ދުނިޔެ

އެމެރިކާއިން އީ.ޔޫ.ގެ ޤައުމުތަކަށް އިތުރު ސިފައިން ފޮނުވަނީ


ވިލާތުގެ އިއްތިހާދު (އީ.ޔޫ)ގެ ޤައުމުތަކުގައި ޤާއިމުވެގެން ތިބޭ އެމެރިކާ ސިފައިންގެ އަދަދު އިތުރުކޮށް، އެ ޤައުމުގެ އަސްކަރީ މަތިންދާބޯޓުތަކާއި މަނަވަރުތަކާއި އިތުރު ހަތިޔާރު އެ ސަރަޙައްދަށް ފޮނުވާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ. އޭނާ މި ކަން ހާމަކުރައްވާފައި މި ވަނީ، ރަޝިޔާއިން ޔޫކްރެއިނަށް އަރައި ފަށާފައިވާ ހަނގުރާމައާ ގުޅިގެން، ހުޅަނގުގެ ޤައުމުތަކުގެ އަސްކަރީ ގުޅުން ކަމުގައިވާ ނޭޓޯއިން އެ ސަރަޙައްދުގައި އަސްކަރީ ބާރުވެރިކަން އިތުރު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ސްޕެއިންގެ މެޑްރިޑުގައި ކުރިއަށްދާ ނޭޓޯގެ ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ބައިޑަން ވިދާޅުވީ، ނޭޓޯގެ މެންބަރު ޤައުމެއްގެ “އެންމެ އިންޗިއަކަށް” ވެސް އަތްގަދަ ކުރުމުގެ ބާރާއި ފުރުޞަތު ރަޝިޔާއަށް ނުދޭނެ ކަމުގައެވެ.

ނޭޓޯގެ އިރުމަތީގެ ސަރަޙައްދުގައި ޤާއިމުވެފައި ތިބޭ އެ އިއްތިހާދުގެ މެންބަރު ޤައުމުތަކުގެ ލަޝްކަރުތަކުގެ އަދަދު އިތުރު ކުރަން ޖަރުމަނުވިލާތާއި އިނގިރޭސި ވިލާތުންވެސް ދަނީ މަސައްކަތް ކުރަމުންނެވެ. މި ގޮތުން، ބޯލްޓިކް ޤައުމުތައް ކަމުގައިވާ އެސްޓޯނިޔާއާއި ލިތުއޭނިޔާ އަދި ލެޓްވިޔާގެ އިތުރުން ޕޮލެންޑަށް ނޭޓޯގެ އިތުރު ސިފައިން ފޮނުވަން ދަނީ މަސައްކަތް ކުރަމުންނެވެ.

ޕޮލެންޑުގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް ޤާއިމު ކުރުމަށް ވެސް ބައިޑަން ވަނީ ނިންމަވާފައެވެ. އަދި، ޕޮލެންޑުގެ ރައީސް އަންދްރޭ ޑޫޑާ ވަނީ މި ނިންމުމަށް މަރުޙަބާ ވިދާޅުވެފައެވެ. މިއީ، ޕޮލެންޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް މުހިންމު ނިންމުމެއްގެ ގޮތުގައި އޭނާ ސިފަ ކުރައްވައެވެ.

އެ ސަރަޙައްދުގައި ޤާއިމުކޮށްފައި ތިބޭ އެމެރިކާ ސިފައިންގެ އަދަދު މިހާރު ވެސް 100,000 އަށް ވުރެ މައްޗަށް އަރައެވެ. ނަމަވެސް ބައިޑަން ވިދާޅުވީ، ސްޕެއިންއާއި އިނގިރޭސިވިލާތައް އެ ޤައުމުގެ އިތުރު ސިފައިންނާއި އަސްކަރީ މަތިންދާބޯޓުތަކާއި މަނަވަރުތައް ފޮނުވަން މިހާރު ތައްޔާރުވަމުންދާ ކަމުގައެވެ. މީގެ އިތުރުން، ރޮމޭނިޔާއަށް ވެސް އިތުރު ސިފައިން ފޮނުވާނެ ކަމަށް ބައިޑަން ވިދާޅުވިއެވެ. ރަޝިޔާއިން ނޭޓޯގެ އެންމެ ޤައުމަކަށް ހަމަލާ ދިނުން ވެގެންދާނީ، ނޭޓޯގެ ހުރިހާ ޤައުމަކާ ދެކޮޅަށް ހަނގުރާމަ އިޢުލާނު ކުރުން ކަމުގައި ވެސް ބައިޑަން ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް މި ފަދަ ހައްސާސް ބަސްފުޅުތަކެއް ވިދާޅުވެފައި ވީ ނަމަވެސް، އިޓަލީވިލާތުގެ ބޮޑުވަޒީރު މާރިޔޯ ޑްރާގީ ވިދާޅުވަނީ، ނޭޓޯއާއި ރަޝިޔާއާ ދެމެދު ހަނގުރާމައެއް ފެށުމަކީ ނާދިރު ކަމެއް ކަމުގައެވެ. އޭނާ ވިދާޅުވީ ނޭޓޯއާއި ރަޝިޔާއާ ދެމެދު އަސްކަރީ ކުރިމަތިލުމެއް ފެށުމަކީ ދުރު ކަމެއް ކަމުގައެވެ. ނަމަވެސް، އެ ފަދަ ހާލަތެއް މެދުވެރިވެދާނެ ކަމަށް ވިސްނައިގެން ނޭޓޯއިން ތައްޔާރީ ހާލަތެއްގައި އޮތުމަކީ މުހިންމު ކަމެއްގެ ގޮތުގައި އޭނާ ވެސް ދެކެވަޑައިގަންނަވައެވެ.

ރަޝިޔާ ސިފައިން ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހު ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށުމުގެ ކުރިން ވެސް ބޯލްޓިކް ޤައުމުތަކުން ވަނީ އެ ޤައުމުތަކުގައި ޤާއިމުވެ ތިބޭ ނޭޓޯ ސިފައިންގެ އަދަދު އިތުރު ކުރަން މަސައްކަތް ފަށާފައެވެ. އެ ޤައުމުތަކުގައި މިހާރު ވެސް 5,000 އަށްވުރެ ގިނަ ނޭޓޯގެ ސިފައިން އެބަތިއްބެވެ. ނަމަވެސް، އެ ޤައުމުތަކުން ބޭނުންވަނީ ސިފައިންގެ އަދަދު ދިހަ ގުނައަށް އިތުރު ކުރާށެވެ.

ރަޝިޔާއިން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމާ ގުޅިގެން ނޭޓޯއިން ވަނީ 300,000 އަށްވުރެ ގިނަ ސިފައިން ތައްޔާރީ ހާލަތަކަށް ގެނައުމުގެ މަސައްކަތް ފަށާފައެވެ. މިހާރު ވެސް 40,000 އަށްވުރެ ގިނަ ނޭޓޯގެ ސިފައިން ތިބީ ތައްޔާރީ ހާލަތެއްގައެވެ. ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޮލްޓެންބަރގް ވިދާޅުވީ، ރަޝިޔާއިން ވިލާތުގެ ޤައުމުތަކުގެ ޞުލްހަމަސަލަސް ކަން ނަގައިލާފައިވާ ކަމުގައެވެ. އަދި، މިއީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު އެ ސަރަޙައްދަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އަދި އެންމެ ނުރައްކާތެރި ކާރިސާގެ ގޮތުގައި އޭނާ ސިފަ ކުރައްވައެވެ.

ޔޫކްރެއިނުގައި ރަޝިޔާއިން ފަށާފައިވާ ހަނގުރާމައާ ގުޅިގެން ފިންލެންޑާއި ސްވިޑުންއިން ވަނީ ނޭޓޯގެ މެންބަރު ކަން ހޯދުމަށް ކުރަމުންދާ މަސައްކަތްތައް ވަރުގަދަ ކޮށްފައެވެ. އަދި، ނޭޓޯއިން ވަނީ އެ ދެ ޤައުމަށް އެ ފުރުޞަތު ދޭން ނިންމާފައެވެ. މި ކަމާ ތުރުކީ ވިލާތުން ކުރިން ދެކޮޅު ހެދި ނަމަވެސް، އެ ޤައުމުން ވެސް މިހާރު މި ވަނީ އެ ކަމަށް ފުރުޞަތު ދޭން އެއްބަސްވެފައެވެ. މިއާއެކު، އެމެރިކާގެ ނިއުކްލިޔަރ ބާރުވެރިކަން ވިލާތުގެ ޤައުމުތަކުގެ އިތުރު ސަރަޙައްދުތަކަށް ފުޅާވެގެން ދާނެއެވެ.

އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ، ކަން ނިމިގެން ގޮސްފައި މި ވަނީ ރަޝިޔާއިން ބޭނުންވާ ގޮތާ ދިމާ އިދިކޮޅަށް ކަމުގައެވެ. ރަޝިޔާގެ ބޭނުމަކީ ކުރީގެ ރޫސީވިލާތުގެ ޤައުމުތަކަށް ނޭޓޯގެ ބާރާއި ނުފޫޒު ފޯރުވުން ހުއްޓުވުމެވެ. ނޭޓޯގެ ބާރާއި ނުފޫޒު ވިލާތުގެ ޤައުމުތަކުގައި އިތުރަށް ފުޅާ ވެފައިވާ ކަމަށް ޖޯންސަން ވިދާޅުވިއެވެ. ފިންލެންޑާއި ސްވިޑުން ނޭޓޯއާ ގުޅުމަށް ތުރުކީ ވިލާތުން ކުރިން ދެކޮޅު ހެދީ އެ ދެ ޤައުމުން ކުރުދީ ހަނގުރާމަވެރިންނަށް ވާގިވެރިވާ ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް، އެ ދެ ޤައުމުން މި ވަނީ ކުރުދީންނަށް އެހީތެރިވެ ދިނުން ހުއްޓައިލާން އެއްބަސްވެފައެވެ.