ޚަބަރު

ވެންޓިލޭޓަރުތަކުގެ މައްސަލަ އާބިޓްރޭޝަނަށް


ކޯވިޑް-19ގެ އެންމެ ގޯސް ޙާލަތާ ދިމާކޮށް ރާއްޖެއިން ގެންނަން މަސައްކަތްކުރި ވެންޓިލޭޓަރުތަކުގެ މައްސަލާގައި ރާއްޖޭގެ ފަރާތުން އާބިޓްރޭޝަނަށް ދިއުމަށް މަސައްކަތް ފަށައިފިއެވެ.

އެޓާނީ ޖެނަރަލްގެ އޮފީހުން މަޢުލޫމާތު ލިބިފައިވާގޮތުގައި މިމައްސަލަ އާބިޓްރޭޝަނަށް ހުށަހަޅަން ނިންމާފައިވަނީ މިނިސްޓްރީ އޮފް ހެލްތުގެ އެދިވަޑައިގަތުމާއެކުއެވެ. އެއީ ރާއްޖެއިން ވެންޓިލޭޓަރުތައް ހޯދުމުގެ މުޢާމަލާތް ކުރި ދުބާއީގެ "އެގްޒިކިއުޓާސް ޖެނެރަލް ޓްރޭޑިން"އަށް ދިވެހި ދައުލަތުން ފައިސާ ދެއްކުމުން އެފައިސާގެ މިންވަރަށް ކަނޑައެޅިފައިވާ ޢަދަދަށް ވެންޓިލޭޓަރު ރާއްޖެއަށް ފޯރުކޮށްނުދީ، އަދި ދެއްކި ފައިސާވެސް އަނބުރާ ނުދިން މައްސަލާގައެވެ. ފައިސާ އަނބުރާ ރައްދުކުރަން ރާއްޖޭގެ ފަރާތުން އެންގުމުން މިހާތަނަށްވެސް ދުބާއީ ކުންފުނިން އެކަމަކަށް އިޖާބަދީފައެއް ނުވެއެވެ.

އެހެންކަމުން ހެލްތު މިނިސްޓްރީގެ އެދިވަޑައިގަތުމާއެކު މިމައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުގެފަރާތުން މަޢުލޫމާތު ލިބެއެވެ.

ވެންޓިލޭޓަރު ހޯދުމުގެ މަސައްކަތް ކުރިއަށްގެންދިޔައީ، ކޯވިޑުގެ ފުރަތަމަ ރާޅާއެކު ބަލީގެ ޙާލަތު އަތްނުފޯރާފަށަށް ހިނގައިދާނެތީ، ސަރުކާރުން އެޅުއްވި ޚާއްސަ ފިޔަވަޅުތަކުގެ ތެރެއިންނެވެ. އެގޮތުން "ސިންގަލް ސޯސް ޕްރޮކިޔުމަންޓް" އުސޫލުން 75 ވެންޓިލޭޓަރު ހޯދުމަށް ދުބާއީގެ އެގްޒިކިއުޓާސް ކުންފުންޏާއެކު ވަނީ އެއްބަސްވެ ވިޔަފާރީގެ މުޢާމަލާތް ހިންގާފައެވެ. އަދި އެކުންފުންޏަށް އެޑްވާންސް ފައިސާގެ ގޮތުގައި 30.9 މިލިއަން ރުފިޔާ ދިވެހި ދައުލަތުގެ ފަރާތުން ދައްކާފައިވެއެވެ.

މިހާތަނަށް އައިއިރުވެސް މި ފައިސާއަށް ވާވަރަށް ވެންޓިލޭޓަރު ލިބިފައެއް ނުވެއެވެ. އެއްވުމުގެ ދަށުން ލިބުނީ އެންމެ 15 ވެންޓިލެޓަރެވެ. އެއީވެސް ދިވެހި ދައުލަތުން އެއްބަސްވި މިންގަނޑަށް ނުފެތޭ ތަކެތިކަމަށް ވުމުން ދައުލަތުން އެތަކެތި ބަލައިގެންފައެއް ނުވެއެވެ. އެއީ މި އެއްބަސްވުމުގެ ފުރަތަމަ ޝިޕްމަންޓުކަމަށް ދުބާއީ ކުންފުނިން ބުނެއެވެ.

މި ވެންޓިލޭޓަރުތަކުގެ މައްސަލައަކީ އޭގައި ކޮރަޕްޝަންގެ ޢަމަލުތަކެއް ހިމެނޭ ކަމެއްކަމަށް ފާހަގަކުރެވިގެން ރާއްޖޭގެ އިދާރާތަކުން މިމައްސަލަ ބެލިއެވެ. މިކަން ފާހަގަކުރެވިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެންގެވުމަށް ފުލުހުންނާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ވަނީ މިމައްސަލަ ބަލާފައެވެ.