ޚަބަރު

ދަޢުވާ ކުރަންޖެހޭ ވަރުގެ މައްސަލައެއް ނެތް، ގިނަ މައްސަލަތަކުގެ ތަޙުޤީގު ނިންމާލައިފި


އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ގިނަ މައްސަލަތަކުގެ ތަޙުޤީގު ނިންމާލައިފިއެވެ. އެއޮފީހުން ވިދާޅުވީ، ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެއް މައްސަލަ ފިޔަވައި އެހެން ހުރިހާ މައްސަލައެއްގެ އިނީޝަލް ބައްދަލުވުން ނިންމާލާފައިވާކަމަށެވެ.

އިންތިޤާލީ އިންސާފުގެ ގާނޫނުގައި ބުނެފައިވާ ގޮތުން އެ އޮފީހަށް ތަޙުޤީގުކުރެވޭނީ 1953ގެ ޖެނުއަރީ މަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17ގެ ނިޔަލަށް ހިނގާފައިވާ ހާދިސާތަކެވެ. އެ އޮފީހަށް ހުށައެޅި މައްސަލަތަކުގެ ތެރެއިން 452 މައްސަލައެއް ވަނީ ބަލާފައެވެ. އޭގެ ތެރެއިން މިހާތަނަށް އިނީޝަލް ބައްދަލުވުން ބޭއްވިފައިނުވާ ހަމައެކަނި މައްސަލައަކީ، މައްސަލަ ހުށަހެޅި ފަރާތް ނިޔާވުމުގެ ސަބަބުން ޢާއިލާގެ ދެން ތިބި ބޭފުޅުންނާއެކު ކުރިއަށްގެންދަންޖެހޭ މައްސަލައެކެވެ.

ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައަށްވުރެ ގިނަ މައްސަލަތަކުގެ ތަހުޤީގު ނިމިފައިވާއިރު، ދެން ކުރިއަށް އޮތީ އެ މައްސަލަތަކުގެ ތަޙުޤީޤު ރިޕޯޓު އެކުލަވާލުމުގެ މަސައްކަތެވެ. އަދި ބައެއް މައްސަލަތަކުގެ ތަޙުޤީގަށްފަހު ޞުލްޙަކުރުމުގެ މަރުޙަލާވެސް ނިމި، އެ މައްސަލަތަކުގައި މައްސަލަ ހުށަހެޅި ފަރާތް އެދުނު ގޮތަށް ވަނީ ހައްލު ހޯދައި ދީފައެވެ. މިހާތަނަށް ބަލައި ނިންމި މައްސަލަތަކުގެ ތެރޭގައި ދައުވާ ކުރުމަށް ފޮނުވަންޖެހޭ ވަރުގެ މައްސަލައެއް ފާހަގަވެފައި ނުވާކަމަށްވެސް އިންތިޤާލީ އިންސާފުގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.

އިންތިޤާލީ އިންސާފުގެ އޮފީހަށް މިހާތަނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ވިކްޓިމް ސަޕޯޓް ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް 53 ވިކްޓިމް ސަޕޯޓް ސެޝަން ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ތަޙުޤީގު ނިމިފައިވާ މައްސަލަތަކުގައި ފާހަގަކުރެވުނު ކަންތައްތަކަށް ރިޢާޔަތްކޮށް ކަމާބެހޭ މުއައްސަސާތަކަށް ދޭންޖެހޭ ރިކޮމެންޑޭޝަންތައް ތައްޔާރުކުރުމުގެ މަސައްކަތާއި، އެކަމާ ގުޅިގެން ބާއްވަންޖެހޭ ބައްދަލުވުންތައް ބޭއްވުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

މީގެ އިތުރުން، ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫން މީހުން ބޭލި ހާދިސާއާ ގުޅިގެން ބޭއްވި ޕަބްލިކް ހިއަރިންގެ ފުރަތަމަ ބައިން ނެގުނު ބަޔާންތަކާއި، ހާދިސާއާ ގުޅޭ ފޮތްތަކާއި އެހެނިހެން ލިޔެކިޔުންތައް ދިރާސާކޮށް، އިތުރަށް ބަޔާންދެވިދާނެ ކަމަށް ބެލެވޭ ފަރާތްތައް ފާހަގަކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި މަސައްކަތް ނިމުމުން ޕަބްލިކް ހިއަރިންގެ މާލޭގެ އަޑުއެހުން ބާއްވާނެ ތާރީޚެއް އިޢުލާންކުރާނެކަމަށް އެއޮފީހުން ވިދާޅުވެއެވެ.

އިންތިޤާލީ އިންސާފުގެ ޤާނޫނު ބުނާގޮތުން އެ އޮފީހަށް ހުށައަޅާ މައްސަލައެއް ގިނަވެގެން 2 އަހަރު ދުވަހުގެ ތެރޭގައި ތަޙުޤީގުކޮށް ނިންމަން ޖެހެއެވެ. އަދި އެ އޮފީހުން ނިންމާ މައްސަލައެއްގައި ޖިނާއީ ދައުވާކުރަން ޖެހޭނަމަ އެ މައްސަލައެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަންޖެހޭނެއެވެ. އަދި މަދަނީ ދައުވާއެއް ނަމަ އެ މައްސަލައެއް ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވަންޖެހޭނެއެވެ.

އިންތިޤާލީ އޮފީހުން ތަޙުޤީގުކޮށް ނިންމާ ޕީޖީ އޮފީހާއި އޭޖީ އޮފީހަށް ފޮނުވާ މައްސަލަތަކުގައި އެ އިދާރާތަކުން 21 ދުވަހުގެ ތެރޭގައި ގޮތެއް ނިންމާ ކޯޓަށް ފޮނުވަންޖެހޭނެއެވެ. އަދި ކޯޓަކަށް މައްސަލަ ހުށައަޅައިފިނަމަ އެންމެ ގިނަ ވަގެން އެއް މަސްދުވަހުގެ ތެރޭގައި އެ މައްސަލައެއް ކޯޓުން ނިންމަންޖެހޭނެކަމަށްވެސް ޤާނޫނުގައިވެއެވެ.