ޚަބަރު

އަލިފުށީގައި ޓިވެޓް ސެންޓަރު އެޅުމަށް ސައިޓް ހަވާލުކޮށްފި


ރ. އަލިފުށީގައި އެޅުމަށް ހަމަޖެހިފައިވާ ޓިވެޓް ސެންޓަރުގެ ސައިޓް މަސައްކަތް ކޮންޓްރެކްޓްކޮށްފައިވާ ވީ އަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.

ރ.އަލިފުށީގައި ޓިވެޓް ސެންޓަރަކީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށް މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށް ގެންދާ މަޝްރޫއެކެވެ.

އަލިފުށި ޓިވެޓް ސެންޓަރުގެ ސައިޓް ހަވާލުކޮށްފައިވަނީ މިކަމަށްޓަކައި މިނިސްޓްރީގެ ޕްރޮޖެކްޓް ޓީމާއި ކޮންޓްރެކްޓަރގެ ޕްރޮޖެކްޓް ސްޓާފުން އަދި ރަށު ކައުންސިލްގެ މެމްބަރުން ހިމެނޭހެން 'ސައިޓް ހޭންޑް-އޯވަރ މީޓިންގ' އެއް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގައި ބޭއްވުމަށްފަހުގައެވެ.. މި ބައްދަލުވުމުގައި ޕްރޮޖެކްޓް ސައިޓުގެ މަޢުލޫމާތު ކޮންޓްރެކްޓަރަށް ދިނުމާއި، މަސައްކަތް ފަށައިގަތުމަށް ވާންޖެހޭ ތައްޔާރީތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވި، ސައިޓް ހޭންޑްއޯވަރ ނޯޓުގައި ސޮއިކޮށްފައިވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މި ޓިވެޓް ސެންޓަރު ޢިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ކުރީގެ އަލިފުށީ ޕޮލިޓެކްނިކް ކެމްޕަސް ބިމާ، އެބިމުގެ ހުޅަނގުން އޮތް ބިން ހިމެނޭގޮތަށް އޮތް 38،328 އަކަފޫޓްގެ ބިމެއްގައެވެ. ޓިވެޓް ސެންޓަރު އިމާރާތުގައި 3 ބުރިއަށްވާ ގޮތަށް އިންސްޓިއުޓް ބްލޮކަކާއި، 1 ބުރީގެ ބޯޓްޔާޑަކާއި 2 ބުރީގެ އެކޮމޮޑޭޝަން ބްލޮކަކާއި 2 ބުރީގެ އެކްޓިވިޓީ އޭރިއާއެއް ހިމެނޭނެއެވެ.

ރ.އަލިފުށީ ޓިވެޓް ސެންޓަރ ޚާއްސަ ކުރެވިފައިވަނީ ބޯޓް ބިލްޑިންގ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތަށް ހިންގުމަށެވެ. މީގެ އިތުރުން ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައްވެސް މި އިންސްޓިޓިއުޓްގައި ހިންގުމަށްވަނީ ހަމަޖެހިފައެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މި ޓިވެޓްސެންޓަރުގައި ބޯޓްޔާޑަކާއި ކާޕެންޓްރީ ވޯކްޝޮޕަކާއި މެޝިން ވޯކްޝޮޕަކާއި މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން ހަ ކްލާސް ރޫމާއި އައި. ސީ. ޓީ ލެބޯޓަރީއެއް ހުންނާނެކަމަށެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ވެސް ހުންނާނެއެވެ. މި ސެންޓަރު ގާއިމްކުރެވޭއިރު، ދަރިވަރުން ބޭތިއްބުމަށް، 58 ދަރިވަރުންގެ ޖާގައިގެ އެކޮމޮޑޭޝަން ބްލޮކަކާއި ދަރިވަރުންގެ ކެއިން ބުއިމުގެ ކަންކަމަށް ކިޗަން އަދި ޑައިނިންގ އޭރިއާއެއްގެ އިތުރުން ލޯންޑްރީއާއި ކޮމަން ރޫމްސް އަދި ސްޓަޑީ ރޫމްތައްވެސް ހުންނާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މީގެ އިތުރުންވެސް، ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ޖިމެއް ހުރުމާއެކު ނަމާދުކުރާނެ ތަނަކާއި ފާޚާނާއާއި ލިފްޓްވެސް ހުންނާނެއެވެ.
އަލިފުށީ ޓިވެޓް ސެންޓަރުގެ ޕްރޮޖެކްޓް ސައިޓް ވީ އަވަރ އިންވެސްޓްމެންޓަށް ހަވާލު ކުރެވި، މޮބިލައިޒޭޝަންގެ މަސައްކަތްފެށިފައިވާއިރު މި މަސައްކަތް ނިންމުމަށް އެއްބަސްވެވިފައިވަނީ 365 ދުވަހުގެ ތެރޭގައެވެ.