ޚަބަރު

އުދަ އަރައި އައްޑޫގެ ބައެއް ގޭގޭގައި ދިރިނޫޅެވޭވަރަށް ގެއްލުންވެއްޖެ


އުދަ އަރާ ގެއްލުންވެގެން ގިނަ ރަށްތަކަކުން ރިޕޯޓްކުރަމުންދާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނެފިއެވެ. އުދަ އަރަމުންދަނީ މިއަދު މެންދުރުުން ފެށިގެންނެވެ. އުދަ އަރައިގެން މިހާތަނަށް އެންމެ ބޮޑު ގެއްލުމެއް ލިބުނުކަމަށް ޚަބަރު ލިބެނީ އައްޑޫ ސިޓީއަށެވެ.

އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރ މުޙައްމަދު ޝުއާއު ޕީއެސްއެމްއަށް ވިދާޅުވީ އައްޑޫ ސިޓީގެ މަރަދޫއަށް ވަރަށް ބޮޑަށް އުދަ އަރަމުންދާކަމަށެވެ. ރާޅު އަރާ ގެއްލުންވުމުގެ ސަބަބުން ހަތަރު ވަރަކަށް ގެއިން މީހުން ހުސްކޮށްފައިވާކަމަށެވެ. މިގެތަކަށް ލޮނު ވަދެ އެ ގެތަކަށް ވަރަށް ބޮޑަށް ގެއްލުން ވަމުންދާކަމަށާއި، ފަރުނީޗަރާއި، އިލެކްޓްރޯނިކް ސާމާނާއި، ހިފާ ގެންގުޅޭ ތަކެއްޗަށްވެސް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝުއާއު ވިދާޅުވީ ގެތައް ހުރި ބައެއް ސަރަޙައްދުތަކުގައި ދެ ފޫޓު އުސްމިނުގައި ލޮނުގަނޑު ހުރިކަމަށެވެ.

ކައުންސިލުން މިހާރު ދަނީ، ގެއްލުން ލިބުނު ގެތަކުގެ ރައްޔިތުންނަށް އެހީވަމުންނެވެ. އެގޮތުން ތިން ހަތަރު ގެއިން މީހުން ހުސްކޮށް، އެމީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވ ބޮޑަށް އުދަ އަރަމުންދާ ސަރަޙައްދުތަކަށް، ވެލި އެޅުމާއި ވެލި ބައްސަތާ ޖެހުމުގެ މަސައްކަތް ކަމާއިގުޅުންހުރި އިދާރާތަކުން ކުރަމުންދާކަމަށެވެ. އެގޮތުން އާއްމު ރައްޔިތުންނާއި އެމްއެންޑީއެއް، ފުލުހުން އަދި ކައުންސިލްގެ ޕަބްލިކް ވޯކްސް ޔުނިޓްއާއި މުނިސިޕަލް ސަރވިސް ގުޅިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މަރަދޫގެ އިތުރުން އެހެން ރަށްތަކަށްވެސް އުދަ އަރާތީ ދަނީ އެހީތެރިވަމުންނެވެ.

ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވީ އައްޑޫގެ އިތުރުން، އެހެން ގިނަ ރަށްތަކަކުންވެސް އުދައަރައިގެން ރިޕޯޓް ކުރަމުންދާކަމަށެވެ. އެހެންކަމުން ކައުންސިލްތަކާއި ގުޅިގެން އެރަށްރަށުގެ ޙާލަތު ބަލަމުންދާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

ރާއްޖޭގެ މޫސުން މިދުވަސްވަރު ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ވިއްސާރަ ވުމާއި، އަދި ދިޔަވަރު ބޮޑުވާ ވަގުތުގައި އުދަ އަރާނެކަމަށް ލަފާކޮށް އެލަރޓްތައްވެސް ދަނީ ނެެރެމުންނެވެ. މޫސުން ގޯސްވެ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓަށް ހުންނާނެއެވެ.