ވިޔަފާރި

އެމެރިކާގެ ކެލާޕާ މީޑިއާއާއި ގުޅިގެން އެމްއެމްޕީއާރުސީން ރާއްޖެ އިޝްތިހާރުކުރަނީ


ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި ފިލްމް ޕްރޮޑަކްޝަން މަސައްކަތް ކުރާ ކުންފުންޏެއްކަމަށްވާ ކެލާޕާ މީޑިއާގެ ޓީމެއް ރާއްޖެ އިޝްތިހާރުކުރުމަށް އައިސްފިއެވެ.

ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން ދުނިޔޭގެ ވަރުގަދަ ޝަހުސިއްޔަތުތަކާއި، މަޤްބޫލު މީހުންގެ އިތުރުން އެކިއެކި މީޑިއާ ޓީމުތައް ރާއްޖެ ގެނެއެވެ. މިއީވެސް އެފަދަ ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެ އައި ޓީމެކެވެ.

އެމްއެމްޕީއާރުސީގެ ދައުވަތަކަށް ފެމިލިއަރައިޒޭޝަން ދަތުރެއްގައި ކެލާޕާ މީޑިއާ ތަމްސީލުކުރާ ދެ އިންފްލޫއެންސަރުން ވަނީ ރާއްޖެ އައިސްފައެވެ. މި ދަތުރު ކުރިއަށް ދާނީ ޖޫން 26 އިން ޖުލައި މަހުގެ 6 ވަނަ ދުވަހާ ހަމައަށެވެ.

ކެލާޕާ މީޑިއާއަކީ ގިނަ ބްރޭންޑް ތަކަކަށް ފޮޓޯއާއި ވީޑިއޯ ކޮންޓެންޓު އުފައްދައިދޭ، އެމެރިކާ، ކެނެޑާ، އިނގިރޭސިވިލާތް، އިޓަލީ އަދި ޔޫއޭއީގެ މާކެޓްތަކުގައި މަސައްކަތް ކުރާ ފިލްމު ޕްރޮޑަކްޝަން ކުންފުންޏެކެވެ.

މި ޓީމުން ރާއްޖެއަށް ކުރާ މި ދަތުރުން، ސޯސަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގެ ރޮމޭންޓިކް ސައިޑް އޮފް ލައިފް ޕްރޮމޯޓް ކުރާނެއެވެ. މިމީހުން ރާއްޖޭގައި ނަގާ ފޮޓޯތައް ހަނީމޫން ހޭދަކުރަން ބޭނުންވާ ގިނަ ބަޔަކަށް ފޯރާނެއެވެ. އެގޮތުން އެމެރިކާ އަދި އެނޫންވެސް ޔޫރަޕްގެ ގިނަ މާކެޓްތަކެއްގެ މީހުންނަށް ފޯރާނެއެވެ.

މި ދަތުރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެކި ސެގްމެންޓުތައް، ހާއްސަކޮށް ރޮމާންޓިކް ސައިޑް އޮފް ލައިފް، އެމެރިކާގެ މާކެޓުގައި ޕްރޮމޯޓްކުރުމަށް އެކުލަވާލާފައިވާ މާކެޓިންގް ސްޓްރެޓަޖީގެ ދަށުން ހިންގާ ހަރަކާތެކެވެ. މި އަހަރުގެ ޖެނުއަރީއިން ފެށިގެން ޖޫން 8 ގެ ނިޔަލަށް އެމެރިކާ އަކީ ރާއްޖެއަށް 7 ވަނަ އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ މާކެޓެވެ. އެއީ 34،609 ފަތުރުވެރިންނެވެ. މިއީ މި މުއްދަތުގެ ޖުމްލަ މާކެޓް ޝެއާގެ %7.4 ހިއްސާއެވެ.

އެމްއެމްޕީއާރުސީއިން ދަނީ އެމެރިކާ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން ދަމަހައްޓާ، އެރައިވަލްސް އިތުރުކުރުމުގެ މަޤްސަދުގައި އިންޑަސްޓްރީގެ ހިއްސާދާރުންނާއެކު ޖޮއިންޓް ކެމްޕޭންތަކާއި ފެމިލިއަރައިޒޭޝަން ދަތުރުތަކާއި ފެއާތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވަމުންނެވެ.