ދުނިޔެ

ނޭޓޯ ފަދަ ނުރައްކާތެރި ގުޅުމެއް އޭޝިއާގައި އުފަންކުރަން އެމެރިކާއިން އުޅޭ: އުތުރު ކޮރެޔާ


އޭޝިޔާގެ ޤައުމުތަކުގެ މެދުގައި ނޭޓޯއާ އެއްފަދަ ނުރައްކާތެރި ގުޅުމެއް އުފަންކުރަން އެމެރިކާއިން މަސައްކަތް ކުރަމުންދާ ކަމަށް އުތުރު ކޮރެޔާއިން ތުހުމަތުކޮށްފިއެވެ. ނޭޓޯއަކީ އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުގެ މައްޗަށް އެކުލެވިގެންވާ އަސްކަރީ ގުޅުމެކެވެ.

އުތުރު ކޮރެޔާގެ ސަރުކާރާ ހަވާލާދީ އެ ޤައުމުގެ ރަސްމީ ޚަބަރު ފަތުރާ އިދާރާ ކަމުގައިވާ ކޭ.ސީ.އެން.އޭ.އިން ބުނީ، ދެކުނު ކޮރެޔާއާއި ޖަޕާނާ ގުޅިގެން އެމެރިކާއިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކަކީ އޭޝިޔާގައި ނޭޓޯ ފަދަ ނުރައްކާތެރި އަސްކަރީ ގުޅުމެއް އުފައްދަން ކުރަމުންދާ މަސައްކަތެއް ކަމަށާއި، މިއީ އުތުރު ކޮރެޔާއާ ދެކޮޅަށް ރާވައިގެން ހިންގާ ހަސީލަތް ނުބައި އަމަލެއް ކަމުގައެވެ.

އުތުރު ކޮރެޔާއިން މި ތުހުމަތު ކޮށްފައި މި ވަނީ، ނޭޓޯގެ ބައްދަލުވުމެއްގައި "އޮބްޒަރވަރުން"ގެ ހައިސިއްޔަތުން ޖަޕާނާއި ދެކުނު ކޮރެޔާގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވަން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. މިއީ، އެ ދެ ޤައުމުން ނޭޓޯގެ ސަމިޓެއްގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ.

ނޭޓޯގެ ބައްދަލުވުމުގެ ހަވާސާގައި ދެ ޤައުމުގެ އިސްވެރިން އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ ވެސް ބައްދަލު ކުރައްވާނެއެވެ. މިއީ، 2017 ވަނަ އަހަރަށްފަހު މި ތިން ޤައުމުގެ މެދުގައި މިފަދަ ބައްދަލުވުމެއް ބާއްވާ ފުރަތަމަ ފަހަރެވެ. އޮގަސްޓު މަހުގެ ތެރޭގައި "ޕެސިފިކް ޑްރެގަން"ގެ ނަން ދީފައިވާ އަސްކަރީ ތަމްރީނުތަކެއް ބޭއްވުމަށް ވެސް މި ތިން ޤައުމުން ދަނީ ތައްޔާރުވަމުންނެވެ.

މިއީ، އޭޝިޔާ-ޕެސިފިކް ސަރަޙައްދުގެ ޞުލްޙަމަސަލަސް ކަން ނަގައިލުމަށް މި ތިން ޤައުމުން ގުޅިގެން ހިންގަމުންދާ އަމަލުތަކެއްގެ ގޮތުގައި އުތުރު ކޮރެޔާއިން ދެކެއެވެ. އެ ޤައުމުގެ ޚާރިޖީ ވުޒާރާއިން ބުނީ، އެމެރިކާގެ ބަހާއި އަމަލާ ދިމާ ނުވާ ކަމުގައެވެ. މި ގޮތުން، ޞުލްޙައިގެ މަޝްވަރާގެ މޭޒަށް އައުމަށް އެމެރިކާއިން އެ ޤައުމަށް ގޮވައިލި ނަމަވެސް، އަނެއް ކޮޅުން އެމެރިކާއިން ދަނީ ހަނގުރާމައަކަށް ތައްޔާރުވަމުން ކަމުގައި އުތުރު ކޮރެޔާގެ ޚާރިޖީ ވުޒާރާއިން ބުނެއެވެ. އުތުރު ކޮރެޔާއިން މިމޭރުމުން ވާހަކަ ދައްކާފައި ވީ ނަމަވެސް، އެ ޤައުމުން ވެސް ފަހަކަށް އައިސް ވަނީ އަސްކަރީ ތަމްރީނުތަކާއި މިސައިލް ޓެސްޓުތައް އިތުރުކޮށްފައެވެ.

1910 ވަނަ އަހަރުން ފެށިގެން 1945 ވަނަ އަހަރާ ހަމައަށް ދެކުނު ކޮރެޔާ އޮތީ ޖަޕާނުގެ އިސްތިއުމާރީ ބާރުގެ ދަށުގައެވެ. މި ދެ ޤައުމުގެ ދެމެދުގައި މި ކަމާ ގުޅިގެން އުފެދިފައިވާ ހަތުރުވެރިކަން ނައްތައިލާ، ދެ ޤައުމުގެ ދެމެދުގައި އޮތް ހީނަރު ގުޅުންތައް ރަނގަޅު ކުރަން އެމެރިކާއިން ދަނީ މަސައްކަތް ކުރަމުންނެވެ. އެމެރިކާއިން ބުނަނީ އުތުރު ކޮރެޔާގެ ނުރައްކާތެރިކަމުން ދެ ޤައުމަށް ވެސް ސަލާމަތާއި ރައްކާތެރިކަން ހޯދެން އޮތީ ގުޅުންތައް ރަނގަޅު ކޮށްގެން ކަމުގައެވެ. މީގެ އިތުރުން، ޗައިނާއަކީ ވެސް އޭޝިޔާގެ ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރި ކަމަށް އޮތް ނުރައްކަލެއްގެ ގޮތުގައި އެމެރިކާއިން ސިފަ ކުރެއެވެ.

މި ތިން ޤައުމުން އަސްކަރީ ގުޅުންތައް ބަދަހި ކުރަމުން ދިޔުމަކީ ޗައިނާއިން ވެސް ހިތްހަމަޖެހޭ ކަމެއް ނޫނެވެ. ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ޜާއޯ ލިޖިއާން ވިދާޅުވީ ނޭޓޯގެ ބާރާއި ނުފޫޒު ދުނިޔޭގެ އެހެން ސަރަޙައްދުތަކަށް ފަތުރަން ނޭޓޯގެ ޤައުމުތަކުން މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި، އޭޝިޔާ ބައްރުގެ ޤައުމުތަކުގެ މެދުގައި "ފިނި ހަނގުރާމަ"އެއް ފަށަން އެމެރިކާއާއި ނޭޓޯއިން ކުރަމުންދާ މަސައްކަތްތައް ނާކާމިޔާބު ކޮށްލާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އުތުރު ކޮރެޔާއިން މި ވަނީ ޔޫކްރެއިން ހަނގުރާމައާ ގުޅޭ ތުހުމަތެއް ވެސް ކޮށްފައެވެ. އެ ޤައުމުގެ އިންޓަރނޭޝަނަލް ސޮސައިޓީ ފޮރ ޕޮލިޓިކަލް ރީސަރޗްގެ އިސްވެރިއެއް ކަމުގައިވާ ކިމް ހުޔޯ-މިޔަންގް ބުނީ ޔޫކްރެއިނަށް އަރައި ރަޝިޔާއިން ފަށާފައިވާ ހަނގުރާމައިގެ ފަހަތުގައި ވަނީ ނޭޓޯ ކަމުގައެވެ. އަދި، ނޭޓޯއިން އިސްވެ އޮވެ، އޭޝިޔާ ސަރަޙައްދުގެ ޞުލްހަމަސަލަސްކަން ނަގައިލައި، އޭޝިޔާ ހަނގުރާމައިގެ މައިދާނަކަށް ބަދަލުކޮށްލާނެ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއެވެ.