ޚަބަރު

ކޯވިޑަށްފަހު ބޫޓާންވެސް ފަތުރުވެރިންނަށް ހުޅުވައިލަނީ


ކޯވިޑް-19ގެ ބަލިމަޑުކަމާ އެކު ބޫޓާނުގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށް ފަހު، ސެޕްޓެމްބަރު މަހުން ފެށިގެން ފަތުރުވެރިންނަށް އެ ޤައުމު ހުޅުވައިލާން ނިންމައިފިއެވެ. ބޫޓާނުން ފަތުރުވެރިންނަށް މަރުޙަބާ ކިޔަން ނިންމާފައި މިވަނީ، ދެ އަހަރު ދުވަހު ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށް ފަހުއެވެ. އެ ޤައުމުން ކޯވިޑް-19ގެ ފުރަތަމަ ކޭސް ފެނިފައި ވަނީ 2020 ވަނަ އަހަރުގެ މާރިޗު މަހުއެވެ.

800,000 މީހުންގެ އާބާދީއެއް އޮންނަ ބޫޓާންގައި 60,000 އަށްވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހުނެއެވެ. އަދި، އެ ޤައުމުގައި މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 21 އަށް އަރާފައެވެ. ކޮވިޑްގެ ފުރަބަންދާ ގުޅިގެން ބޫޓާންގެ ތިން ބިލިޔަން ޑޮލަރުގެ އިޤްތިޞާދު ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. އަދި، އެތައް ސަތޭކަ ބަޔަކަށް ފަގީރު ހާލާ ކުރިމަތިލާން ޖެހުނެވެ.

ބޫޓާންގެ މާލީ ވަޒީރު އަދި ފަތުވެރިކަމާ ބެހޭ ކައުންސިލް (ޓީ.ސީ.ބީ)ގެ ޗެއާމަން ޓަންޑީ ޑޯރްޖީ ވިދާޅުވީ، ސެޕްޓެންބަރު މަހުގެ 23 ވަނަ ދުވަހު އެ ޤައުމުގެ ބޯޑަރުތައް އަލުން ހުޅުވައިލާ ފަތުރުވެރިންނަށް މަރުޙަބާ ކިޔާނެ ކަމުގައެވެ. ނަމަވެސް، އެ ޤައުމަށް ޒިޔާރަތް ކުރާ ފަތުރުވެރިން ދައްކަން ޖެހޭ ފީތަކުގެ އަގު މި ވަނީ ބޮޑުކޮށްފައެވެ. މި ގޮތުން، ކުރިން ސަސްޓެއިނެބަލް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ނަގަމުން ދިޔަ 65 ޑޮލަރުގެ މިހާރު ވަނީ 200 ޑޮލަރަށް ބޮޑު ކޮށްފައެވެ.

ބޫޓާނުގައި ފަތުރުވެރިކަން ފަށާފައި ވަނީ 1974 ވަނަ އަހަރުއެވެ. އެ އަހަރު އެ ޤައުމަށް ޒިޔާރަތް ކުރީ 300 ފަތުރުވެރިންނެވެ. ނަމަވެސް، 2019 ވަނަ އަހަރު އެ ޤައުމަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 315,600 އަށް އަރައެވެ. އެ ޤައުމުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި 50,000 މީހުން ވަޒީފާ އަދާ ކުރެއެވެ.