ޚަބަރު

ތޫފާން ޗަބާގައި ކަނޑަށް ގެއްލުނު މީހުން ފެނުމުގެ ފުރުޞަތު ކުޑަ


ޗައިނާގެ ބައެއް ސަރަޙައްދުތަކަށް އަރާފައިވާ ބާރުގަދަ ތޫފާނެއް ކަމުގައިވާ ޗަބާއާ ގުޅިގެން ހޮންގްކޮންގުގެ އައްސޭރިފަށުގައި ކަނޑުވި 27 މީހަކު ދިރިތިއްބާ ފެންނާނެ ކަމުގެ އުންމީދު ފަނޑުވެފައިވާ ކަމުގައި ޗައިނާއިން ބުނެފިއެވެ. ޗައިނާގެ ދެކުނުގެ ސަރަޙައްދުތަކަށް މި ތޫފާން އަރާފައި ވަނީ ހަފުތާ ބަންދުގެ ތެރޭގައެވެ. މި ތޫފާނާއެކު ޗައިނާގެ ގުއަންޑޮންގް ޕުރޮވިންސަށް ވިއްސާރަކޮށް، ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ހޮންގްކޮންގްގެ އޮފިޝަލުން ބުނީ ތޫފާނާއެކު އައި ގަދަ ވަޔާއެކު ކަނޑުތައް ގަދަވެ، 30 މީހުންނާ އެކު ދަތުރުކުރަމުންދިޔަ އުޅަނދެއް ބިންދައިގެން ގޮސް، އޭގައި ދަތުރުކުރަމުން ދިޔަ މީހުން ކަނޑުވީ މިދިޔަ ހުކުރު ދުވަހުއެވެ. ކަނޑުވި މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންދާއިރު، ތިން މީހަކު މިހާރު ވަނީ ފެނިފައެވެ. ނަމަވެސް، ކަނޑުވި އަނެއް 27 މީހުން ދިރިތިއްބާ ފެނިދާނެ ކަމުގެ އުންމީދު ވަރަށް ފަނޑު ކަމުގައި ހޮންގްކޮންގުގެ އޮފިޝަލުން ބުނެއެވެ.

އެ އުޅަނދު ދެފަޅިވެފައި ވަނީ ހޮންގްކޮންގުގެ އައްސޭރިފަށުގައި ވައިން ހަކަތަ އުފައްދާ "ވިންޑް ޓަރބައިން"ތަކެއް ޖަހާފައިވާ ސަރަޙައްދެއްގައެވެ. ޗަބާއާ އެކު އެ ސަރަޙައްދަށް ގަޑިއަކު 140 ކިލޯމީޓަރުގެ ބާރުމިނުގައި ވައި ޖެހެމުންދާއިރު، ގެއްލިފައިވާ މީހުން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަށް ވަނީ ހުރަސް އެޅިފައެވެ.

ޗަބާއަކީ މި އަހަރު ޗައިނާގެ ސަރަޙައްދުތަކަށް އަރާފައިވާ ފުރަތަމަ ތޫފާނެވެ. މި ތޫފާނާއެކު ޗައިނާގެ އެންމެ އާބާދީ ބޮޑު ޕުރޮވިންސް ކަމުގައިވާ ގުއަންޑޮންގުގެ ގިނަ ސަރަޙައްދުތަކެއްގައި ވަނީ ފެން ބޮޑުވެފައެވެ. މި ތޫފާނުގެ ބާރު ކެނޑެމުންދާ ކަމުގައި މޫސުމާ ބެހޭ އިދާރާތަކުން ބުނި ނަމަވެސް، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހު ޗައިނާގެ އެކި ސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް އެ ފަރާތުން ލަފާ ކުރެއެވެ.