ކުޅިވަރު

ސިޓީން ލީގުގެ އަައްޑަނަ އުފުލާލިއިރު، ޕޮލިސް ބަލިކޮށް ސިފައިންނަށް ދެވަނަ


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ މައިލޯ ގައުމީ ވޮލީބޯޅަ ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތައިން ސައްތަ ރިކޯޑަކާއެކު ސްޕޯޓްސް ކުލަބު ސިޓީން ލީގުގެ އައްޑަނަ އުފުލާލިއިރު، ޕޮލިސް ކުލަބު ބަލިކޮށް ދިވެހި ސިފައިންގެ ކުލަބުން ލީގުގެ ދެވަނަ ހޯދައިފިއެވެ.

ލީގުގައި ސްޕޯޓްސް ކުލަބު ސިޓީން ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗަށް ނުކުތްއިރުވެސް ވަނީ ލީގުގެ އެއްވަނަ ޔަގީންވެފައެވެ. އެއާއެކުވެސް ފަހު މެޗުގައި ސިޓީން ވަނީ 3-1 ސެޓުން ކުލަބު ވެމްކޯ ބަލިކޮށްފައެވެ.

މި މެޗުގެ ފުރަތަމަ ސެޓުގައި ވެމްކޯއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މި ސެޓު ފަށައިގެން އެ ޓީމުން ވަނީ އެންމެ ފަހު ވަގުތާ ހަމައަށް ދެ ޕޮއިންޓްގެ ލީޑު ދަމަހައްޓާފައެވެ. އެއާއެކު ވެމްކޯއިން ފުރަތަމަ ސެޓު ކާމިޔާބުކުރީ 23-25 އިންނެވެ.

މި މެޗުގެ ދެވަނަ ސެޓު ފަށައިގެން ދެ ޓީމު ހަމަހަމަކޮށް ކުޅުނު ނަމަވެސް، ސިޓީން ވަނީ ލީޑު ފުޅާކޮށް 25-14 އިން މި ސެޓު ކާމިޔާބުކޮށްފައެވެ. އަދި އަނެއް ދެ ސެޓުގައިވެސް ސިޓީން މޮޅު ކުޅުމެއް ދެއްކިއިރު، މި ދެ ސެޓު ސިޓީން ކާމިޔާބުކުރީ 25-16 އާއި 25-12 އިންނެވެ.

މީގެ އިތުރުން ލީގުގެ ދެވަނަ ސިފައިން ހޯދީ ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗުގައި 3-1 ސެޓުން ޕޮލިސް ބަލިކުރުމަށްފަހުއެވެ.

މި މެޗުގެ ފުރަތަމަ ސެޓުގައި ސިފައިންގެ ތަޖުރިބާކާރު ކުޅުންތެރިޔާ އަޙްމަދު އަބްދުލްކަރީމް (ލޯންގޭ) އާއި އަދާމް ނަސީމް (އެޑަމް) ރަނގަޅު ކުޅުމެއް ދެއްކިއިރު، މި ސެޓު އެ ޓީމުން ކާމިޔާބުކުރީ 25-20 އިންނެވެ. އެކަމަކު ދެވަނަ ސެޓުގައި ޕޮލިހުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓު އެ ޓީމުން ވަނީ 23-25 އިން ކާމިޔާބުކޮށްފައެވެ.

މި މެޗުގެ ތިންވަނަ ސެޓުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، 29-27 އިން މި ސެޓު ކާމިޔާބުކުރީ ސިފައިންނެވެ. އަދި ހަތަރުވަނަ ސެޓުގައި ޕޮލިހަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި ސިފައިންނަށް ސެޓުގެ ކުރީކޮޅު ރަނގަޅު ލީޑެއް ނެގިއިރު، މި ސެޓު ސިފައިން ޓީމުން ކާމިޔާބުކުރީ 25-22 އިންނެވެ.

މި ފަހަރުގެ ގައުމީ ވޮލީބޯޅަ ލީގުގެ ފަހު މެޗު އާދީއްތަ ދުވަހުގެރޭ ކުޅޭއިރު، މިހާރު ވަނީ ގައުމީ މުބާރާތުގެ ޖާގަތައް ޔަގީންވެފައެވެ. އެގޮތުން އެއްވަނައަށް ދިޔަ ސިޓީ އާއި ދެވަނައަށް ދިޔަ ސިފައިންގެ އިތުރުން ގައުމީ މުބާރާތުން ޖާގަ ލިބެނީ ތިންވަނަ ހޯދި ވެމްކޯ އާއި ހަތަރުވަނައަށްދިޔަ ޕޮލިސް ކުލަބަށެވެ.