ޚަބަރު

"އެކްވިލަން ރިޓާންސް" ހީރޯއަކީ ކާކުކަމެއް، ވިލަންއަކީ ކާކުކަމެއް ނޭންގުނު


ޑައިރެކްޓަރު މޯހިތު ސޫރީ 2014 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމު "އޭކް ވިލަން" ގެ 2 ވަނަ ބައެއް ގެނެސްދޭނެކަމަށް އިއުލާނުކުރީ މިދިޔަ އަހަރު ކުރީކޮޅުއެވެ. އޭގެފަހުން "އޭކް ވިލަން ރިޓާންސް" ގެ ނަމުގައި ގެނެސްދޭ މި ފިލްމުގެ ޓްރެއިލާ އިއްޔެ މިވަނީ ބެލުންތެރިންނަށް ދޫކޮށްލާފައެވެ.

އައު ފިލްމުގައި މުޅިން އައު ކާސްޓަކާއިއެކު ފެންނާނީ ކުރީގެ ފިލްމުގައި ކިޔައިދިން ހާދިސާތަކުގެ 8 އަހަރު ފަހުން ހިނގާފައިވާ ކަންތައްތަކެވެ. ކުރީގެ ފިލްމުގެ ތަރިންނަކީ ސިދާތު މަލޯތްރާ އާއި ޝްރަދާ ކަޕޫރްގެ އިތުރުން ރިތޭޝް ދޭޝްމުކެވެ.

"އޭކް ވިލަން ރިޓާންސް" ގައި ޖޯން އަބްރަހަމާއި ދިޝާ ޕަޓާނީ އާއި އަރުޖުން ކަޕޫރްގެ އިތުރުން ތާރާ ސުތާރިއާވެސް ފެނެއެވެ. ޓްރެއިލާގައި ދައްކާގޮތުން މިއިން ކޮންމެ ކެރެކްޓާއަކީ ހަޤީޤަތް ސާފުނުވާ މިސްޓީރިއަސް ގޮތަކަށް ގެނެސްދީފައި ވާ ކެރެކްޓާ ތަކެކެވެ.


ވަރުގަދަ ތަޅާފޮޅުންތައް ފެންނަ މި ޓްރެއިލާގައި ގައިން ހީބިހި ނަގައިގެންދާ ތަންތަންކޮޅުވެސް ފެނެއެވެ. އަދި ޓްރެއިލާގައި ބުނާގޮތުގައި ހީރޯ އަކީ ކާކު ކަމެއް ވިލަން އަކީ ކާކުކަމެއް ނޭގެއެވެ.

މި ފިލްމުގެ ލީޑްރޯލަށް އަދިތްޔާ ރޯއި ކަޕޫރުވެސް މީގެކުރިން ވަނީ ހަމަޖައްސާފައެވެ. ނަމަވެސް މޯހިތު އާއި އަދިތްޔާ ދެމީހުންގެ ޒާތީ މައްސަލަތަކަކާއި ހެދި އަދިތްޔާ ވަނީ މި ފިލްމު ދޫކޮށްލާފައެވެ.

އެކްތާ ކަޕޫރާއި ބޫޝާން ކުމާރު ޕްރޮޑިއުސްކުރާ މި ފިލްމު ސިނަމާތަކަށް ގެންނާނީ މިމަހު 29 ގައެވެ. ޑައިރެކްޓަރު މޯހިތު އެންމެ ފަހުން ގެނެސްދިނީ 2020 ވަނަ އަހަރު ގެނެސްދިން ފިލްމު "މަލަންގް" އެވެ. މޯހިތު ވަނީ މީގެ ސީކުއަލް އެއްވެސް ގެނެސްދޭނެކަމަށް ބުނެފައެވެ. މި ފިލްމުގެ ލީޑްރޯލުން ފެނުނީ އަދިތްޔާ އާއި ދިޝާއެވެ.