ވިޔަފާރި

ބުލްގާރީ ބްރޭންޑުގެ ރިސޯޓެއް ރ. އަތޮޅުގައި ހުޅުވަނީ


ދުނިޔޭގެ އެންމެ މަޝްރޫހު ލަގްޒަރީ ބްރޭންޑުތަކުގެ ތެރޭގައި ހިމެނޭ، "ބުލްގާރީ" ބްރޭންޑުގެ ރިސޯޓެއް ރާއްޖޭގައި ހުޅުވުމަށް ނިންމައިފިއެވެ.

ބުލްގާރީ ބްރޭންޑުގެ ރިސޯޓެއް ރާއްޖޭގައި ހުޅުވުމަށް ހަމަޖެހިފައިވަނީ ރ. އަތޮޅު ރަންފުށީގައެވެ. މި ރިސޯޓު ހުޅުވުމަށް ހަމަޖެހިފައިވަނީ 2025ގައެވެ. މިއީ ރާއްޖޭގައި ހުޅުވާ މި ބްރޭންޑުގެ ފުރަތަމަ ރިސޯޓެވެ.

ދަ ބުލްގާރީ ރިސޯޓު ރަންފުށީގެ ނަމުގައި ހުޅުވާ މި ރިސޯޓުވެގެންދާނީ އެންމެ މަތީ ފަންތީގެ ޙިދުމަތްދޭ ރިސޯޓަކަށެވެ. މި ރިސޯޓަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ސީ ޕްލޭންގައި 45 މިނެޓުން ދެވޭނެއެވެ.

20 ހެކްޓަރުގެ ބިމެއްގައި ތަރައްޤީކުރާ މި ރިސޯޓުގައި ސްވިޕޫލްއާއެކު ތަރައްޤީކޮށްފައިވާ 33 ބީޗު ވިލާ ހުންނާނެއެވެ. އަދި އެންމެ މަތީ ފެންވަރުގެ ޙިދުމަތްތައް ލިބޭ 20 ވޯޓަރ ވިލާ ހުންނާނެއެވެ. މީގެއިތުރުން ވަކިން ރަށެއްގައިވެސް، ވިލާއެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށް ބުލްގާރީ ހޮޓެލްސްއިން މައުލޫމާތުދެއެވެ.

ބުލްގާރީ ރިސޯޓު ރަންފުށީގެ ސްޕާއެއްގެ ޙިދުމަތާއި، ފިޓްނަސް ސެންޓަރއެއްގެ ޙިދުމަތުގެ އިތުރުން ޕްރައިވެޓް ލައިބްރަރީއެއްގެ ޙިދުމަތް ލިބޭނެއެވެ. އަދި ތަފާތު އެކި ކަހަލަ ކެއުންތައް ލިބޭ 4 ރެސްޓޯރެންޓެއްވެސް މި ރިސޯޓުގައި ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރަންފުށީގައި ތަރައްޤީކުރާ ރިސޯޓުވެގެންދާނީ ބުލްގާރީ ހޮޓެލްސްގެ 13ވަނަ ރިސޯޓަށެވެ. ބުލްގާރީއިން ރިސޯޓުތައް ހުޅުވާނީ ހޮވާލެވޭ ޙާއްސަ މަންޒިލްތަކުގައި އެކަންޏެވެ. އެގޮތުން މިހާރުވެސް އެ ބްރޭންޑުގެ ރިސޯޓުތައް މިލާން، ލަންޑަން، ބާލީ އަދި ޕެރިސްގައި ހުރެއެވެ.