ދުނިޔެ

އާދަޔާ ޚިލާފު ހޫނާއި ބޯ ވާރޭ، މޫސުމީ ބަދަލުތަކާ އޮތް ގުޅުން ބޮޑު: ދިރާސާ


މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ އަސަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ދަނީ ފެންނަމުންނެވެ. އާދަޔާ ޚިލާފަށް މޫސުން ގޯސްވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް މިލިޔަން ބަޔެއްގެ ދިރިއުޅުމަށް ދަނީ އަސަރު ކުރަމުންނެވެ. ބައެއް ޤައުމުތަކުގައި އާދަޔާ ޚިލާފަށް ބޯކޮށް ވާރޭ ވެހެނީއެވެ. އަނެއްބައި ޤައުމުތަކުގައި އާދަޔާ ޚިލާފަށް ހޫނު ގަދަ ވަނީއެވެ. މި ފަދަ މޫސުމީ ބަދަލުތަކާ އެކު އެތައް ހާސް ބަޔެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އަދި، އެތައް މިލިޔަން ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ. ކުރިމަތިވި އެކި ހާދިސާތަކުގައި ގެދޮރު ހަލާކުވެ، އެތައް ބަޔަކުވަނީ ރެފިޔުޖީންނަށް ވެފައެވެ.

ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެއް ޤައުމީ ބަންގްލަދޭޝްއެވެ. ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެ ޤައުމުގެ ގިނަ ސަރަޙައްދުތަކެއްގައި ވަނީ ފެން ބޮޑުވެފައެވެ. ނަމަވެސް، އޭޝިޔާއާއި ވިލާތުގެ ގިނަ ޤައުމުތަކުން ފެންނަނީ އެހެން މަންޒަރެކެވެ. އެ ޤައުމުތަކުގެ ރައްޔިތުން ކުރިމަތިލަމުން ދަނީ އާދަޔާ ޚިލާފަށް ގަދަ ހޫނާއެވެ. އެފްރިކާގެ ގިނަ ޤައުމުތަކެއްގައި ހޫނު ގަދަވެ، ކުރިމަތިވެފައިވާ ހަނަފަސްކަމުގައި އެތައް މިލިޔަން ބަޔަކަށް ވަނީ ބަނޑުހައިހޫނުކަމާ ކުރިމަތިލާން ޖެހިފައެވެ.

ސައިންޓިސްޓުންގެ ޓީމަކުން އަންގާރަ ދުވަހު މި ވަނީ، ދުނިޔެ ހޫނުވުމާއި މުސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާ ގުޅޭ ގޮތުން ހަދާފައިވާ ދިރާސާއެއް ޝާއިޢުކޮށްފައެވެ. މި ދިރާސާގައި، ފާއިތުވި 20 އަހަރުގެ ތެރޭގައި މޫސުމަށް އައިސްފައިވާ ބަދަލުތަކާއި، އެ ކަން މެދުވެރިވާން ދިމާވި ސަބަބުތައް ދެނެގަތުމަށް މަސައްކަތް ކޮށްފައިވެއެވެ. އަދި. ކުރިއަށް އޮތް މަދު އަހަރުތަކެއްގެ ތެރޭގައި މޫސުމީ ގޮތުން ދުނިޔެ ކުރިމަތިލާން ޖެހޭނެ މަންޒަރު ވެސް އެ މީހުން ވަނީ ސިފަކޮށްދޭން މަސައްކަތް ކޮށްފައެވެ.

ވިކްޓޯރިޔާ ޔުނިވަރސިޓީގެ މޫސުމާ ބެހޭ ސައިންޓިސްޓެއް ކަމުގައިވާ ލޫކް ހެރިންގްޓަން ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ވާރެއާއި ފިނިހޫނުމިނަށް އަސަރު ކުރާ ގޮތާއި މިންވަރު ދެނެގަނެވިފައި ވާ ކަމުގައެވެ. ނަމަވެސް، ޖަނގަލިތަކުގައި ރޯވުމާއި ހަނަފަސް ކަމަށް މަގުފަހިވާ ގޮތް ދެނެގަތުމަށް އިތުރު ދިރާސާތައް ބޭނުންވާ ކަމުގައި އޭނާ ވިދާޅުވިއެވެ. ނަމަވެސް، މި ފަދަ ދިރާސާތައް ހެދުމަށް ހުރަސްތަކެއް އެބަހުއްޓެވެ. އެއް ކަމަކީ، މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅޭ "ޑޭޓާ" ނުވަތަ މާޢުލޫމާތު ބައެއް ޤައުމުތަކުގައި ރައްކާކޮށް، ފަސޭހައިން ލިބެން ނެތުމެވެ.

ޔުނިވަރސިޓީ އޮފް އޮކްސްފޮޑްގެ ސައިންޓިސްޓެއް ކަމުގައިވާ ބެން ކްލާކް ވިދާޅުވީ، މުސުމީ ބަދަލުތަކާ އެކު މީގެ ކުރިން ރެކޯޑްކުރެވިފައި ނުވާ މިންވަރަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފިނިހޫނުމިން މައްޗަށް ގޮސްފައިވާ ކަމުގައެވެ. އަދި، ޤައުމުތަކުން އާދަޔާ ޚިލާފު ގަދަ ހޫނާ ކުރިމަތިލާން ޖެހޭ މިންވަރު، އަދި ހޫނު ގަދަވާން އޮތް ފުރުޞަތު އެތައް ގުނައަކަށް އިތުރުވެފައިވާ ކަމުގައެވެ.

މިދިޔަ އޭޕްރިލް މަހު އިންޑިޔާއާއި ޕާކިސްތާނުގެ ބައެއް ސަރަޙައްދުތަކުގައި ފިނިހޫނުމިން މި ވަނީ ރެކޯޑް މިންވަރަކަށް މަތިވެފައެވެ. ބައެއް ސަރަހައްދުތަކުގައި ފިނިހޫނުމިން ރެކޯޑްކުރެވިފައި ވަނީ 50 ޑިގްރީ ސެލްސިއެސްއިން މަތީގައެވެ. ބަންގްލަދޭޝްގެ އިތުރުން ޗައިނާގެ ގިނަ ސަރަޙައްދުތަކަކަށް ވެސް މި އަހަރު މި ވަނީ ބޯކޮށް ވާރޭވެހުމާއި ފެންބޮޑުވުމާ ކުރިމަތިލާން ޖެހިފައެވެ. މި ފަދަ ހާދިސާތައް ޢާންމުވެފައިވާ ކަމުގައި ދިރާސާއިން ހާމަވެއެވެ. ސަބަބެއް ކަމަށް ސައިންޓިސްޓުން ބުނެފައި ވަނީ، މޫސުމަށް އަންނަ ބަދަލުތަކާ އެކު، ވިލާތަކުގެ ތެތްކަމަށް އަންނަ ބަދަލުތަކެވެ. ނަމަވެސް، މި ކަމުގެ އަސަރުތައް އެކި ޤައުމުތަކާއި ސަރަޙައްދުތަކަށް ކުރަނީ އެކި މިންވަރަށެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން ހަނަފަސްކަން އިތުރުވުމަށް މެދުވެރިވާ ސަބަބުތައް ދެނެގަތުމަށް ސައިންޓިސްޓުން އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ބައެއް ޤައުމުތަކުގައި ހަނަފަސްކަން އެތަކެއް އަހަރަކަށް ދެމިގެން ދާއިރު، އަނެއްބައި ޤައުމުތަކުން ފެންނަ މަންޒަރު ތަފާތެވެ. އެފްރިކާ ބައްރުގެ އިރުމަތީ ސަރަޙައްދުތަކުގެ ވިއްސާރަ މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން އިންޑިޔާ ކަނޑުގެ ސަރަޙައްދުގެ ޤައުމުތަކުގެ މޫސުމަށް އަންނަނީ ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ. އިންޑިޔާ ކަނޑުގެ ފެނުގެ ފިނިހޫނުމިން މަތިވެ، އިންޑިޔާ ކަނޑުގެ ސަރަޙައްދުތަކަށް ވާރޭ ވެހޭ މިންވަރު އެތައް ގުނައަކަށް އިތުރުވެއެވެ.

ހޫނު ގަދަވުމާއި ހަނަފަސްކަމުގެ ސަބަބުން އެކި ޤައުމުތަކުގެ ޖަންގަލިތަކުގައި އަލިފާން ރޯވުމުގެ ހާދިސާތައް ވެސް މި ވަނީ އިތުރުވެފައެވެ. ބައެއް ސަރަޙައްދުތަކުގައި އާދަޔާ ޚިލާފަށް ބޮޑެތި އަލިފާނުގެ ހާދިސާތައް ހިނގާފައިވެއެވެ. އަދި، 100,000 އަށްވުރެ އޭކަރުގެ ސަރަޙައްދުތައް ވަނީ އަނދައި އަޅިޔަށް ވެފައެވެ. އެމެރިކާގެ ނިއު މެކްސިކޯގައި އޭޕްރިލް މަހު ހިނގި އަލިފާނުގެ ހާދިސާއެއްގައި 341,000 އޭކަރުގެ ސަރަޙައްދެއް އެނދިއެވެ.

މީގެ އިތުރުން، ތޫފާންތަކުގެ އަދަދު އިތުރުވެ، ބާރު ގަދަވެ، ނުރައްކާތެރި ކަން ދަނީ އިތުރު ވަމުންނެވެ. ތޫފާންތަކުގެ އަސަރު އެންމެ ބޮޑަށް އިތުރުވެފައި މި ވަނީ ޕެސިފިކް ކަނޑުގެ މެދުތެރެއާއި އުތުރާއި، އެޓްލާންޓިކް ކަނޑުގެ އުތުރުގެ ސަރަޙައްދުތަކާއި، އިންޑިޔާ ކަނޑުގެ ސަރަޙައްދެއް ކަމުގައިވާ ބޭ އޮފް ބެންގާލްގެ އިތުރުން އިންޑިޔާގެ ކަނޑުގެ ދެކުނުގެ ސަރަޙައްދުތަކުގައެވެ.