ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ގައުމީ ވޮލީބޯޅަ ލީގުގައި އެއް މެޗު އިތުރަށް އޮއްވައި ސްޕޯޓްސް ކުލަބު ސިޓީން ލީގު ކަށަވަރުކޮށްފިއެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ބުދަ ދުވަހު ހަވީރު ކުޅުނު މެޗު ސިޓީން ކާމިޔާބުކުރީ ދިވެހި ސިފައިންގެ ކުލަބާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ސެޓުގެ ފަހުކޮޅު ސިފައިން ހެދި ގޯސްތަކުގެ ފައިދާ ނަގާ ސިޓީން މި ސެޓު ގެންދިޔައީ، 25-21 އިންނެވެ،
މެޗުގެ ދެވަނަ ސެޓު އަދި ތިންވަނަ ސެޓުގައި ސިފައިންގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔައިރު، މި ދެ ސެޓުގައި ސިޓީގެ ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ) އާއި، ވިނީތު ކުމާރު އަދި ހަރްދީޕް ސިންގް ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. އެއާއެކު ސިޓީން ވަނީ ފަސޭހަކަމާއެކު 25-18 އަދި 25-20 އިން މި ދެ ސެޓު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން ބުދަ ދުވަހުގެރޭ ޕޮލިސް ކުލަބުގެ މައްޗަށް ކުލަބު ވެމްކޯއިން ވަނީ 3-2 ސެޓުން ކުރި ހޯދާފައެވެ.
މި މެޗުގެ ފުރަތަމަ ދެ ސެޓުގައި ވެމްކޯގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މި ދެ ސެޓު ވެމްކޯއިން ކާމިޔާބުކުރީ 25-19 އަދި 25-17 އިންނެވެ. އެކަމަކު ޖެހިގެން އައި ދެ ސެޓު ވާދަވެރި ކުޅުމަކަށްފަހު ޕޮލިހުން ގެންދިޔައީ، 25-23 އަދި 25-20 އިންނެވެ. މެޗުގެ ފަހު ސެޓުގައި ޕޮލިހުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު މި ސެޓު 15-12 އިން ވެމްކޯ ވަނީ ގެންގޮސްފައެވެ.
ލީގުގެ އެއް ވަނައިގައި ސިޓީ އޮތީ ކުޅުނު ހަތަރު މެޗުން ސެޓެއް ވެސް ނުގެއްލި 12 ޕޮއިންޓް ހަމަކޮށްގެންނެވެ. ސިފައިން ދެ ވަނައިގައި އޮތީ ތިން މެޗުން ހަ ޕޮއިންޓާ އެކު އެވެ. ވެމްކޯ ތިން ވަނައިގައި އޮތީ ތިން މެޗުން ފަސް ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި އޮތް ޕޮލިހަށް ވަނީ ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފަ އެވެ. ގުޑީސް ސްޕޯޓްސް ކްލަބާއި އޮއްފު އެފްސީ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. ގުޑީސް ދެ މެޗު ކުޅުނުއިރު، އޮއްފު ވަނީ ތިން މެޗު ކުޅެފައެވެ.
ގައުމީ ލީގު ނިމުމަށްފަހު މި އަހަރުގެ ގައުމީ މުބާރާތުގެ ކުޅުން ފަށާނީ އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ހަވީރެވެ. ގައުމީ މުބާރާތަށް ކޮލިފައިވާނީ ގައުމީ ލީގުގެ ގަދަ ހަތަރު ޓީމެވެ.