ޚަބަރު

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ: ޢާންމުންގެ ޢިމާރާތަކަށް ހަމަލާދީ ބަޔަކު މަރާލައިފި


ޔޫކްރެއިންގެ ބަނދަރުމަތީ ރަށެއް ކަމުގައިވާ އޮޑެއްސާގައި ޢާންމުން ދިރިއުޅޭ ޢިމާރާތަކަށް ރަޝިޔާ ސިފައިން ދިން މިސައިލް ހަމަލާއެއްގައި ޢާންމުންގެ 14 މީހުން މަރުވެއްޖެއެވެ. ނުވަ ބުރީގެ މި ޢީމާރާތަށް ދިން ހަމަލާގައި އިތުރު 30 މީހަކު ޒަޚަމްވިއެވެ. އަދި، ޢިމާރާތުގެ ބައެއް ވެއްޓިފައި ވާއިރު، ހަމަލާގައި ޢިމާރާތުގައި ވަނީ ރޯވެފައެވެ.

އޮޑެއްސާގެ އިސް އޮފިޝަލަކު ބުނީ، ރަޝިޔާ ސިފައިންގެ ހަމަލާ އެ ޢިމާރާތަށް އަރާފައި ވަނީ ދަންވަރު 1 ޖެހިއިރު، އެންމެން ނިދާފައި ތިބި ވަގުތެއްގައި ކަމުގައެވެ. އަދި، ޢިމާރާތުގެ ވެއްޓިފައިވާ ބައިތަކުގެ ދަށުވެފައިވާ މީހުންގެ ހަށިތައް ހޯދުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމުގައި އެ ފަރާތުން ބުނެއެވެ.

ރަޝިޔާއިން ސިފައިން އެ ސަރަޙައްދަށް ދިން އެހެން މިސައިލް ހަމަލާއެއް އަރާފައި ވަނީ ރިސޯޓަކަށެވެ. އެ ހަމަލާގައި ބައެއް މީހުންނަށް އަނިޔާވި ނަމަވެސް، އެއްވެސް މީހަކު މަރުވި ކަން އަދި ކަށަވަރުވެފައެއް ނުވެއެވެ. ފަހަކަށް އައިސް، ޢާންމުން ދިރިއުޅޭ ތަންތަނަށް އަމާޒުކޮށް ރަޝިޔާ ސިފައިން ދޭ މިފަދަ ހަމަލާތައް ވަނީ އިތުރުވެފައެވެ.

ހުސްވި ހަފުތާގައި ޔޫކްރެއިންގެ މެދުތެރޭގައިވާ ރަށެއް ކަމުގައިވާ ކްރެމެންޗުކްގައި ހުންނަ ޝޮޕިންގް މޯލަކަށް ރަޝިޔާ ސިފައިން ދިން ހަމަލާއެއްގައި މަރުވި މީހުންގެ އަދަދު ވަނީ 20 އަށް އަރާފައެވެ. މި ހަމަލާގައި މުޅި ޢިމާރާތް ސުންނާފަތި ކޮށްލާފައި ވާއިރު، މި ހަމަލާގައި 59 މީހުން ޒަޚަމްވެ، 25 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހުނެވެ.