ޚަބަރު

ޚާރިޖީ ވަޒީރު ދުންޔާ ޕާކިސްތާންގެ ބޮޑުވަޒީރާއި ބައްދަލުކުރެއްވުން


ރާއްޖޭގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފާއި ބައްދަލުކުރައްވައިފިއެވެ.



މިބައްދަލްވުން ކުރިޔަށް ގެންދަވާފައިވަނީ ޚާރިޖީ ވަޒީރު މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރު ޕާކިސްތާންގެ ބޮޑުވަޒީރުގެ އޮފީހުގައި ކަމަށް ދިވެހި ޚާރިޖިއްޔާއިން މަޢްލޫމާތު ދެއްވައެވެ. މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ދުންޔާ މައުމޫން، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސިޓީފުޅެއް ނަވާޒް ޝަރީފަށް އަރުވާފައިވެއެވެ.



ދެޤައުމަށް ފަސޭހަ ތާރީޚެއްގައި ޕާކިސްތާންގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ރާއްޖެއަށް ޒިޔާރަތް ކުރެއްވުމަށް ޚާރިޖީ ވަޒީރު ދަޢުވަތު އަރުވާފައިވާ ކަމަށް ދިވެހި ޚާރިޖިއްޔާއިން މަޢްލޫމާތުދެއްވައެވެ. މި ބައްދަލުކުރެއްވުމުގައި ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވަނީ ރާއްޖެއަށް ޕާކިސްތާނުން ޒަމާނުއްސުރެ އެކި ގޮތްގޮތުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޕާކިސްތާނާއި ރާއްޖޭގެ ގުޅުން ކުރިޔަށް އޮތްތާގައިވެސް އިތުރަށް ހަރުދަނާކޮށް ކުރިޔަށް ދާނެކަމަށް އުންމީދުކުރައްވާކަމަށް ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެފައިވެއެވެ.



މިދަތުރުފުޅުގައި ޚާރިޖީ ވަޒީރު، ޕާކިސްތާނުގެ ބޮޑު ވަޒީރުގެ އެޑްވައިޒަރ އިން ފޮރިން އެފެއާޒް ސަރްތާޖް އަޒީޒް އާއި ބޮޑު ވަޒީރުގެ ސްޕެޝަލް އެސިސްޓަންޓް އޮން ފޮރިން އެފެއާޒް ސާއެދް ތާރިޤް ފާތިމީއާވެސް ބައްދަލްކުރައްވާފައިވެއެވެ. އަދި ޕާކިސްތާނުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް ޒިޔާރަތްކުރައްވައި، ސަފީރު އަހުމަދު ސަލީމާއި، ހައިކޮމިޝަންގެ މަސައްކަތްކުރައްވާ މުވައްޒަފުންނާއި ބައްދަލު ކުރައްވާފައިވާކަމަށްވެސް ދިވެހި ޚާރިޖިއްޔާއިން މަޢްލޫމާތުދެއްވައެވެ.