ޚަބަރު

ލަތީފަކީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި ގިނަ މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެއް: ރައީސް


ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި މުހައްމަދު ލަތީފް (ގޯގޯ ލަތީފް)އަކީ ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އާލާސްކަންފުޅާ ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވުމަށްފަހު ލަތީފް އަވަހާރަވީ އޭނާ ދިރިއުޅުވަމުން ގެންދިޔަ ސްރީލަންކާގައެވެ. ލަތީފް އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ތަޢުޒިޔާ ދަންނަވާފައެވެ. ލަތީފް އަވަހާރަވި ޚަބަރު އެހީ ނުހަނު ފުން ހިތާމައާއި އެކުގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ލަތީފަކީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ އެމްޑީޕީގެ އެއް ފައުޑަރުކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ލަތީފްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވައި މަރުހޫމުގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާވަނީ ދުޢާކުރައްވާފައެވެ.

ލަތީފް އަވަހަރާވުމާއި ގުޅިގެން އެމްޑީޕީގެ މިހާރުގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާއި، އިސްލާހީ ހަރަކާތުގައި އެމަނިކުފާނާއެކު މަސައްކަތް ކުރެއްވި ގިނަ ބޭފުޅުން ގެންދަވަނީ ތައުޒިޔާ ދަންނަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް 1989 ވަނަ އަހަރު ކުރައްވާފައިވާ ލަތީފަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހިއުމަންރައިޓްސް އެމްބަސަޑަރުކަންވެސް ކުރައްވާފައެވެ.

ސިޔާސީ މަސައްކަތުގައި މިފަހުން ލަތީފް ހަރަކާތްތެރިވެފައެއް ނުވެއެވެ. އަދި ފަހުން ޢާއިލާއާއިއެކު ދިރިއުޅުއްވަމުން ދިޔައީވެސް އެމްޑީޕީ އުފެއްދުމުގައި އިސް މަސައްކަތްތަކެއް ކުރެެއްވި އަވަށްޓެރި ސްރީލަންކާގައެވެ.