ޚަބަރު

ޕީޕީއެމް ބަލިކޮށް 3 ބައި އިލެކްޝަންވެސް އެމްޑީޕީން ކާމިޔާބުކޮށްފި


އިއްޔެ ބޭއްވި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކޮމެޓީތަކުގެ ބައި އިލެކްޝަންތަކުގެ ތެރެއިން އިދިކޮޅު ޕީޕީއެމް ބަލިކޮށް ވެރިކަން ކުރާ މައި ޕާޓީ (އެމްޑީޕީ) އިން ތިން ބައި އިލެކްޝަންވެސް ކާމިޔާބުކޮށްފިއެވެ.

އިއްޔެ ބާއްވާފައިވަނީ ށ. ޅައިމަގު، ށ. ކޮމަންޑޫ، ކ. ތުލުސްދޫ އަދި އއ. ތޮއްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނެވެ. މީގެ ތެރެއިން ކޮމަންޑޫ އަންހެނުންގެ ކޮމެޓީއަށް ދެ މެމްބަރަކު ވަނީ އިންތިޚާބުކޮށްފައެވެ. އެ ދެ ގޮނޑިއަށް ޕީޕީއެމްއާއި، އެމްޑީޕީގެ އިތުރުން އެމްއެންޕީން ވަނީ ވާދަކޮށްފައެވެ. މި ދެގޮނޑި ޕީޕީއެމް ބަލިކޮށް ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓާއި، އެމްއެންޕީގެ ކެނޑިޑޭޓެވެ. މިއީ އެމްއެންޕީ އުފެދުނު ފަހުން އެޕާޓީން ކާމިޔާބު ކުރި ފުރަތަމަ ބައި އިލެކްޝަނެވެ.

ޅައިމަގާއި، ތޮއްޑޫ އަންހެނުންގެ ކޮމެޓީގެ އިންތިޚާބު ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީންނެވެ. މި ދެ އިންތީޚާބު އެމްޑީޕީން ކާމިޔާބު ކޮށްފައިވަނީ ވާދަވެރި ޕީޕީއެމްގެ ކެނޑިޑޭޓުންނާއި ވާދަކޮށެވެ. އިއްޔެ ބޭއްވި ބައި އިލެކްޝަންގެ ތެރެއިން ތުލުސްދޫ އަންހެނުންގެ ކޮމެޓީގެ އިންތިޚާބު ކާމިޔާބުކޮށްފައިވަނީ އަމިއްލަ ގޮތުން ވާދަކުރި ކެނޑިޑޭޓެވެ.

އިންތިޚާބުތައް ކާމިޔާބު ކުރި ކެނޑިޑޭޓުން:

  • 1. ށ.ޅައިމަގު، މަރިޔަމް ޒުހުރާ، އެމްޑީޕީ
  • 2. އއ. ތޮއްޑޫ، އައިމިނަތު މަޖުދާ، އެމްޑީޕީ
  • 3. ށ.ކޮމަންޑޫ، އާއިޝަތު ވަހީދާ، އެމްޑީޕީ
  • 4. ށ.ކޮމަންޑޫ، ޒައީމާ އާދަމް، އެމްއެންޕީ
  • 5. ކ.ތުލުސްދޫ، އާއިޝަތު ރަޝާދު، އަމިއްލަ ގޮތުން

އަންހެނުންގެ ކޮމެޓީތަކުގެ އިންތިޚާބުތަކެއް އިއްޔެ ބާއްވާފައިވާއިރު، އިތުރު 3 ރަށެއްގައި މިމަހުގެ 23 ވަނަ ދުވަހުވެސް އިންތިޚާބު ބޭއްވުމަށް އިލެކްޝަނުން ދަނީ ތައްޔާރުވަމުންނެވެ. ޖުލައި މަހުގެ 23 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ ހިތަދޫ ދާއިރާ، ރ. އިންނަމާދޫ އަދި ތ. ވަންދޫގެ އަންހެނުންގެ ތަރައްޤީގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުސްވެފައިވާ މަޤާމުތަކަށެވެ.