ޚަބަރު

45 އަހަރަށްފަހު ހެއްކާބެހޭ ޒަމާނީ ބިލެއް ފާސްކޮށްފި


ޒަމާންވީ ގިނަ ދުވަސްވެފައިވާ ހެއްކާބެހޭ ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު، ޒަމާނީ ހެއްކާއިބެހޭ ބިލެއް މަޖިލީހުން ފާސްކޮށްފިއެވެ.

މިމަސައްކަތަކީ ފާއިތުވެދިޔަ 6 މަސް ދުވަހުގެ ތެރޭގައި މަޖިލީހުގައި ކުރެވިދިޔަ ބުރަ މަސައްކަތްތަކަށްފަހު އެކުލަވާލެވިގެންދިޔަ ބިލެކެވެ.

ސަރުކާރުން މި ބިލު ހުށަހެޅި ބޭނުމަކީ، 1976 ވަނަ އަހަރުން ފެށިގެން ޢަމަލުކުރަމުން އަންނަ ހެއްކާބެހޭ ޤާނޫނަކީ، ޒަމާނާއެއް ގޮތަށް ބައްދަލުކޮށްފައިވާ ޤާނޫނަކަށް ނުވުމުން ހެއްކާބެހޭ ތަފްޞީލީ ޤާނޫނީ އޮނިގަނޑެއް ތަޢާރުފުކުރުމެވެ. މިބިލު މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީއެވެ.

ސަރުކާރު ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ހުށަހަޅުއްވާފައިވާ ބިލު ފާސްކުރަން ފެންނަ ކަމަށް 50 މެމްބަރުން ވޯޓު ދެއްވިއެވެ. އަދި ނުފެންނަ ކަމަށް ފަސް މެމްބަރަކު ވޯޓު ދެއްވިއެވެ. ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުން ނުވާ ކަމަށް ދެ މެމްބަރުން ވޯޓު ދެއްވިއެވެ.

ހެއްކާއިބެހޭ ޤާނޫނީ ބިލެއް މަޖިލީހަށް ހުށަހަޅާފައި މިވަނީ 45 އަހަރަށްފަހުއެވެ. 19 ބާބެއްގެ މައްޗަށް، 150 މާއްދާ ހިމެނޭ މިބިލުގައި ހެކީގެ ބާވަތްތަކާއި، ހެކި ދަރަޖަކުރެވިގެންވާ ގޮތާއި، ހެކި ހުށަހެޅުމާއި، ހެކި ބަލައިގަތުމާއި، ހެކިބަސްނެގުމާއި، ހެކި ވަޒަންކުރުމުގެ މިންގަނޑުތައް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން މަދަނީ އަދި ޖިނާއީ މައްސަލަތަކުގައި އިސްލާމްދީނުގައި ހައްދު އަދި ގިސާސް ކަނޑައެޅިފައިވާ ކުށްތައް ސާބިތުކުރުމަށް ބޭނުންވާ ބޭނުންވާ ހެކީގެ ނިސްބަތް ކަނޑައެޅުމާއި، ސާބިތުކުރުމުގެ ޒިންމާއާގުޅޭ އުސޫލުތައް ބަޔާންކޮށްފައި ވެއެވެ.

ހެއްކާއިބެހޭ ބިލު މަޖިލީހުން ފާސްކޮށްފައިވާއިރު ބިލުގައި ނޫސްވެރިން ލިޔާ ޚަބަރުތަކުގެ މައުލޫމާތު ހޯދާ މަސްދަރު ޝަރީއަތް މެދުވެރިކޮށް ހާމަކުރެވޭ ގޮތަށް އޮތުމުން އެކަމުގެ ކަންބޮޑުވުން ދަނީ ފާޅުކުރަމުންނެވެ. ބިލުގެ 136 ވަނަ މާއްދާގައި ނޫސްވެރިން ލިޔާ ޚަބަރުތަކަށް މައުލޫމާތު ހޯދުމަށް ބޭނުންކުރާ މަސްދަރުތައް ހާމަކުރުމަށް ކޯޓުތަކަށް މަޖުބޫރުކުރެވޭނެ ހާލަތެއް ބަޔާންކޮށްފައިވެއެވެ. ބިލުގައި އޮތް ގޮތުން ޓެރަރިޒަމް އަދި ޤައުމީ ސަލާމަތާއި ގުޅޭ މައްސަލަތަކުގައި މަސްދަރު ހާމަކުރަން ނޫސްވެރިޔާގެ މައްޗަށް ކޯޓުން އަމުރު ކުރެވިދާނެއެވެ.

މިމައްސަލާގައި މިއަދު މަޖިލިސް ކައިރީގައި ކަންބޮޑުވުން ފާޅުކުރި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ ބިލު މަޖިލީހުން ފާސްކުރުމުމުގެ ކުރިން ވަރަށް ގިނަ މަސައްކަތްތަކެއް މަޖިލީހުން ކޮށްފައިވާކަމަށެވެ. އަދި ބިލުގެ ކޮމެޓީ މަރުހަލާގައި ޚިޔާލު ހޯދުމާއި، ބިލަށް އާންމުންގެ ހިޔާލަށް ހުޅުވާލުމުންވެސް މިފަދަ ކަންބޮޑުވުމެއް ލިބިފައި ނުވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް މިބިލް މަޖިލީހުން ފާސްކުރި ނަމަވެސް އިސްލާހު ކުރުމުގެ ފުރުސަތު އޮތްކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

މިބިލުގައި ހެކީންގެ އެންމެހައި ކަންކަން ވަރަށް ތަފްސީލް ގޮތަކަށް ބަޔާންކޮށްފައިވެއެވެ. ރާއްޖޭގައި ހިނގާ ބޮޑެތި މައްސަލަތަކުގެ ޝަރީއަތްތަކުގައިވެސް އެންމެބޮޑަށް ދިމާވެފައިވާ އެއް މަސައްލައަކީ ހެއްކާބެހޭ ޒަމާނީ ބިލެއް ނެތި، ހެކީންގެ ރައްކާތެރިކަމާއި، ހެކިބަސްދޭ މީހާގެ ހައްގުތައް އެންމެ ފުރިހަމައަށް ކަށަވަރުވެފައި ނެތުމެވެ. ނަމަވެސް މިބިލު މަޖިލީހުން ފާސްވެ ތަސްދީޤުވުމުން، މި ޤާނޫނުގެ ދަށުން ރަނގަޅު އޮނިގަނޑުތަކެއް ހެދި ހެކީންގެ ރައްކާތެރިކަން ކަށަވަރުވެގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.

ރާއްޖޭގައި މިހާރު އަމަލުކުރަމުންދަނީ މީގެ 45 އަހަރު ކުރިން އަމަލުކުރަމުންދިޔަ 7 މާއްދާގެ މައްޗަށް އެކުލެވޭ ހެއްކާއި ބެހޭ ޤާނޫނަކަށެވެ.