ކުޅިވަރު

ދުނިޔޭގެ ޗެމްޕިއަނުންނާއެކު ބާއްވާ "ވިޒިޓް މޯލްޑިވްސް ޕްރޯ 2022" އިއުލާނުކޮށްފި


ދުނިޔޭގެ ޗެމްޕިއަނުންނާއެކު މުޅި އޭޝިއާގައި އަލަށް ބާއްވާ ބޮޑީބޯޑިން ވޯލްޑް ޓުއާގެ މުބާރާތެއް ކަމަށްވާ "ވިޒިޓް މޯލްޑިވްސް ޕްރޯ 2022" އަންނަ މަހުގެ ފަހުކޮޅު ރާއްޖޭގައި ބާއްވަން ނިންމައި އިއުލާނުކޮށްފިއެވެ.

މާލޭ ރާޅުގަނޑު ސަރަހައްދުގައި ބާއްވާ މި މުބާރާތް ކުރިޔަށްގެންދަން ނިންމާފައިވަނީ އަންނަ ޖުލައި މަހުގެ 29 އިން އޯގަސްޓް މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ. ޖުމްލަ 150 އެއްހާ އެތުލީޓުންނާއެކު ބާއްވާ މި ބައިނަލްއަޤްވާމީ މުބާރާތުގެ ދިވެހިވަންތަ ޕޯސްޓަރު ވެސް ވަނީ މުބާރާތް އިއުލާނުކުރި ނޫސްވެރިންގެ ބައްދަލުވުމުގައި ދައްކާލާފައެވެ. ޕޯސްޓަރު ހާމަކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފެވެ.

މީގެއިތުރުން މި ބައްދަލުވުމުގައި މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) ގެ ރައީސް އަބްދުﷲ އަރީފް (ފުކޫ) އާއި ޖެނެރަލް ސެކްރެޓަރީ ހަސަން ރަޝީދު (ރަޝް) ބައިވެރިވެވަޑައިގަތެވެ.

ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި ސަގާފަތް، އަދި ރާޅަށް އޮތް ލޯބި މި ޕޯސްޓަރުން ދައްކައިދެއެވެ. އެގޮތުން މާލޭ ހުކުރު މިސްކިތުގެ ހިރިގަލުގެ ފަރުމާ މި ޕޯސްޓަރުން ދައްކައިދެއެވެ.

ދުނިޔޭގެ އެންމެ މަތީފަންތީގެ އެތުލީޓުން މި މުބާރާތުގައި ބައިވެރިވާނެކަމަށް އެމްބީބީއޭ އިން މައުލޫމާތުދެއެވެ. ރާއްޖެއިން މި މުބާރާތް ބާއްވާތީ ގިނަ ފުރުސަތުތަކެއް ދިވެހި އެތްލީޓުންނަށް ލިބިގެންދެއެވެ. އެގޮތުން މުބާރާތުގެ އެކި ކެޓަގަރީތަކުން ދިވެހި އެތްލީޓުންނަށް ހިލޭ ޖާގަތަކެއް ލިބެއެވެ. އަދި ވައިލްޑްކާޑް މެދުވެރިކޮށް މުބާރާތުން ފުރުސަތު ލިބޭނެއެވެ.

ކުޅިވަރު ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވީ މިއީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނާއި އެއްގޮތަށް ސަރުކާރުގެ އަމާޒަކީ ބައިނަލްއަޤްވާމީ މޫދު ކުޅިވަރުތައް ރާއްޖެއަށް ގެނައުމަށް ކަމަށެވެ. އަދިމި މުބާރާތަކީ އެ މަސައްކަތުގެ ތެރެއިން ކުރެވޭ މަސައްކަތެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ފުކޫ ވަނީ ރާޅުގަނޑު ސަަރަހައްދުގައި މުބާރާތް ބާއްވާއިރު ގޮންޖެހުންތަކެއް ހުރި ކަމަށެވެ. ނަމަވެސް ސަރުކާރުގެ އެހީއާއި ގިނަ ބައެއްގެ މަސައްކަތުން މުބާރާތަށް ތައްޔާރުވެފައިވާ ކަމަށާއި މުބާރާތް ބޭއްވޭތީ ރައީސުލްޖުމްހޫރިއްޔާ އަދި ކުޅިވަރު ވަޒީރަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.

ބައިނަލްއަޤްވާމީ ގިނަ ބޮޑީބޯޑިން މުބާރާތްތަކުގައި ދިވެހި އެތްލީޓުން ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. މިއީ ރާއްޖޭގައި އެ އެތްލީޓުންނަށް ލިބިގެންދާނެ ރަނުގެ ފުރުސަތެއްގެ ގޮތުގައި އެމްބީބީއޭ އިން ހާމަކުރެއެވެ.