ޚަބަރު

ބާޖެއް އޮޔާދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި


މާލެއިން ފުރައިގެން އިންޑިއާގެ ޓުޓްކޮރިންއަށް ދަތުރުކުރަމުންދިޔަ ޓަގެއްގެ ކަފުގައި އޮތް ބާޖެއްގެ ވަޔަރުކަނޑައިގެން ގޮސް އޮޔާދާތީ ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން މި ބާޖުގެ ވަޔަރު ކަނޑައިގެން ގޮސްފައިވަނީ، ނ.މާފަރުގެ އިރުން 117 ނޯޓިކަލް މޭލު ބޭރުގައި އޮއްވާކަމަށެވެ.

މި ބާޖަކީ ދިގުމިނުގައި 87.84 މީޓަރު އަދި ފުޅާމިނުގައި 24.40 މީޓަރު ހުންނަ ބާޖެކެވެ. މި ބާޖުގެ ސްޓަރބޯޑް ސައިޑްގައި ފެހި ލައިޓެއް، އަދި ޕޯޓް ސައިޑްގައި ރަތް ލައިޓެއް ހުންނާނެކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވިދާޅުވެއެވެ. އަދި މި ބާޖު އޮޔާ ގެންދަނީ އެ ސަރަހައްދުން އިރަށްކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

އެހެންކަމުން އެ ސަރަޙައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކުރެއެވެ. އަދި ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށްވެސް އިލްތިމާސްކުރެއެވެ..

އަދި މި ބާޖާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވުމަށް އެފަރާތުން އެދެއެވެ.