ޚަބަރު

ކޯވިޑް ފެތުރެން ފެށުނީ ދެކުނު ކޮރެޔާގެ ސަބަބުން: އުތުރު ކޮރެޔާ


އުތުރު ކޮރެޔާގައި ކޮވިޑް-19 ފެތުރެން ފަށާފައި ވަނީ ދެކުނު ކޮރެޔާގެ އަމަލުތަކާ ގުޅިގެން ކަމަށް އުތުރު ކޮރެޔާއިން ތުހުމަތުކޮށްފިއެވެ. އުތުރު ކޮރެޔާއިން ބުނީ އެ ޤައުމުން މި ބަލި ފުރަތަމަ ޖެހިފައި ވަނީ ދެކުނު ކޮރެޔާއިން ފުއްޕާހަންތަކެއްގައި އެލުވާފައި ދޫކޮށްލި އެއްޗެހި ތަކެއްގައި އަތްލި މީހުންނަށް ކަމުގައެވެ.

މި ކަން އުތުރު ކޮރެޔާއިން ވަނީ ތަހުޤީޤު ކޮށްފައެވެ. އަދި، ތަހުޤީޤު ރިޕޯޓު ޢާންމުކޮށް، އުތުރު ކޮރެޔާއިން ވަނީ ދެ ކޮރެޔާގެ ދެމެދުގައިވާ ސަރަޙައްދީ ރޮނގު ހުރަސްކޮށް ވައިގެ ޒަރީޢާއިން ފޮނުވާ ތަކެތީގައި އަތް ނުލުމަށް އެ ޤައުމުގެ ރައްޔިތުންނަށް އަންގާފައެވެ. އުތުރު ކޮރެޔާގެ ސަރުކާރާ ދެކޮޅު ލިޔެކިޔުންތައް ހިމެނޭ ލީފްލެޓް ފަދަ ތަކެތި ދެކުނު ކޮރެޔާގެ ރައްޔިތުން ފުއްޕާހަން ފަދަ ތަކެތީގެ އެލުވާފައި އުތުރު ކޮރެޔާއަށް ފޮނުވުމަކީ ޢާންމުކޮށް ހިނގާ ކަމެކެވެ.

އުތުރު ކޮރެޔާއިން ބުނީ އެ ޤައުމުން ފުރަތަމަ ކޮވިޑް-19 ޖެހިފައި ވަނީ 18 އަހަރުގެ ސިފައިންގެ މީހަކާއި ފަސް އަހަރުގެ ކުޑަ ކުއްޖަކަށް ކަމުގައެވެ. އެ ދެ މީހުންނަށް ވެސް ބަލި ޖެހުނީ، ދެކުނު ކޮރެޔާއިން ފޮނުވާފައިވާ ލީފްލެޓްތަކެއްގައި އަތްލުމުން ކަމަށް ވެސް އެ ޤައުމުން ތުހުމަތު ކުރެއެވެ.

ނަމަވެސް، ދެކުނު ކޮރެޔާއިން މި ތުހުމަތުތައް ދޮގު ކުރެއެވެ. ދެކުނު ކޮރެޔާގެ ޔުނިފިކޭޝަން މިނިސްޓްރީން ބުނީ، އެ ގޮތަށް ފޮނުވާ ލީފްލެޓްތަކުގެ ޒަރީޢާއިން ބަލި ފެތުރިދާނެ ކަމަށް ޤަބޫލު ނުކުރާ ކަމުގައެވެ. އަދި، ސޯލްގައި ހުންނަ ޔުނިވަރސިޓީ އޮފް ނޯތް ކޮރެޔަން ސްޓަޑީޒްގެ ޕްރޮފެސަރެއް ކަމުގައިވާ ޔެންގް މޫ-ޖިން ވެސް ވިދާޅުވީ، އުތުރު ކޮރެޔާއިން ތުހުމަތު ކުރާ ގޮތަށް ލީފްލެޓްތައް މެދުވެރިކޮށް ބަލި ފެތުރުމަކީ ނާދިރު ކަމެއް ކަމުގައެވެ.