ޚަބަރު

ރޮޓަރީ ކްލަބުން ތިނަދޫ ރައްޔިތުންނަށް އެހީގެ ސާމާނުތަކެއް !


ގދ. ތިނަދޫ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މާލޭ ރޮޓަރީ ކްލަބުން ދޭ އެހީގެ ތަކެތި ދިވެހި ރެޑް ކްރެސެންޓާއި ޙަވާލުކޮށްފިއެވެ.ރޮޓަރީ ކްލަބުން ތިނަދޫގެ ރައްޔިތުންނަށް އެހީގެ ގޮތުގައި ފޮނުވުމަށް ޙަވާލުކޮށްފައިވާ ތަކެތީގެ ތެރޭގައި، 50 ކޭސް މަދިރި ލޯޝަނާއި، 84 ޓޯޗު ބައްތިއާއި ބެޓެރި ހިމެނެއެވެ. މިތަކެތި ދިވެހި ރެޑް ކްރެސެންޓާއި ހަވާލުކޮށްދެއްވީ ރޮޓަރީ ކްލަބްގެ ކުރީގެ ރައީސް ކެޕްޓަން އަޙުމަދު މައުމޫނެވެ. އަދި ދިވެހި ރެޑް ކްރެސެންޓުގެ ފަރާތުން ތަކެއްޗާއި ޙަވާލުވެވަޑައިގަތީ އެމް.އާރް.ސީގެ ރައީސް އަލީ ނާޝިދެވެ.ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރޮޓަރީ ކްލަބްގެ ކުރީގެ ރައީސް ކެޕްޓަން އަޙުމަދު މައުމޫން ވިދާޅުވީ، މިއަދު ޙަވާލުކުރެވުނު ތަކެއްޗަކީ މިވަގުތަށް ޚާއްސަކޮށް ކުޑަކުދިންނަށް ބޭނުންވާ މަދިރި ލޯޝަން ފަދަ ތަކެތި ކަމަށެވެ. އޭގެ އިތުރަށް ކާބޯތަކެތީގެ ގޮތުގައި އާފަލާއި، އޮރެންޖުވެސް ތިނަދުއަށް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.ދިވެހި ރެޑް ކްރެސެންޓުން ބުނީ ތިނަދޫއަށް ދިމާވެފައިވާ ޙާދިސާއާ ގުޅިގެން ދިވެހި ރެޑް ކްރެސެންޓުގެ މެންބަރުން އެރަށުގައި ހަރަކާތްތެރިވަމުން ގެންދާ ކަމަށާއި ތިނަދޫއަށް މިވަގުތު އެންމެ ބޮޑަށް ބޭނުންވާ ތަކެތީގެ އެސެސްމަންޓެއް ހެދުމުގެ މަސައްކަތް އެޖަމާއަތުން ކުރަމުން ގެންދާ ކަމަށެވެ. އަދި އެޖަމާއަތުގެ އެހެން ބްރާންޗުތައް މެދުވެރިކޮށް ކައިރި ހިސާބުތަކުން ތިނަދޫއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ރެޑްކްރެސެންޓުން މައުލޫމާތުދެއްވައެވެ.