ޚަބަރު

އަންނަ ދިރާސީ އަހަރު ފެށެންވާއިރަށް މާލެ ޖަލު ހުސްކުރަނީ


ކުރިއަށް އޮތް ދިރާސީ އައު އަހަރުގެ ކިޔެވުން އަންނަ މަހު ފަށާއިރު، އަލަށް އަޅާ ދަރުމަވަންތަ ސްކޫލާއި އިންވެގެން ހުރި މާލޭ ޖަލުގައި ގައިދީން ނުތިބޭނެ ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ނަޒީރު ވިދާޅުވެއްޖެއެވެ.

ދިރާސީ އައު އަހަރު ފެށުމަށް ހަމަޖެހިފައިވަނީ ސްކޫލުތަކުގެ ބޮޑު ޗުއްޓީއަށްފަހު އަންނަ މަހުގެ 7 ވަނަ ދުވަހުއެވެ. ފުރަތަމަ ޓާރމްގެ ކިޔެވުން ނިމޭނީ ޑިސެންބަރު މަހުގެ 22 ވަނަ ދުވަހުއެވެ. އަދި ދެވަނަ ޓަރމްގެ ކިޔެވުން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހު ފަށާއިރު ދެވަނަ ޓާމްގެ ކިޔެވުން ނިމޭނީ ޖޫންމަހުގެ 22 ވަނަ ދުވަހުއެވެ.

ސްކޫލުތަކުގެ ކިޔެވުން ފަށާއިރު ދަރުމަވަންތަ ސްކޫލުގެ އައު އިމާރާތުގައި ކިޔެވުން ފެށުމަށް ދަނީ ތައްޔަރުވަމުންނެވެ. ވިލާ ކޮލެޖު ކުރިމަތީގައި އޮތް ހުސް ބިމުގައި އަޅާ މިއިމާރާތުގެ ފިނިޝިންގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ސްކޫލުގެ މަސައްކަތް ނިންމައި ކިޔަވަންފަށާއިރު ބެލެނެވެރިންނާއި، އެޑިއުކޭޝަން މިނިސްޓްރީގެވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ އިންވެގެން ހުރީ ކުށްވެރިން ބައިތިއްބާ ޖަލަކަށްވުމެވެ.

މިމައްސަލަ ހައްލު ކުރުމަށްޓަކައި ކަރެކްޝަނާއި ހޯމް މިނިސްޓްރީން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ނަޒީރު ވިދާޅުވީ ދިރާސީ އަހަރު ފަށާއިރު މާލޭ ޖަލު ހުސްކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރަމުންދާކަމަށެވެ. ދިރާސީ އަހަރު ފަށާއިރު މާލޭ ޖަލުގައި ގައިދީން ނުތިބޭނެކަމުގެ ޔަގީންކަން ނަޒީރު ވަނީ ދެއްވާފައެވެ. މިހާރު މާލޭ ޖަލުގައި ތިބި ގައިދީން އެހެން ޖަލުތަކަށް ބަދަލުކޮށްގެން ނަމަވެސް އަދި ހުޅުމާލޭގައި މަރާމާތު ކުރަމުންދާ ޖަލުގެ މަސައްކަތް ނިންމައިގެން ނަމަވެސް ދިރާސީ އަހަރު ކިޔެވުން ފަށާއިރަށް މިކަމަށް ހައްލު ގެނެވޭނެކަމަށް އަލީ ނަޒީރު ވިދާޅުވިއެވެ.

ދަރުމަވަންތަ ސްކޫލުގެ އާއިމާރާތުގައި ކޮންމެ ކްލާހެއްގައި 25 ކުދިންނަށް ކިޔެވޭނެގޮތަށް 41 ކްލާސްރޫމް ހަަދަންވަނީ ނިންމާފައެވެ. 1000 ކުދިންގެ އާބާދީ އަކަށް ކިޔަވައިދެވޭނެގޮތަށް އިމާރާތް ކުރާ މިސްކޫލްގައި ޕްރައިމަރީއާއި ސެކަންޑަރީއަށް ޚާއްސަކޮށްގެން 2 ބުރީގެ ލައިބްރަރީއެއްވެސް ހުންނާނެއެވެ. މީގެއިތުރުން މަސައްކަތު މީހުންނަށް ޚާއްސަ ޖަގަހަ ތަކާއި އިތުރު ހަރަކާތްތައް ހިންގާނެ ރޫމްތައްވެސް ހުންނާނެއެވެ.

ދަރުމަވަންތަ ސްކޫލްގެ އައު ޢިމާރާތަކީ ވަށާޖެހޭ ތަޢުލީމެއްދެވޭ އެއްދަންފަޅިއަށް ހިންގާނެ ފުރަތަމަ މޮޑެލް ސްކޫލެވެ. ދަރުމަވަންތަ ސްކޫލަކީ މަޖީދިއްޔާ ސްކޫލުގައި ދަރިވަރުން ގިނަކަމުން އެއް މެނޭޖްމަންޓެއްގެ ދަށުން ހިންގުމަށް ދިމާވި ދަތިތައް ޙައްލުކުރުމަށް އެސްކޫލް ދެބައިކުރުމަށްފަހު މަޖީދިއްޔާ ސްކޫލުގެ ބިމުން ބައެއްގައި އުފެއްދި ސްކޫލެކެވެ.

އެތަން ބާވެ ބޭނުންނުކުރެވޭވަރު ވުމުގެ ސަބަބުން 2016ވަނަ އަހަރުވަނީ އެސްކޫލް ބަންދުކުރުމަށްފަހު ވެލާނާގެއާ އިންވެގެން އޮންނަ ބިމުގައި ވަގުތީ ޢިމާރާތެއް ހަދައި ކިޔަވިދޭންވަނީ ފަށާފައެވެ.