ޚަބަރު

ރާއްޖޭގެ ލައިސަންސް މެލޭޝިއާގައި ބޭނުންކުރެވޭނެ ގޮތް ހަމަޖައްސަނީ


މެލޭޝިއާގައި ރާއްޖޭގެ ޑްރައިވިންގ ލައިސަންސް ބޭނުންކުރެވޭ އެއްބަސްވުމުގައި އަންނަ އޯގަސްޓްމަހު ސޮއިކުރުމަށް ނިންމައިފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ނިންމާފައިވަނީ ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓަރ ޢާއިޝަތު ނަހުލާ އދ.ގެ ގްލޯބަލް ރޯޑް ސޭފްޓީ ހައި ލެވެލް ބައްދަލުވުމުގައި ބައިވެރިވުމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރ ޑރ.ވީ.ކާ ސިއޯންގް އާ ބައްދަލުކުރައްވާ ކުރެއްވި މަޝްވަރާތަކުގައެވެ.

މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުގައި މެދުގައި ހުރި އެއްގޮތް ކަންތައްތަކާއި ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން މިއަހަރުގެ އޯގަސްޓް މަހުގެ ފުރަތަމަ ހަފްތާގައި މެލޭޝިއާގައި ރާއްޖޭގެ ޑްރައިވިންގ ލައިސަންސް ބޭނުންކުރެވޭ އެއްބަސްވުމުގައި ސޮއިކުރުމަށް ވަނީ ނިންމާފައެވެ. މި އެއްބަސްވުމުގެ ދަށުން ސައިކަލު ދުއްވުމުގެ ސައްޙަ ލައިސަންސެއް އޮންނަ ކޮންމެ މީހަކަށް އެ ޤައުމުގައި ސައިކަލު ދުއްވުމުގެ ހުއްދަ ލިބިގެންދާނެއެވެ. މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން ތަމްރީން ވުމުގެ ފުރުޞަތުތަަކާއި އެކިކަލަ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މެލޭޝިއާގައި ރާއްޖޭގެ ލައިސަންސް ބޭނުން ކުރެވޭގޮތް ހެދުމަށްޓަކައި އެންމެ ފުރަތަމަ މަޝްވަރާތަކެއް ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައި ކެނެޑާގެ މޮންޓްރިއާލްގައި ކުރިއަށްދިޔަ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން އައިކާއޯ ޖެނެރަލް އެސެމްބްލީގެ ހަވާސާގެ ތެރެއިން އޭރު މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރާ މިނިސްޓަރ ނަހުލާ ބައްދަލުކުރައްވާ ކުރެއްވި މަޝްވަރާތަކުގެ ތެރެއިންނެވެ.

ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ ނިއުޔޯކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައިވަނީ އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އާ ބައްދަލުކުރައްވާ އދ.ގެ އެކި އެޖެންސީތަކާ ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި މިހާރު އޮތް ގުޅުން އިތުރައް ހަރުދަނާކޮށް ޚާއްސަގޮތެއްގައި ރާއްޖޭގެ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ދާއިރާއިން ގުޅުން އިތުރުކުރުމަށްވަނީ މަޝްވަރާކުރައްވާފައެވެ.