ކުޅިވަރު

ޔޫވީ ބަލިކޮށް ޓީސީ ތިންވަނައަށް


އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ތިންވަނަ ބުރުގެ ފުރަތަމަ މެޗުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށް ޓީސީ ސްޕޯޓްސް ކުލަބުން ލީގު ތާވަލުގެ ތިންވަނައަށް ޖެހިލައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ހުކުރު ދުވަހުގެ ހަވީރު ކުޅުނު މެޗު ޓީސީން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު ޓީސީން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މެޗުގެ 18 ވަނަ މިނެޓުގައި ޓީސީއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ޒަޔާން ނަސީރު (ޒައްޔު) އެވެ. މިއީ މުޙައްމަދު ރަޝީދު (ޕޮގްބާ) ގެ އެހީތެރިކަމާއެކު އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މި ލަނޑަށްފަހުވެސް ޓީސީން ވަނީ ޔޫވީގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓީސީން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މެޗުގެ 43 ވަނަ މިނެޓުގައި މި ލަނޑު ޓީސީއަށް ކާމިޔާބުކޮށްދިނީ ހައިސަމް ރަޝީދެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔޫވީއަށް ވަނީ ފަރަގު ކުޑަކުރަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ޔޫވީގެ ބެލަރޫސް ފޯވާޑް އިވާން ވެރާސް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މި މެޗުގެ ދެވަނަ ހާފު ފަށައިގެން ޔޫވީން ވަނީ ޓީސީގެ ގޯލަށް ފުލުފުލުގައި ނުރައްކާކޮށްފައެވެ. އެކަމަކު ޓީސީގެ ގޯލްކީޕަރު ސުޖަން ޕެރޭރާ ވަނީ ޔޫވީގެ ހަމަލާތައް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މި މެޗުގައި ޓީސީން ތިންވަނަ ލަނޑު ޖެހީ މެޗުގެ 60 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ލަނޑުވެސް ޖަހައިދިން ހައިސަމެވެ.

މި ނަތީޖާއާއެކު ޓީސީ ތިންވަނައަށް ޖެހިލީ ކުޅުނު 15 މެޗުން 20 ޕޮއިންޓް ހޯދައިގެންނެވެ. އަދި ހަތަރުވަނައިގައި އޮތް ޔޫވީއަށްވެސް 15 މެޗުން 20 ޕޮއިންޓް ލިބިފައިވާއިރު، ޓީސީއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.