ދުނިޔެ

ޗައިނާއިން ވެސް އެންމެ ފަހުން ކަރަންޓީ މުއްދަތު ކުރުކޮށްފި


ކޮވިޑް-19 އާ ގުޅިގެން ޗައިނާގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެ ޤައުމަށް ދަތުރުކުރާ މީހުން ކަރަންޓީނުގައި ފުރިހަމަ ކުރަންޖެހޭ މުއްދަތު 14 އިން ހަތް ދުވަހަށް ކުރުކޮށްފިއެވެ. އެ ޤައުމުގައި އަޅާފައިވާ ފިޔަވަޅުތައް އޮންނަ ގޮތުން، ކަރަންޓީނު މުއްދަތު ފުރިހަމަ ކުރަން ޖެހެނީ ސަރުކާރުން ކަނޑައަޅާފައިވާ ތަންތަނުގައެވެ. އެ ޤައުމުގެ ނޭޝަނަލް ހެލްތު ކޮމިޝަނުން މި ފިޔަވަޅުތަކަށް ލުއި މި ދިނީ ކަރަންޓީނުގެ އުސޫލަށް ގިނަ ބަޔެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ޗައިނާގައި އަމަލު ކުރަމުންދާ "ޒީރޯ ކޮވިޑް" ސިޔާސަތާ އެ ޤައުމުގެ ވިޔަފާރިވެރިންނާއި ޢާންނުންގެ ގިނަ އަދަދެއްގެ ބަޔަކު ދެކޮޅެވެ. ކޮވިޑް ކޭސްތަކެއް ފެންނަ ކޮންމެ ފަހަރަކު، ކޭސްތައް ފެންނަ ސަރަޙައްދު އެއްކޮށް ފުރަބަންދު ކުރުމަކީ ވެސް، ގިނަ ބަޔަކު ހިތްހަމަނުޖެހޭ މައްސަލައެކެވެ. މި ފިޔަވަޅުތަކާ ގުޅިގެން ވިޔަފާރީގެ ބޭނުންތަކާއި، ޢާއިލާގެ މެންބަރުންނަށް ޒިޔާރަތް ކުރަން އެ ޤައުމަށް ދަތުރު ކުރާ މީހުންގެ އަދަދު ވަނީ ވަރަށް މަދުވެފައެވެ. މި ސިޔާސަތުގެ ނޭދެވޭ އަސަރުތައް ޗައިނާގެ އިޤްތިޞާދުން ވެސް ދަނީ ފެންނަމުންނެވެ.

ކޮވިޑްގެ ކޭސްތަކެއް އެންމެ ފަހުން ޗައިނާއިން ފެނިފައި ވަނީ ވެރިރަށް ބެއިޖިންގް އަދި ވިޔަފާރީގެ މަރުކަޒީ ރަށް ޝެންގްހާއީއިންނެވެ. ފެބުރުއަރީ މަހު ފެނުނު ކޭސްތަކާ ގުޅިގެން އެ ދެ ސިޓީގެ ގިނަ ސަރަޙައްދުތަކެއް މި ޖޫން މަސް ފެށުމާ ހަމައަށް އޮތީ ފުރަބަންދު ކޮށްފައެވެ. ނަމަވެސް، މިދިޔަ އަންގާރަ ދުވަހުން ފެށިގެން އައު ކޭސްއެއް ރިޕޯޓުކޮށްފައެއް ނެތެވެ. މިއާ އެކު، ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ވަނީ ލުއިދޭން ފަށާފައެވެ. އެންމެ ފަހުން އިޢުލާނު ކޮށްފައިވާ ލުއިތަކުގެ ތެރޭގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ އެތެރޭގައި ކަސްޓަމަރުންނަށް ޚިދުމަތް ދިނުމުގެ ފުރުޞަތު ހުޅުވައިލުން ހިމެނެއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގްގެ "ޒީރޯ ކޮވިޑް" ސިޔާސަތު ކުރިއަށް އޮތް ފަސް އަހަރަށް ދަންމައިލާނެ ކަމަށް ބެލެވެއެވެ. މި ކަން ހާމަކޮށްފައި ވަނީ "ބެއިޖިންގ ޑެއިލީ" ނޫހުންނެވެ. ނަމަވެސް، އެ ރިޕޯޓު ފަހުން ވަނީ ނޫހުގެ ވެބްސައިޓުން ނަގާފައެވެ. ބެލެވޭ ގޮތުގައި، މިއީ އެ ސިޔާސަތާ ގުޅޭ ގޮތުން ޢާންނުންގެ ޚިޔާލު ހޯދުމަށް ޝާއިޢުކޮށްފައިވާ ޚަބަރެކެވެ.