ޚަބަރު

ރައީސް އަމީންގެ މަރުގެ މައްސަލައިގެ މަޢުލޫމާތު ދިނުމަށް އަންގާރަ ދުވަހު ހުޅުވާލަނީ


ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދޮށިމޭނާ ކިލޭގެފާނުގެ ވެރިކަން ނިމުނުގޮތާއި، އެމަނިކުފާނުގެ ނިމުމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށްޓަކައި ނަންނޯޓް ކުރުމަށް މި ހަފްތާގައި ހުޅުވާލަން ނިންމައިފިއެވެ.

މިހާދިސާއަކީ 1953 ވަނަ އަހަރު ހިނގާފައިވާ ހާދިސާއަކަށްވާތީ މިއީ ގިނަ ދުވަސްވީ ހާދިސާއަކަށްވެފައި މައްސަލައާއި ގުޅޭ މައުލޫމާތު ހޯދުމަށް މިހާދިސާއާއި ގުޅޭ މައުލޫމާތު އެގިހުރި ފަރާތްތަކުން އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕާރސަން އޮފީހަށް އެ މައުލޫމާތު ދިނުމަށް ވަނީ ހުޅުވާލާފައެވެ. މައުލޫމާތު ދެއްވަން ބޭނުންވާ ފަރާތްތަކަށް ނަންނޯޓު ކުރުމަށް ހުޅުވާލާފައިވަނީ މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށެވެ.

މައުލޫމާތު ދެއްވަން ބޭނުންވާ ފަރާތްތަކުން އެމީހެއްގެ ފުރިހަމަ ނަން، އައި.ޑީ ކާޑު ނަންބަރ، ގުޅޭނެ ނަންބަރ، ދާއިމީ އެޑްރެހާއި މިހާރު ދިރިއުޅޭ އެޑްރެސް ހިމެނޭހެން، އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕާރސަން އޮފީހަށް އެނެގުމަށް ވަނީ އެދިފައެވެ. އެގޮތުން 7337486 ނަންބަރަށް ގުޅައި މައުލޫމާތު ދެއްވަން ބޭނުންވާ ފަރާތްތަކުން ނަންނޯޓު ކުރުމަށް ވަނީ އެދިފައެވެ. މީގެ އިތުރުން އެއޮފީހުގެ މެއިލްއަށްވެސް މައުލޫމާތު ދެއްވަން ބޭނުންވާ މީހުންނަށް މައުލޫމާތު ހިއްސާ ކުރެވޭނެވެ.

ރައީސް އަމީން ރާއްޖޭގެ ވެރިކަން ކުރައްވާފައިވަނީ 1953 ވަަނަ އަހަރު 8 މަސް ދުވަހުގެ މުއްދަތަކަށެވެ. އެއާއެކު ވެރިކަމުން ދުރުކުރެވުމަށްފަހު އެމަނިކުފާނު އަވަހާރަވީ ވިހަމަނާފުށީގައެވެ. އެއީ މިހާރުގެ ކުރުނބާ މޯލްޑިވްސްއެވެ.

އިންތިޤާލީ އިންސާފުގެ ގާނޫނުގައި ބުނެފައިވާ ގޮތުން އެ އޮފީހަށް ތަޙުޤީގުކުރެވޭނީ 1953ގެ ޖެނުއަރީ މަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17ގެ ނިޔަލަށް ހިނގާފައިވާ ހާދިސާތަކެވެ. އެ އޮފީހަށް ހުށައެޅި މައްސަލަތަކުގެ ތެރެއިން 452 މައްސަލައެއް ވަނީ ބަލާފައެވެ. ގިނަ މައްސަލަތަކެއްގެ ތަޙުޤީގު ނިމިފައިވާއިރު މިހާތަނަށް ދަޢުވާ ކުރުމަށް ހުށަހަޅާވަރުގެ މައްސަލައެއް ނެތްކަމަށް އެއޮފީހުން ވަނީ ވިދާޅުވެފައެވެ.