ޚަބަރު

ހުޅުމާލޭގައި ބިނާކުރި "މަސްޖިދު ރަޝީދު" ހުޅުވައިފި


ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން، އާރްސީސީން ހުޅުމާލޭގައި ބިނާކުރި "މަސްޖިދު ރަޝީދު" ހުޅުވައިފިއެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ބިނާކުރި މި މިސްކިތް މިރޭގެ އިޝާ ނަމާދަށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްއެވެ.

މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބް ރައީސް ފައިޞަލް ނަޞީމްއާއި އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީގެ އިތުރުން ބައެއް ވަޒީރުންނާއި ބައެއް މަޖިލިސް މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީ ވަނީ ދުނިޔެ ދޫކޮށް ދާއިރު ދަރުމައާއި ސަވާބު ލިބޭނެ ގޮތެއް ހޯދުމަށްފަހު ދުނިޔެއާ ވަކިވެގެންދިޔުމަކީ ކޮންމެ މީހެއްގެވެސް އެދުމަކަށްވާނެކަން ފާހަގަކުރައްވާފައެވެ. އަދި މިސްކިތް އިމާރާތްކޮށް ޒީނަތްތެރިކުރިނަމަވެސް އެ މިސްކިތް އަޅުކަމުން ޒީނަތްތެރިނުވާނަމަ އެ މިސްކިތް މިސްކިތަކަށް ނުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމަުން އާރްސީސީގެ ޗެއަރމަން މުޙައްމަދު ނާޒިމް ވަނީ މިސްކިތެއް ބިނާކުރުމަކީ އޭނާގެ ބައްޕަގެ ވަރަށް ބޮޑު ހުވަފެނެއްކަމަށެވެ. އަދި މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންނެވީތީ އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.

"މަސްޖިދު ރަޝީދު"އަކީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން، އާރްސީސީގެ ފަރާތުން ޒަމާނީ ފަރުމާއަކަށް ހުޅުމާލޭ ފޭސް އެކެއްގެ ނެއިބަރހުޑް 2ގައި ތަރައްޤީކޮށްފައިވާ 1200 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އަންހެނުންނާއި ފިރިހެނުންނަށް ވަކިން ނަމާދުކުރެވޭނެ ގޮތަށް މިމިސްކިތް ތަރައްޤީކޮށްފައިވަނީ 3 ފަންގިފިލައަށެވެ. ޕާކިން އޭރިއަކާއެކު ތަރައްޤީކުރި މިމިސްކިތުގައި ބޭނުންކުރާ ކަރަންޓަކީ އިރުގެ އަވިން އުފައްދާ އިޔާދަކުރަނިވި ހަކަތައެވެ.

އާރްސީސީން ބިނާ ކުރި މިމިސްކިތުގެ ބިންގާ އަޅާފައިވަނީ 2020 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 16 ވަނަ ދުވަހުގައެވެ.

ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން، އާރްސީސީން ހުޅުމާލޭގައި ބިނާ ކުރި މި މިސްކިތަކީ އެ ކުންފުނީގެ ކޯފައުންޑަރ މަރުޙޫމް އަބްދުއްރަޝީދުގެ މައިންބަފައިންގެ ހަނދާނުގައި ބިނާކުރި މިސްކިތެވެ.