ޚަބަރު

7 ދިވެހިންގެ މައްޗަށް އެކުލެވޭ ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަން ޓީމް


ރާއްޖޭގެ އަމިއްލަ އިންސްޓިޓިއުޓެއް ކަމަށްވާ އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަން ޓީމް އެކުލަވާލައިފިއެވެ.

ރާއްޖޭގެ ފުރަތަމަ ސްޕޭސް ޕްރޮގްރާމަށް ތައްޔާރުވުމުގެ ގޮތުން އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން އެކުލަވައިލި ހަތް މެމްބަރުންގެ އެ ޓީމުގައި ހިމެނެނީ އުމުރުން 30 އަހަރުން ދަށުގެ ދިވެހި ހަތް ޒުވާނުންނެވެ. އެއީ ދެ އަންހެނަކާއި ފަސް ފިރިހެނެކެވެ.

އިލްމީ ގޮތުންނާއި ހުނަރުގެ ގޮތުން ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ގިނަ ޒުވާނުން ހިމެނޭ މި ޓީމުގައި، އެއިރޮސްޕޭސް އިންޖިނިއަރުންނާއި އިލެކްޓްރިކަލް، އިލެކްޓްރޯނިކްސް އަދި މެކޭނިކަލް އިންޖިނިއަރުންގެ އިތުރުން ކޮމްޕިއުޓަރ ސައިންސް ދާއިރާގެ ގްރެޖުއޭޓުން ހިމެނޭކަމަށް އައިޖީއެސްއިން ބުނެއެވެ.

ފުރަތަމަ ސްޕޭސް ޓީމްގެ މެންބަރުން

1- ހުސައިން އައްސަދު، ރ. އަލިފުށި
2- ހުސައިން ރިޒާމް، މާލެ
3- އަހްމަދު އިޖާޒް އަބްދުالله، އއ. ބޮޑުފުޅަދޫ
4- މަރިޔަމް މަހްރޫސާ އަބްދުއްރަހްމާން، މާލެ
5- މަރިޔަމް ޝިމާނަތު، ގދ. ރަތަފަންދޫ
6- މުހައްމަދު އަޝްހަމް މުޖުތަބާ، މާލެ
7- މުހައްމަދު ޖުނައިދު، ހއ. އިހަވަންދޫ

އައިޖީއެސްގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދު ވިދާޅުވީ ރާއްޖޭގެ ސްޕޭސް މިޝަން ޓީމުން މިހާރު ވަނީ، ނެނޯސެޓެލައިޓް އިންޖިނިއަރިން ޕްރޮފެޝަނަލް ކޯސް ފުރިހަމަ ކޮށްފައިކަމަށެވެ. ސެޓެލައިޓް ޑިޒައިންކޮށް، ބިލްޑްކޮށް، ލޯންޗްކޮށް ސައިންޓިފިކް ރިސާޗް ހަދަން ދަސްކޮށްދޭ މިކޯސް ކުރިއަށް ގެންގޮސްފައިވަނީ އެމެރިކާގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަނުންނެވެ.

ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަންގެ މެއިން ޕާޓްނަރަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެވެ. އައި.ޖީ.އެސްއާއި އެޗް.ޑީ.ސީ ގުޅިގެން ކުރިއަށްގެންދާ މި ސްޕޭސް މިޝަންގެ އަމާޒަކީ ރާއްޖޭގެ ފުރަތަމަ ޕްރޮޓޮޓައިޕް ސެޓެލައިޓް ހަދާ ޓެސްޓްކުރުމެވެ. މި މިޝަންއާ ގުޅޭގޮތުން އެޗް.ޑީ.ސީން އާއްމުކުރި ވީޑިއޯއެއްގައި އައި.ޖީ.އެސްގެ ޗެއަރމަން އަދި ސީ.އީ.އޯ ވިދާޅުވީ، މިއީ ވަރަށް ތާރީޚީ އަދި ރާއްޖެއާއި ވަރަށް ބޮޑަށް ގުޅިފައިވާ މުހިއްމު މިޝަނެއްކަމަށެވެ. އެގޮތުން މި މިޝަންގައި ބޭނުންކުރާ ސެޓެލައިޓަކީ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ ސައިންޓިފިކް މަޢުލޫމާތު އެއްކުރުމަށް ހަދާ ސެޓެލައިޓެއްކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ އެމެރިކާގެ ކޭ.އެސް.އެފް ސްޕޭސް ފައުންޑޭޝަންގެ ފަންނީ އެހީތެރިކަމާއެކު އައި.ޖީ.އެސްއިން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. މި ސެޓެލައިޓް ލޯންޗްކުރަން ހަމަޖެހިފައިވަނީ ހުޅުމާލެއިންނެވެ. އަދި އެއަށްފަހު ސެޓެލައިޓުން ޑޭޓާ އެއްކޮށް މުޅި ޕްރޮގްރާމް ހިންގާނީ ދިވެހި ޒުވާނުންގެ ޓީމަކުންނެވެ.

ކޭ.އެސް.އެފް ސްޕޭސް ފައުންޑޭޝަނަކީ ސްޕޭސް ޢިލްމު ފުޅާކޮށް، ސެޓެލައިޓް ލޯންޗުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގައި އެމެރިކާގެ ޖައްވީ އިދާރާ ނާސާއާއި ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީސާ) އާއި މަޝްހޫރު ސްޕޭސް ކުންފުނި ސްޕޭސް އެކްސްގެ ސައިންސްވެރިންނާއި ތަޖުރިބާކާރުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.