ވިޔަފާރި

3 ޑިސްޓްރިބިއުޝަން ސެންޓަރު ނިންމައި، އެގްރޯނެޓާއި ހަވާލުކޮށްފި


ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމްކުރަމުންދާ ޑިސްޓްރިބިއުޝަން ސެންޓަރުތަކުގެ ތެރެއިން 3 ތަނެއް ނިންމައި އެގްރޯނެޓާއި ހަވާލުކޮށްފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިއީ ތާޒާކަމާއެކު ކަސްޓަމަރުންނާއި ހަމައަށް ދަނޑުވެރިން ހައްދާ ތަކެތި ފޯރުކޮށްދިނުމަށްޓަކައި އެގްރޯނެޓުން ކުރިއަށްގެންދާ މަޝްރޫއެކެވެ.

އެގްރޯ ނޭޝަނަލް ކޯޕަރޭޝަނަކީ ދިވެހިރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ މަޤްޞަދުގައި ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ. މި ކުންފުނީގެ މަސައްކަތްތައް ފަށާފައިވަނީ މިދިޔަ އަހަރުގެ އެޕްރީލްމަހުގެ ތެރޭގައެވެ. ކުންފުނިން މިހާރު ވަނީ ރާއްޖޭގެ އެކި ސަރަހައްދުގެ ދަނޑުވެރިންނާއިއެކު ދަނޑުވެރިކަން ކުރަން ފަށާފައެވެ. އަދި ދަނޑުވެރިން ހައްދާ ތަކެތި އެގްރޯނެޓުން ގަނެ އަންނަނީ ވިއްކަމުންނެވެ.

ދަނޑުވެރިންގެ އުފެއްދުންތައް ތާޒާކަމާއިއެކު ފޯރުކޮށްދިނުމަށް ރާއްޖޭގެ 9 ސަރަހައްދެއްގައި ޑިސްޓްރިބިއުޝަން ސެންޓަރުތައް ޤާއިމްކުރުމުގެ މަސައްކަތްވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ. މި ޑިސްޓްރިބިއުޝަން ސެންޓަރުތަކުގެ ތެރެއިން 3 ތަނެއް ނިމި މިހާރު އެ ކުންފުންޏާއި ހަވާލުކޮށްފައިވާކަމަށް އެގްރޯނެޓުން ބުނެއެވެ. އެއީ ލ. ގަން ކޯލްޑް ސްޓޯރޭޖާއި، ނ. މަނަދޫ ކޯލްޑް ސްޓޯރޭޖްގެ އިތުރުން ރ. ކިނޮޅަސް ކޯލްޑް ސްޓޯރޭޖެވެ.

އެގްރޯނެޓުން ބުނީ ބާކީހުރި 6 ޑިސްޓްރިބިއުޝަން ސެންޓަރުތަކުގެ މަސައްކަތްވެސް މިހާރު ބާރުސްޕީޑްގައި ކުރިއަށްދާކަމަށެވެ. މިތަންތަނުގެ މަސައްކަތްވެސް ވަރަށް އަވަހަށް ނިމޭނެކަމަށް އެ ކުންފުނިން ބުނެއެވެ. މަސައްކަތް ކުރިއަށްދާ އަނެއް 6 ޑިސްޓްރިބިއުޝަން ސެންޓަރުގެ ތެރޭގައި ހިމެނެނީ ފ.މަގޫދޫ، ލ.އިސްދޫ، ލ.ކަލައިދޫ، ގއ.ނިލަންދޫ، ޏ.ފުވައްމުލައް، އަދި ސ.ހުޅުމީދޫގެ ސެންޓަރެވެ.

އެގްރޯނެޓުން ޑިސްޓްރިބިއުޝަން ސެންޓަރުތައް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ޔޫއެންޑީޕީގެ އެހީތެރިކަމާއިއެކުގައެވެ. މިހާރު އޮންނަ ގޮތުން އެކި ސަރަހައްދުގައި ހައްދާ ތަކެތި ގެންނަންޖެހެނީ ސީދާ މާލެއަށެވެ. އެހެންނަމަވެސް އެގްރޯނެޓްގެ ވިސްނުން ހުރީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޑިސްޓްރިބިއުޝަން ސެންޓަރުތައް ހަދައި އެ ސަރަހައްދުތަކުގެ މާކެޓްތަކަށް އެތަންތަނުން ޑިސްޓްރިބިއުޓް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށެވެ.

މި ޑިސްޓްރިބިއުޝަން ސެންޓަރުތަކުގައި ކޯލްޑް ސްޓޯރޭޖްތަކަކާއި އޮފީސް ބަޔަކާއި، ކޯލްޑް ސްޓޯރޭޖް ނޫން ގޮތްތަކަށް ތަރުކާރީއާއި މޭވާ ރައްކާކުރެވޭނެ ގޮތްތައް ހުންނާނެއެވެ. އަދި ދަނޑުވެރިކަމަށް ބޭނުންވާ ތަފާތު އާލާތް ރައްކާކުރެވޭނެ އިންތިޒާމްތައްވެސް ހުންނާނެއެވެ.