ކުޅިވަރު

ޓާކޯވްސްކީގެ ސޮއި އެވަޓަނުން ހޯދައިފި


ބާންލީއަށް ކުޅެމުން އައި ޖޭމްސް ޓާކޯވްސްކީގެ ސޮއި އެވަޓަނުން ހޯދައިފިއެވެ.

މައުލޫމާތުލިބިފައިވާ ގޮތުގައި އެވަޓަނުން ޓަކޯވްސްކީ ގެންގޮސްފައިވަނީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. ޓާކޯވްސްކީ ވަނީ އެވަޓަންއާއެކު ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއީ އައު ސީޒަނަށް އެވަޓަންއިން އެ ޓީމަށް ގެންދިޔަ ފުރަތަމަ ކުޅުންތެރިޔާއެވެ.

ޓާކޯވްސްކީ މީގެ ކުރިން ބާންލީ އާއެކު ހަދާފައިވާ އެއްބަސްވުން ވަނީ މިދިޔަ ޖޫން މަހުގެ ނިޔަލަށް ހަމަވެފައެވެ. އަދި ބާންލީ ރެލިގޭޓުވުމުގެ ކުރިންވެސް އޭނާ ކުލަބު ދޫކޮށްލާނެކަން ވަނީ ހާމަކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޓާކޯވްސްކީ ގެންދިއުމަށް ވަރަށް ގިނަ ކުލަބުތަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އޭގެތެރޭގައި އެސްޓަން ވިލާވެސް ހިމެނުނެވެ. ނަމަވެސް އެންމެފަހު ވަގުތު އެވަޓަންގެ ކޯޗް ފްރޭންކް ލެމްޕާޑާ ވާހަކަ ދެއްކުމަށްފަހު، އޭނާ ނިންމާފައިވަނީ އެވަޓަނަށް ބަދަލުވުމަށެވެ.

ޓާކޯވްސްކީ ހާމަކުރިގޮތުގައި އޭނާއަކީ ވަރަށް އުއްމީދީ މީހެއް ކަމަށާއި އަދި އޭނާ ހާސިލުކުރަން ބޭނުންވާ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އަދި ކާމިޔާބީ ހޯދަންވެސް ބޭނުންވާ ކަމަށާއި، އެއާއެކު އެވަޓަނަށް މިބަދަލުވީ ކާމިޔާބީ ހޯދުމުގެ އަޒުމުގައި ކަމަށްވެސް ވަނީ ބުނެފައެވެ.

އެވަޓަނުން ޓާކޯވްސްކީގެ ސޮއި ހޯދާފައިމިވަނީ އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށްވާ ރިޗާލިސަން، ޓޮޓްނަމް ހޮޓްސްޕާއަށް ބަދަލުވިކަން ހާމަކުރިތާ 24 ގަޑިއިރުގެ ތެރޭގައެވެ.