ދުނިޔޭގެ ވިޔަފާރި

މިސްރަށް ލޯނު އެހީ ދޭން ވޯލްޑް ބޭންކުން އެއްބަސްވުމަކަށް


ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ގޮދަން ފުށުގެ އަގު އުފުލުމުން ގޮދަން ފުށް އިމްޕޯޓު ކުރުމަށް 500 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނު އެހީ މިސްރަށް ދޭން ވޯލްޑް ބޭންކުން އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

ވޯލްޑު ބޭންކްގެ ބޯޑް އޮފް އެކްޒެކްޓިވް ޑިރެކްޓަރުން ހުއްދަ ދީފައިވާ މި އެއްބަސްވުމުގެ ދަށުން ދޭ ލޯނު އެހީގެ މަޤްޞަދަކީ ފަޤީރު އާބާދީއަށް ކާބޯތަކެތި ފޯރުކޮށްދިނުމުގައި މިސްރުން ކުރަމުންދާ މަސައްކަތަށް އެހީތެރިކަން ފޯރިކޮށްދިނުން ކަމަށް އެބޭންކުން ބުނެއެވެ. އަދި މިއީ އަރަބި ދުނިޔޭގެ އެންމެ އާބާދީ ބޮޑު މިސްރުގެ ސަރުކާރަށް ބޮޑު އެހީތެރިކަމަކަށް ވާނެއެވެ.

ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ވަރަށް ގިނަ ޤައުމުތަކަށް ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް މިސްރަށާއި ޔަމަނަށް ވޯލްޑް ބޭންކުން ކަނޑައަޅާފައި ހުންނަ ކަންޓްރީ ޑިރެކްޓަރ ވަނީ ވިދާޅުވެފައެވެ.

މިސްރަކީ ދުނިޔޭގެ އެންމެ ގިނައިން ގޮދަން ފުށް އިމްޕޯޓުކުރާ ޤައުމެވެ. އަދި ގޮދަން ފުށުގެ އަގަށް އަންނަ ބަދަލާއި މިސްރަށް ގޮދަންފުށް އެތެރެކުރާ މިންވަރާއި އޮންނަނީ ވަރަށް ބޮޑަށް ގުޅިފައެވެ.

ދުނިޔޭގައި އުފައްދާ ގޮދަންފުށުގެ ގާތްގަޑަކަށް ތިންބައިކުޅަ އެއްބައި އެކްސްޕޯޓު ކުރަނީ ރަޝިއާ އާއި ޔުކްރެއިނުންނެވެ. ދެ ޤައުމުގެ ދެމެދުގައި މިހާރު ހިގަނމުންދާ ހަނގުރާމައިގެ ސަބަބުން ގޮދަންފުށުގެ އަގު މިހާރުވެސް ވަނީ އުފުލިފައެވެ.

މިސްރުގެ 70 މިލިއަނެއްހާ މީހުން ބަރޯސާވެފައި ވަނީ ސަރުކާރުން އިމްޕޯޓުކުރާ ގޮދަންފުށުގެ މައްޗަށެވެ. ރަސްމީ ހިސާބުތަކުން ދައްކާގޮތުގައި މިސްރުގައި ތިބި ފަޤީރުންގެ އަދަދު 103 މިލިއަނަށްވުރެ އިތުރެވެ.