ޚަބަރު

451 ގެއަކަށް އުދައިގެ އަސަރު، 6 އާއިލާއެއް ވަގުތީ ހިޔާވަހީގައި


ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އުދަ އަރައިގެން މިހާތަނަށް 451 ގެއަކަށް ލޮނުވަދެ 6 އާއިލާއެއް ވަގުތީ ބޯހިޔާވަހިކަމުގައި އެބަތިބިކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ ވިދާޅުވެއްޖެއެވެ.

އެ އިދާރާއިން ވިދާޅުވީ އިއްޔެ އާއި މިއަދު 11 އަތޮޅެއްގެ 34 ރަށަކަށް އުދަ އަރާމ އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ. އެގޮތުން 451 ގެއަކަށް އުދައިގެ ސަބަބުން އެކިވަރުގެ ގެއްލުން ލިބިފައިވާއިރު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެން އެ އޮތޯރިޓީން މިހާރު އަންނަނީ ކުރަމުންނެވެ.

ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވީ މިވަގުތު 3 ރަށަކުން 6 އާއިލާއެއް ތިބީ ކައުންސިލް އިދާރާގައި ވަގުތީ ބޯހިޔާވަހިކަމުގެ ދަށުގައިކަމަށެވެ. އަދި އެ މީހުންނަށް ބޭނުންވާ ތަކެއްޗާއި އެހީ ފޯރުކޮށް ދިނުމުގެ މަސައްކަތް ސިފައިންނާއި ގުޅިގެން ކުރަމުންދާކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ.

އެންޑީއެމްއޭއިން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ށ. ބިލެތްފަހިއަށް "ރޯޅި" އެއްއަރާ 3 ގެއަކަށް ވަނީ ގެއްލުން ވެފައެވެ. އައްޑޫ ސިޓީ މަރަދޫއަށް އުދައަރާ 50 ގެއަކަށް ގެއްލުންވެފައިވެއެވެ. އަދި 1 އާއިލާ މިވަގުތު ތިބީ ކައުންސިލް އިދާރާގައި ވަގުތީ ހިޔާވަހީގައެވެ. އަދި މަރަދޫފޫދޭގެ 30 ގެއަކަށް ވަނީ އުދައިގެ ސަބަބުން އެކި ވަރުގެ ގެއްލުން ވެފައެވެ. އަދި ހިތަދޫއަށްވެސް އުދައަރާ ގެއްލުން ވެފައިވެއެވެ.

މިއަދުވެސް އދ. ފެންފުއްޓަށް އުދަ އަރާފައިވާއިރު އެ އަތޮޅު ދިއްދޫއަށް އުދައަރާ 8 ގެއަކަށް ވަނީ އެކި ގެއްލުންވެފައެވެ. މީގެ އިތުރުން ތިމަރަފުށީގެ 30 ގެއަކަށް ވަނީ ގެއްލުންވެ، 1 އާއިލާ ތިބީ ވަގުތީ ހިޔާގައި ކައުންސިލް އިދާރާގައެވެ. ތ. ދިޔަމިގިލިން 5 ގެއަކަށް އަދި އެ އަތޮޅުު ވޭމަންޑޫއިން 10 ގެއަކަށް އުދައިގެ ސަަބަބުން އެކިވަރުގެ ގެއްލުން ވެފައިވެއެވެ. އެ އަތޮޅު ކިނބިދޫއިން 58 ގެއަކަށް އަދި ގާދިއްފުށިން 35 ގެއަކަށް އުދައިގެ ސަަބަބުން އެކިވަރުގެ ގެއްލުން ވެފައިވެއެވެ. އަދި އެ އަތޮޅު މަޑިފުށިން 60 ގެއަކަށް އަދި އޮމަދޫއިން 15 ގެއަކަށް އުދައިގެ ސަަބަބުން އެކިވަރުގެ ގެއްލުން ވެފައިވެއެވެ.

އުދައިގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބުނު މަޑަވެލީގެ 4 އާއިލާއެއް މިވަގުުތުވެސް ތިބީ ވަގުތީ ބޯހިޔާވަހި ކަމުގައެވެ. ގދ. ރަތަފަންދޫ އިން 110 ގެއަކަށް އަދި ހޯނޑެއްދޫއިން 40 ގެއަކަށް އުދައިގެ ސަަބަބުން އެކިވަރުގެ ގެއްލުން ވެފައިވެއެވެ. މި ނޫނަސް އެކި ރަށްރަށަށް އުދައަރާ އެކި ވަރުގެ ގެއްލުންތައް ލިބިފައިވާއިރު ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުންވެސް ވަނީ ގެއްލުންތައްވެފައެވެ.