ޚަބަރު

ފަރަންސޭސިވިލާތުގައި ދުވާލަކު 124,000އަށްވުރެ ގިނަ ކޯވިޑް-19 ކޭސް


ފަރަންސޭސިވިލާތުގައި ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުން ގޮސް، އަންނަ ޖުލައި މަހުގެ ފަހުކޮޅު ކޭސްތަކުގެ އަދަދު އެންމެ މައްޗަށް އަރާނެ ކަމުގައި އެ ޤައުމުން ބުނެފިއެވެ. ބުރާސްފަތި ދުވަހު އެކަނި ވެސް އެ ޤައުމުން 124,724 އައު ކޭސް ވަނީ ފެނިފައެވެ. އޭގެ ކުރީ ހަފުތާގައި ބަލި ޖެހުނު މީހުންގެ އަދަދު ދުވާލެއްގެ މައްޗަށް އެވުރެޖުކޮށް ހުރީ 77,000 އިން މަތީގައެވެ.

ހަލުވި ކަމާއެކު ކޯވިޑް ފެތުރެމުންދާތީ، ފަރަންސޭސި ސަރުކާރުން ދަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ. ނަމަވެސް، ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް މަޖުބޫރު ކުރުވުމުގެ ވިސްނުމެއް ނެތެވެ. އެ ޤައުމުގެ ޞިއްޙަތާ ބެހޭ ވަޒީރު ބްރިޖިޓް ބޯގިންޔޯން ވިދާޅުވީ، ޢާންމުން އެއްވެ އުޅޭ ތަންތަނާއި، ޚާއްޞަކޮށް ޢާންމު ދަތުރުފަތުރުގެ ނިޒާމު ބޭނުން ކުރާއިރާއި، މާސްކު އެޅުމަށް އިލްތިމާސް ކުރާ ކަމުގައެވެ. މި ކަމުގައި މަރުޖޫބުރު ކަމެއް ނެތް ނަމަވެސް، އެންމެން ވެސް މިއީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

ފަރަންސޭސިވިލާތަށް ކޯވިޑް-19ގެ އިތުރު ރާޅެއް އަރާފައިވާ ކަމަށް އެ ޤައުމުން ރިޕޯޓްކޮށްފައި ވަނީ ހުސްވި ހަފުތާގައެވެ. މި ކަމާ ގުޅިގެން އެ ޤައުމުގެ ވެކްސިން ޕުރޮގުރާމުގެ އިސްވެރިޔާ އެލެއިން ފިޝަރ ވަނީ، މާސްކު އެޅުން މަޖުބޫރު ކުރުވަން އޭނާ ތާޢީދުކުރައްވާ ކަމުގައެވެ. އެ ޤައުމާއި، ވިލާތުގެ އެހެން ޤައުމުތަކުގައި ހަލުވިކަމާ އެކު ފެތުރެމުން ދަނީ ކޯވިޑް-19ގެ ވޭރިއަންޓެއް ކަމުގައިވާ އޮމިކްރޯންގެ ދެ ސަބް-ވޭރިއަންޓެއް ކަމަށް ވިލާތުގެ ޤައުމުތަކުގެ ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ބުނެއެވެ.

އޮމިކްރޯންގެ މައި ވޭރިއަންޓާ އެއް ގޮތަށް، ސަބް-ވޭރިއަންޓުތަކުގެ ސަބަބުން ބަލި ޖެހޭ މީހުންނަށް އޮތް ނުރައްކާތެރި ކަން ކުޑަ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ. ނަމަވެސް، މިއީ އޮމިކްރޯންއަށް ވުރެ ހަލުވިކަމާ އެކު ފެތުރެމުންދާ ސަބް-ވޭރިއެންޓް ތަކެކެވެ.
ޖޫން މަހުގެ މެދެއްހާ ހިސާބުގައި، އެ ޤައުމުގައި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ހުރީ 13,876 ގައެވެ. ނަމަވެސް، މިހާރު އެ އަދަދު ވަނީ 15,099 އަށް އަރާފައެވެ. އެ ޤައުމުގައި އެންމެ ދުވަހެއްގެ މަތިން އެންމެ ގިނަ އަދަދެއްގެ ބަޔަކަށް ކޮވިޑް ޖެހިގެން ރެކޯޑް ކުރެވިފައި ވަނީ 366,179 ކޭސްއެވެ. އެއީ، މި އަހަރުގެ ކުރީކޮޅުގައެވެ. މި ބަލީގައި އެ ޤައުމުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 149,406 އަށް އަރާފައެވެ.

ވިލާތުގެ ޤައުމުތަކަށް މިހާރު ހޫނު މޫސުން ފެށިފައި ވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ކޮވިޑްގެ ކޭސްތަކުގެ އަދަދު އިތުރުވެގެންދާނެ ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ވެސް ވަނީ އިންޒާރު ކޮށްފައެވެ. ވިލާތުގެ ޤައުމުތަކުގައި ހުންނަ ޑަބްލިޔު.އެޗް.އޯ.ގެ ޑިރެކްޓަރު ހާންސް ކްލޫގް ވިދާޅުވީ، ފާއިތުވި ތިން މަހުގެ ތެރޭގައި ވިލާތުގެ ޤައުމުތަކުން ފެންނަ ކޮވިޑްގެ ކޭސްތަކުގެ އަދަދު ތިން ގުނައަށް އިތުރުވެފައިވާ ކަމުގައެވެ. އަދި، މި ކަމަށް ސަމާލުވުމަށް އޭނާ ވަނީ އެ ޤައުމުތަކަށް ގޮވައިލައްވާފައެވެ.

ވިލާތުގެ ޤައުމުތަކުގެ ތެރެއިން އެންމެ ހަލުވިކަމާ އެކު މި ބަލި ފެތުރެމުންދާ ޤައުމުތަކުގެ ތެރޭގައި އޮސްޓްރިޔާ، ސައިޕްރަސް، ޖަރުމަނު ވިލާތް، ގްރީސް، ލުގްޒެމްބަރގް އަދި ޕޯޗުގަލް ހިމެނެއެވެ. ކްލޫގް ވިދާޅުވީ، ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ، ވަގުތުން އެކަހެރިވެ، ޓެސްޓު ހެދުމަށް އިލްތިމާސް ކުރައްވާ ކަމުގައެވެ.