ޚަބަރު

މުހިންމު ބިލްތަކެއް ނިންމައި މަޖިލިސް ޗުއްޓީއަށް


ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރަށް ހުށަހެޅުނު ގިނަ މަސައްކަތްތަކެއް ނިންމައި މަޖިލިސް ޗުއްޓީއަށް ގޮސްފިއެވެ.

މަޖިލިސް މިދައުރަށް ޗުއްޓީއަށް ގޮސްފައިވަނީ މުހިންމު ބިލްތަކެއްގެ މަސައްކަތްވެސް ނިންމާފައެެވެ. އޭގެ ތެރޭގައި 45 އަހަރަށްފަހު ހެއްކާއިބެހޭ ބިލާއި، ކޯޓުތަކުގެ ޤާނޫނާއި އިސްލާހު ގެނައުމާއި، ލާމަރުކަޒީ ޤާނޫނަށްވެސް ވަނީ މުހިންމު އިސްލާހުތަކެއް ގެނެސްފައެވެ. މިދައުރު ނިންމާލީ 22 ޖަލްސާއާއި ގިނަ ކޮމެޓީ މަސައްކަތްތަކެއް ކުރުމަށްފަހުއެވެ.

މިދައުރުގެ ތެރޭގައި ނިންމި މަސައްކަތްތައް:

- 8 ބިލު
- 2 ޤަރާރު
- 3 މައްސަލަ / ސަރުކާރުގެ ފަރާތުން ހުށަހެޅި
- 1 ރިޔާސަތުން ހުށަހެޅި މައްސަލަ
- 2 ކުއްލި މައްސަލަ
- 5 މައްސަލަ / މެމްބަރުން ހުށަހެޅި
- 6 އެހެނިހެން މައްސަލަ

މިދައުރުގެ ތެރޭގައިވެސް ވަޒީންނާއި ސުވާލުކުރުމަށް ގިނަ ވަޒީރުން ވަނީ މަޖިލީހަށް ހާޒިރުކޮށްފައެވެ. އެގޮތުން މިދައުރުގެ ތެރޭގައި 30 ސުވާލަކަށް ޖަވާބު ދެއްވުމަށް އެކި ވަޒީރުން ވަނީ މަޖިލީހަށް ހާޒިރުވެފައެވެ. މިދައުރުގައި މަޖިލީހަށް އެންމެ ގިނައިން ހާޒިރުކުރި ވަޒީރަކީ ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމެވެ.

މަޖިލީހުގެ ޗުއްޓީއަށް މިހާރު ގެނެސްފައިވާ ބަދަލާއިއެކު މިއީ މަޖިލީހުގެ އެންމެ ކުރު ދައުރެވެ. މިދައުރަށްފަހު ދެން މަޖިލީހުގެ މަސައްކަތްތައް ފަށާނީ އީދު ބަންދާއި، ޖުލައި 26 ބަންދަށްފަހު އޮގަސްޓު މަހުގެ ތެރޭގައެވެ. މަޖިލީހުގެ ފަހު ދައުރުގައި އެންމެ މުހިންމު މަސައްކަތަކަށް އޮންނާނީ އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓްގެ މަސައްކަތެވެ.