ޚަބަރު

އުދައިގެ ސަބަބުން އައްޑޫ ބްރިޖުގެ ތަނބަކަށް ގެއްލުމެއް ނުވޭ، މަސަކަތްދަނީ ކުރިއަށް


އައްޑޫގެ ބްރިޖުގެ ހެދުމުގެ މަސައްކަތުގެ ތެރެއިން ހަދަމުންދާ ތަނބުތަކަށް، ހުކުރު ދުވަހު އެރި އުދައިގައި ގެއްލުމެއް ލިބިފައި ނުވާ ކަމަށް ޕްލޭނިންގް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިދިޔަ ހުކުރު ދުވަހު އައްޑޫގެ އަވަށްތަކަށް އުދައިގެ އަސަރު ވަރަށް ބޮޑަށްވަނީ ކޮށްފައެވެ. އެގޮތުން އައްޑޫގެ މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ބްރިޖްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވެލި އަޅައިގެން ހަދާފައިވާ ސަރަހައްދަށް އުދައިގެ އަސަރު ވަރަށް ބޮޑަށް ވަނީ ކޮށްފައެވެ.

މިކަމާއި ގުޅިގެން ޕީއެސްއެމުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޕްލޭނިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަދި އައްޑޫ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓާއި ހަވާލުވެ ހުންނެވި އަބްދުﷲ ސާދިޤް (ސޯބެ) ވިދާޅުވީ، އުދައިގެ ސަބަބުން ލިބުނު ގެއްލުން އަންދާޒާ ކުރެވޭނީ އެފްކޮންސްގެ އެސެސްމެންޓުތައް ނިންމައި ހުށައެޅުމުން ކަމަށެވެ.

ނަމަވެސް އެސަރަހައްދުގައި ވެލި އަޅައިގެން ބްރިިޖްގެ މަސައްކަތް ކުރަމުންދާ ދެ ސަރަހައްދުގެ ތެރެއިން ހިތަދޫއާއި ވީ ކޮޅަށް އޮންނަ ސަރަހައްދުން ވެލިގަނޑު ކޮންމެވެސް ވަރަކަށް އުދައާއި އެކު ދަމައިގެން ދިޔަ ކަމަށެވެ. އަދި އެ ސަރަހައްދުގައި އެފްކޮންސްއިން ބަހައްޓާފައި ހުރި ބައެއް ތަކެތި އެވަގުތު ލޮނުގަނޑާއި އެކު ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހަންކެޑެ މެދުތެރެއިން ފެށިގެން މަރަދޫއާވީކޮޅަށް ވެލިއަޅައިގެން މަސައްކަތް ކުރި ސަރަހައްދުން ވަރަށް ބޮޑަށް ވެލިގަނޑު ދަމައިގެން ދިޔަ ކަން ވެސް ސޯބެ ފާހަގަ ކުރެއްވިއެވެ.

ސޯބެ ވިދާޅުވީ ވެލިގަނޑު ދަމައިގެން ދިއުމުގެ އިތުރަށް މިސަރަހްދުގެ ޕްރޮޖެކްޓަށް ބޭނުންވާ ތަކެތި ގެންގުޅުމަށް ހަދާފައިވާ ވަގުތީ ވެއަރ ހައުސްއަކަށްވެސް ގެއްލުންވި ކަމަށެވެ. މި ގެއްލުންތަކުގެ ސަބަބުން ޕްރޮޖެކްޓުގެ މަސައްކަތް ނުހުއްޓޭކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި މިހާރުވެސް ބްރިޖުގެ 18 ތަނބެއް ޖަހާފައިވާ ކަމަށާއި މިއިން އެއްވެސް ތަނބަކަށް ގެއްލުން ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

އުދަ އެރުމުގެ ސަބަބުން ބްރިޖް ހަލާކުވެފައިވާ ކަމަށާއި މިއީ ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ކުރާ މަސައްކަތެއް ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާކަން ފާހަގަކޮށް ސޯބެ ވިދާޅުވީ، ބްރިޖުގެ މަސައްކަތަކީ އީއައިއޭ ހަދައި އެއާ އެއްގޮތަށް ކުރިއަަށްދާ މަސައްކަތެއް ކަމަށެވެ. އަދި ދާދި ފަހުންވެސް ބްރިޖް މަސައްކަތް ކުރިއަށްދަނީ އީއައިއޭއާއި އެއްގޮތަށްތޯ އީޕީއޭއިން މޮނީޓަރ ކުރަން ގޮސްފައިވާ ކަމަށް ސޯބެ ވިދާޅުވިއެވެ.

ސޯބެ ވިދާޅުވީ އެ ސަރަހައްދުގައި މަސައްކަތް ކުރުމަށް ވެލިއަޅާފައިވަނީ ފެން ދައުރުވާ ގޮތަށް ކަމަށާއި، އުދައެރިއިރު ނެގި ރާޅުތަކަކީ އާންމުގޮތެއްގައި ޖަހާ ރާޅުތަކަށްވުރެ އުސް ރާޅުތަކެއް ކަމަށެވެ.

އައްޑޫ މަގު ހެދުމުގެ މަޝްރޫގެ ދަށުން ހަންކެޑެ ވަށައިގެން ހުޅަނގު ދެކުނުން އަޅަމުންދާ ބްރިޖަކީ ލިންކްރޯޑުގެ ބައެއް ހަންކެޑެ ތެރެއިންދާތީ އެރަށް ވަކި ކުރުމަށް އަޅާ ބްރިޖެކެވެ. އެރަށަކީ ފަތުރުވެރިކަމަށް ދޫކުރުމަށް ހަމަޖެހިފައިވާ ރަށެކެވެ. މި ބްރިޖުގެ
މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުއެވެ.