ދުނިޔެ

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ފޭސްބުކްގެ ފައިދާ ދެގުނައަށް!


މިދިޔަ އަހަރުގެ ފަހު
ކުއަޓަރުގައި ސޯޝަލް މީޑިއާ ސައިޓް ފޭސްބުކްއަށް ލިބިފައިވާ ފައިދާ ދެގުނައަށް
އިތުރުވެފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ފޭސްބުކް ކުންފުނިން ބުނީ
މިދިޔަ އަހަރު އޮކްޓޯބަރ މަހުން ޑިސެމްބަރު މަހަށް އެކުންފުންޏަށް ލިބިފައިވާ
ފައިދާ 1.56 ބިލިއަން ޑޮލަރަށް އަރާ ކަމަށެވެ. އަހަރުގެ
3 ވަނަ ކުއާޓަރުގައި އެކުންފުންޏަށް ލިބުނީ 701 މިލިއަން ޑޮލަރު ކަންވެސް ފޭސްބުކްއިން
ފާހަގަކުރިއެވެ. ފަހު 3 މަސްދުވަހު ލިބުނު
ފައިދާއާއިއެކު 2015 ވަނަ އަހަރު ކުންފުންޏަށް 3.7 ބިލިއަން ޑޮލަރުގެ ފައިދާ
ވެފައިވާކަމަށް ފޭސްބުކް ކުންފުނިން މަޢުލޫމާތުދެއެވެ.

ފޭސްބުކް އިން ބުނެފައިވަނީ
މި މުއްދަތުގައި އެކުންފުންޏަށް އެންމެ ގިނަ އާމްދަނީއެއް ލިބިފައިވަނީ
އިސްތިހާރުކޮށްގެން ކަމަށާއި މީގެ ތެރެއިން 80 އިންސައްތަ އާމްދަނީއަކީ
ސްމާޓްފޯނުތަކަށް ޙާއްސަކޮށްގެން ތައްޔާރުކޮށްފައިވާ މޮބައިލް އިސްތިހާރުތަކުން
ލިބުނު އާމްދަނީ ކަމަށެވެ. މިދިޔަ އަހަރުގެ ފަހު 3
މަސް ދުވަހު ލިބުނު ފައިދާ ދެގައުނައަށް އިތުރުވެފައިވާކަން ފޭސްބުކް ކުންފުނިން
އިއުލާނު ކުރުމާއެކު އެމެރިކާގެ ހިއްސާގެ ބާޒާރުގައި ވިއްކާ އެކުންފުނީގެ ހިއްސާގެ
އަގު ވަނީ 8.7 އިންސައްތަ މައްޗަށް ޖެހިލާފައެވެ.