ކުޅިވަރު

ޔުނައިޓެޑް ދޫކޮށްދާން ބޭނުންކަން ރޮނާލްޑޯ ހާމަކޮށްފި


ޕޯޗުގަލުގެ ތަޖުރިބާކާރު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދުމަށް މެންޗެސްޓާ ޔުނައިޓަށް ރަނގަޅު އޮފާއެއް ލިބިއްޖެނަމަ، ކުލަބު ދޫކޮށް ދިޔުމުގެ ފުރުސަތު ދިނުމަށް އޭނާ އެދިއްޖެއެވެ.

މިހާރު އުމުރުން 37 އަހަރުގެ ރޮނާލްޑޯ ޔުނައިޓެޑަށް ބަދަލުވެފައިވަނީ މިދިޔަ ސީޒަނުގައި ޔުވެންޓަސްއިންނެވެ. މިދިޔަ ސީޒަނުގައި އޭނާއަކީ ޔުނައިޓެޑަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އިތުރުން، ލީގުގައި ތިންވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ވީ ނަމަވެސް މިދިޔަ ސީޒަނަކީ ޔުނައިޓެޑާއި ރޮނާލްޑޯއަށް ކާމިޔާބު ސީޒަނެއް ނޫނެވެ.

އެގޮތުން މިދިޔަ ސީޒަން ޔުނައިޓެޑް ނިންމާލީ ތާވަލުގެ ހަވަނައިގއި އޮވެގެންނެވެ. އެއާއެކު އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު އެ ކުލަބަށް ވަނީ ގެއްލިފައެވެ. އެހެންކަމުން ރޮނާލްޑޯ ޔުނައިޓެޑުގައި މަޑުކުރާނަމަ، އޭނާއަށް ފުރަތަމަ ފަހަރަށް ޔޫރޮޕާ ލީގުގައި ކުޅެން ޖެހޭނެއެވެ. މިއީ ރޮނާލްޑޯ އެންމެ ބޭނުންވާ ގޮތް ނޫން ކަމަށާއި، އަދި އޭނާގެ އުމުރު ހުރިގޮތުން ކުޅުން ހުއްޓާލާ ދުވަސް ގާތްވަމުން އަންނާތީ، އެގޮތަށް މަޑުކުރުމުގެ ބަދަލުގައި ރަނގަޅު ފުރުސަތެއް ލިބިއްޖެނަމަ އެކޮޅަށް ދިޔުމަށް އޭނާ ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްފައި ރޮނާލްޑޯ ވަނީ އޭނާ ޔުނައިޓެޑަށް އިހުތިރާމުކުރާ ކަމަށާއި، ނަމަވެސް ކެރިއަރުގެ މިހާހިސާބުގައި ބޭނުންވަނީ އެންމެ މަތީ ފެންވަރުގައި ކުޅެން ކަމަށް ބުނެފައެވެ. އެކަމަކު ޔުނައިޓެޑުން ގަބޫލުކުރާގޮތުގައި ރޮނާލްޑޯއަކީ އެ ކުލަބުން ވިއްކާލަން ބޭނުންވާ ކުޅުންތެރިއެއް ނޫނެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ދިއުމުން ނުކުންނަ މެސެޖު ގޯސްވި ނަމަވެސް، ރޮނާލްޑޯ ދިޔުމުން ޔުނައިޓެޑުގެ އައު ކޯޗު އެރިކް ޓެން ހާގަށް ބައެއް ކަންކަމުގައި ހައްލު ލިބިގެންދާނެކަމަށް ފުޓްބޯޅަ ބައެއް ތަޖުރިބާކާރުން ވަނީ ބުނެފައެވެ. އެގޮތުން ރޮނާލްޑޯ އާއި ހެރީ މެގުއާގެ މެދުގައި ކުލަބުގެ ކެޕްޓަން ކަމާމެދު އުފެދިފައިވާ ދެބަސްވުމަށްވެސް ހައްލެއް ލިބިގެންދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.