކުރާ ފްލައިޓްތަކާއި ރާއްޖޭގެ އެތެރޭގެ އުދުންހުންތަކާއި ބޭރުގެ އުދުންހުންތަކުގައި ބޭނުންކުރާ ތެޔޮ ކޮންޓްރޯލްޑް ނިޒާމެއްގެ ތެރެއިން ބޭނުންވާ ވަރަށް ފްލައިޓްތަކަށް ލިބޭނެ އިންތިޒާމް ހަމަޖައްސާފައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެމް.އޭ.ސީ.އެލުން ވިދާޅުވީ، އެއަރޕޯޓުގައި އާއްމުކޮށް ތެޔޮ ރައްކާކޮށްފައި ހުންނަނީ މަހުން މަހަށްކަމަށާއި، ދެން އަންނަ ތެޔޮ ޝިޕްމަންޓް މިމަހުގެ 15 ގައި ލިބޭނެކަމަށެވެ. އަދި އެހާތަނަށްވެސް އެއަރޕޯޓުން ފްލައިޓްތަކަށް ދަތިނުވާވަވަރަށް ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ.

އެމް.އޭ.ސީ.އެލުން ވިދާޅުވީ، މިފަހުން ލަންކާއަށް ކުރިމަތިވި އިޤްތިޞާދީ ހީނަރުކަމުގެ ސަބަބުން ލަންކާގައި ތެޔޮ ލިބުންދަތިވެ، ލަންކާއިން ރާއްޖެ އަންނަ ގިނަ ބޯޓުތަކުން، ގިނަ އަދަދަކަށް ތެޔޮ ބަރުކޮށްގެންދާކަމަށެވެ. އަދި ހީކުރި ވަރަށްވުރެ ގިނައިން ތެޔޮ ވިކިފައިވާކަމަށްވެސް އެކުންފުނިން ވިދާޅުވިއެވެ.

މިހާރު އެއަރޕޯޓުން ފުރާ ފްލައިޓްތަކަށް، ދަތުރުކުރާ މަންޒިލަށް ދާން ބޭނުންވާ ވަރަށް ތެޔޮ ދޫކުރަމުންދާކަމަށް އެމް.އޭ.ސީ.އެލުން ވަނީ ހާމަކުރައްވާފައެވެ. އަދި ޤައުމީ އެއަރލައިން މޯލްޑިވިއަނުން ކުރާ އެތެރޭގެ އުދުހުންތަކާއި ބޭރުގެ އުދުހުންތަކަށް ބޭނުންވާ ތެޔޮވެސް ވަކިން އެލޮކޭޓްކޮށްފައިވާ އެމް.އޭ.ސީ.އެލުން ވިދާޅުވެއެވެ.

މިމަހު ރާއްޖެ އަންނަން އޮތް ތެޔޮ ޝިޕްމަންޓު އައުމާ ހަމައަށްވެސް ފްލައިޓްތަކަށް ބޭނުންވާ ތެޔޮ އެއަރޕޯޓުން ލިބޭނެކަމަށާއި، އެއަރޕޯޓުގެ އޮޕަރޭޝަންތަކަށް ބުރުލެއްނައިސް ކުރިއަށްގެންދެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް އެމް.އޭ.ސީ.އެލުން ވިދާޅުވެއެވެ.

މިދުވަސްވަރަކީ ޗުއްޓީ ދުވަސްވަރުކަމުން، ރާއްޖޭގެ އެތެރޭގެ އުދުހުންތަކާއި، އިންޓަރނޭޝަނަލް ފްލައިޓްތަކުގެ ދަތުރުތައްވެސް އިތުރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.