ޚަބަރު

މެމްބަރުން ހަމަނުވުމުން ލޭބަރ ޕާޓީ އުވާލަން ނިންމައިފި


މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޕީ) އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

ލޭބަރ ޕާޓީ އުވާލަން ނިންމައި، އެކަމުގެ ނޯޓިސް އެޕާޓީއަށް ފޮނުވާފައިމިވަނީ ޕާޓީތަކުގެ ދަފްތަރުގައި 3000 މެމްބަރުން ހަމަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ދިން ތިން މަސް ދުވަހުގެ މުއްދަތުގައި އެ ޢަދަދަށް މެންބަރުން ހަމަނުކުރެވުމުގެ ސަބަބުންނެވެ. އެ ޕާޓީ އުފައްދައި، އިސްކޮށް ހަރަކާތްތެރިވެފައިވަނީ އެމްޑީޕީގެ ކުރީގެ މެމްބަރު އަދި ޤާނޫނީ ވަކީލު ޢަބްދުﷲ ހަސީންއެވެ.

އިލެކްޝަން ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ސިޔާސީ ޕާޓީއެއް ވުޖޫދުގައި އޮތުމަށް ގާނޫނު ވާޖިބުކުރާ 3000 މެންބަރުން ހަމަކުރުމަށް ލޭބަރ ޕާޓީއަށް ތިން މަސް ދުވަސްދެވި، އެ މުއްދަތު ޖޫން 14 ވަނަ ދުވަހަށް ހަމަވިއިރު، 3000 މެންބަރުން އެ ޕާޓީއަށް ހަމަވެފައިނުވާކަމަށެވެ.

އިލެކްޝަނުން ވަނީ އެއްވެސް ސިޔާސީ ހަރަކާތެއް މީގެ ފަހުން ނުހިންގުމަށްވެސް އެޕާޓީއަށް އަންގާފައެވެ. އަދި މިހާރު ކުރިއަށްދަނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނާ ގޮތުގެ މަތީން ޕާޓީ އުވާލުމުގެ އިޖުރާއަތުތައް ފުރިހަމަ ކުރުމުގެ މަސައްކަތް ކަމުގައި އިލެކްޝަނުން ވިދާޅުވިއެވެ.

ތިންހާސް މެންބަރުން ހަމަނުވާ 4 ޕާޓީއަކަށް މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި މެންބަރުން ހަމަކޮށްފައިވަނީ، ޑީއާރުޕީ، އެމްޓީޑީއާއި އެމްއާރުއެމް އިންނެވެ.

ސިޔާސީ ޕާޓީތަކުގައި މެންބަރުން ތިބި އަދަދަށް ބަލާއިރު، ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާވަރަށް މެމްބަރުންގެ އަދަދު ހަމަވަނީ 4 ޕާޓީއެއްގައެވެ. އެއީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއާއި އިދިކޮޅު ޕީޕީއެމްގެ އިތުރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއެވެ.