ޚަބަރު

އުދައަރާ 7 އަތޮޅެއްގެ 300އެއްހާ ގެއަށް ގެއްލުން


7 އަތޮޅަކުން 19 ރަށަކަށް އުދައަރާ، އެކި ވަރުގެ ގެންލުންތައް ލިބިގެން ރިޕޯޓްކޮށްފައިވާ ކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ. އެއީ، ތ އަތޮޅުގެ 8 ރަށާއި، ގއ.އަތޮޅުގެ 2 ރަށާއި، ގދ.އަތޮޅުގެ 5 ރަށަކާއި، އައްޑޫ ސިޓީގެ ދެ ރަށާއި، ޅ.ކުރެންދުއާއި ލ.މާވަށެވެ. އެންޑީއެމްއޭއިން ހާމަކުރި ގޮތުގައި ގާތްގަނޑަކަށް 300ގެއަށް ލޮނުގެ އަސަރުކޮށް ގެއްލުންވެފައިވެއެވެ.

އެގޮތުން ތ.އަތޮޅުގެ 8 ރަށުން، 133 ގެއަކަށް ލޮނުވަދެ އެކި ވަރުގެ ގެއްލުންތައް ވެފައިވެއެވެ. ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވީ އެންމެ ބޮޑަށް ގެއްލުން ލިބުނު ރަށްތަކުގެ ތެރޭގައި ގދ.މަޑަވެލި ހިމެނޭކަމަށެވެ. އެގޮތުން މަޑަވެލީގެ %98 ގެއަށް ލޮނު ވަދެ އެކިވަރުގެ ގެއްލުންތައްވަނީ ލިބިފައެވެ.

މިއަދު މެންދުރުން ފެށިގެން އައްޑޫ ސިޓީއަށްވެސް އަންނަނީ އުދަ އަރަމުންނެވެ. އައްޑޫ ސިޓީގެ މަރަދޫގެ 50 ގެއަށް ލޮނު ވަދެފައިވާއިރު، 2 ގެއަކަށް ވަރަށް ބޮޑަށް ގެއްލުންވެ އެމީހުން އެހެން ބޯހިޔާވަހިކަމަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޑިޒާސްޓަރ މެނޭޖްމަންޓުން ވިދާޅުވެއެވެ.

އައްޑޫ ސިޓީގެ މަރަދޫ ފޭދޫގެ 30 ގެއަކަށްވެސް އުދައިގެ އަސަރުކޮށްފައިވެއެވެ.

އުދައިގެ ސަބަބުން ލިބުނު ގެއްލުމުގެ ތަފްސީލް ދެނެގަނެ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށްވެސް ޑިޒާސްޓަރ މެނޭޖްމަންޓުން މަޢުލޫމާތުދެއެވެ. އެގޮތުން އާއްމު ރައްޔިތުންނާއި ކައުންސިލްތަކާއި އަދި ފުލުހުންނާއި ސިފައިން ގުޅިގެން ރަށްރަށަށް އެހީވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މީގެއިތުރުން ބޯކޮށް ވާރޭވެހި ޅ.ނައިފަރުގައި ފެންބޮޑުވެ، ފެން ހިންދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ކުރިއަށް މިއޮތް 3 ދުވަހުވެސް ރާއްޖެއަށް ވައިގަދަވެ، ވާރެއާއި އުދައިގެ އަސަރުކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެހެންކަމުން ވާރޭވެހި ފެންބޮޑުވެދާނެފަދަ ހާލަތަކަށް ހުރިހާ ރަށެއްގެ ކައުންސިލްތަކާއި ރައްޔިތުން ތައްޔާރުވެތިބުމަށް އެންޑީއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ގެތަކަށް ފެން ނުވަންނާނެހެން ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަށްވެސްވަނީ އިލްތިމާސްކޮށްފައެވެ.
އަދި މިދުވަސްވަރަކީ ޗުއްޓީ ދުވަސްވަރަކަށްވާތީ މޫދަށް ދިއުމާއި، ދަތުރުދިއުމާއި، ގޮނޑުދޮށް ސަރަހައްދުގައި ކަންކަން ރާވާއިރު މޫސުމަށް ބަލައިގެން ކަންކަން ރޭވުމަށްވެސްވަނީ އިލްތިމާސްކޮށްފައެވެ.