1443 ވަނަ އަހަރު ރާއްޖެއިން ޙައްޖަށްދާ ޙައްޖުވެރިންގެ ދެވަނަ ގްރޫޕް މިރޭ ފުރާނެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ޙައްޖުވެރިންނަށް ފަސޭހަކަމާއެކު އެއަރޕޯޓަށް ދިއުމުގެ އިންތިޒާމު ކަމާގުޅޭ މުއައްސަސާތަކާއެކު ހަމަޖައްސާފައިވާކަމަށެވެ. އެގޮތުން މިރޭ ވެސް ޙައްޖާޖީންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަނޑައެޅިފައިވާ ބަސް ޕޮއިންޓްތަކުގައި އެހީތެރިވެ ދިނުމަށް ބޭފުޅުން ތިއްބަވާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ޙައްޖުވެރިން އެއާޕޯޓަށް ގެންދިއުމަށް މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭހެން ޖުމްލަ 24 ޕޮއިންޓެއް ވަނީ ކަނޑައަޅާފައެވެ. މި ޕޮއިންޓްތަކުގެ ތެރެއިން މާލޭގައި ބަސްތަކުގެ ދަތުރުތައް އޮންނާނީ މަޖީދީމަގު، ފަރީދީމަގު، އަމީނީމަގު އަދި ބޮޑުތަކުރުފާނުމަގުގައެވެ. މި ޕޮއިންޓްތަކުގެ ތެރެއިން މަޖީދީމަގުގައި 9 ބަސް، ފަރިދީމަގާއި، އަމީނީމަގާއި، ބޮޑުތަކުރުފާނު މަގުގައި 3 ބަސް އޮންނާނެއެވެ. މީގެ އިތުރުން ހުޅުމާލެ ފޭސް 1 ގައި 4 ވެހިކަލް، ހުޅުމާލެ ފޭސް 2 ގައި 2 ވެހިކަލް އަދި ވިލިމާލޭގައި އެމްޓީސީސީގެ 1 ފެރީ ޙައްޖުވެރިންނަށް ޚާއްސަކޮށް އޮންނާނެއެވެ.
ޙައްޖުވެރިންނާއިއެކު ބަސްތައް ދަތުރުކުރަމުންދާއިރު މި ބަސްތަކަށް ދަތިނުވާނެގޮތަށް ދިވެހި ފުލުހުންގެ ޚިދުމަތުން ޓްރެފިކް ބަލަހައްޓާނެއެވެ. އަދި ޙައްޖުވެރިންގެ ކަންތައްތަކުގައި މާލެއާއި ހުޅުމާލެ، އަދި އެއަރޕޯޓްތެރެއިންވެސް ކަމާގުޅޭ މުއައްސަސާތަކުން އެހީތެރިކަން ފޯރުކޮށްދެމުން ދާނެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ހުރިހާ ބަހެއްގެ ދަތުރުވެސް މިރޭ ފަށާނީ ރޭގަނޑު 19:10 އިން ފެށިގެން ކަމަށެވެ. އަދި ވިލިމާލެއިން ޙައްޖުވެރިންނަށް ޚާއްސަ ފެރީގެ ދަތުރު ފަށާނީ ރޭގަނޑު 19:15 ގައިކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މިރޭ ފުރާ ޙައްޖުވެރިންގެ ފްލައިޓް ފުރާނީ ރާއްޖެގަޑިން 23:30 ގައެވެ.
ސައުދީ އެއާލައިންއިން ޙައްޖުވެރިންގެ ދަތުރު ހަމަޖެހިފައިވާއިރު މިރޭ 175 ޙައްޖާޖީން ފުރުމަށްވަނީ ހަމަޖެހިފައެވެ.